އެމް.އެން.ޔޫން އެންމެބޮޑު އިސްކަމެއް ދޭނީ، ތަޢުލީމުގެ ކޮލިޓީ ހިފަހައްޓަން: ރެޖިސްޓަރ

ކޮވިޑު ނަވާރައިގެ ސަބަބުން، ހުއްޓައިލެވިފައިވާ، އެމް.އެން.ޔޫގެ ކިޔެވުން މިމަހުގެ 31 ގައި އޮންލައިންކޮށް ފެށި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދޭނީ، ދަރިވަރުންނަށް ފޯރުކޮށް ދޭ ތަޢުލީމުގެ ކޮލިޓީ ހިފެހެއްޓުމަށް ކަމަށް ގައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވެއްޖެއެވެ.

ޟާމިރު ވިދާޅުވީ، ކިޔަވައި ދިނުން ކުރިޔަށް ގެންދަވާނީ، ގޫގުލް މީޓް ބޭނުން ކޮށްގެން ކަމަށެވެ. މިގޮތަށް ކިޔަވައި ދެވޭ ފިލާވަޅުތައް، ރެކޯޑު ކުރުމަށްފަހު ލަރނިންގ މެނޭޖްމަންޓް ސިސްޓަމުގެ ތެރެއިން ދަރިވަރުންނާ ޝެއަރ ކުރައްވާނެ ކަމަށެވެ.

އާންމު ޙާލަތަށް އާދެވުނުހާ އަވަހަކަށް، މިހާރުވެސް ދޭ، ކޮލިޓީ އެޑިޔުކޭޝަން އަލުން އަނބުރާ ދޭން ފަށާނަން. މިހާލަތުގައި އޮންލައިންކޮށް ކިޔަވައި ދިން ނަމަވެސް، ޔުނިވަރސިޓީން ފޯރުކޮށްދޭ ތަޢުލީމު ކޮމްޕްރޮމައިޒެއް ނުކުރާނަން: ޟާމިރު

ރެޖިސްޓްރާ ވިދާޅުވީ، މިހާރު ބަލަމުން ދަނީ، އޮންލައިންކޮށް ގެންދެވޭނީ ކޮން ކޯސްތަކެއް ތޯއާއި، މިގޮތަށް ތައްޔާރު ވެފައި ތިބީ ކިހާ މުވައްޒަފުންނަކާއި ދަރިވަރުންނެއްތޯއެވެ. މީގެ އިތުރުން މިވަގުތު ގައުމަށް އެންމެ ބޭނުންތެރީ ކޮން، ކޯސްތަކެއްތޯއާއި އެންމެ ފަސޭހައިން ގެންދެވޭނީ ކޮން ކޯސްތަކެއްތޯއެވެ. އިތުރަށް އޭނާ ވިދާޅުވީ، އެއްވެސް ޕްރެކްޓިކަލް މާއްދާއެއް މިވަގުތު ކުރިޔަށް ނުގެންދެވޭނެ ކަމަށާއި، މިހާލަތުގައި ކުރިޔަށް ގެންދެވޭނީ، ތިއަރީ ބޭސްޑް ސަބްޖެކްޓްތައް ކަމަށެވެ.

2

މިހާލަތުގައި އެމް.އެން.ޔޫގެ ކިޔެވުން ފަށައިގަންނަނީ، އޮންލައިންކޮށް ކަމަށާއި އެހެންކަމުން ދަރިވަރުންގެ އަތުގައި ވަސީލަތްތައް ހުރި ނެތް ގޮތް ބައްލަވަމުން ގެންދަވާ ކަމަށާއި ވަސީލަތްތައް ނެތް ދަރިވަރުންނަށް ކަނެކްޝަން ދެވޭނެ ގޮތްތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރެޖިސްޓްރާ މަޢުލޫމާތު ދެއްވިއެވެ.

ރެޖިސްޓްރާ ވިދާޅުވީ، މިހާލަތުގައި ދަރިވަރުންނަށް ލައިބްރަރީން، ކުރީން ލިބުނު ގޮތަށް ހާޑުކޮޕީ ފޮތެއް ނުލިބުނު ނަމަވެސް، ޑިޖިޓަލްކޮށް ފޮތްތައް ލިބޭނެ ނިޒާމް ޔުނިވަރސީޓީގައި މިހާރުވެސް، ގާއިމު ކުރެވިފައި ވާ ކަމަށެވެ. އިތުރަށް ވިދާޅުވީ، ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު، ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!