"ޢިލްމުގެ މަދަރުސާ"ގެ ނަމުގައި، ޑރ. ޝަހީމުގެ އަގުހުރި ދަރުސެއް

މަދަރުސާ އޮންލައިންގެ ފަރާތުން "ޢިލްމުގެ މަދަރުސާ" މިނަމުގައި ޑރ. މުޙައްމަދު ޝަހީމު ޢަލީ ޝަޢީދުގެ އަގުހުރި ދަރުސެއް އިއްޔެ ހަވީރު ގެނެސް ދީފިއެވެ.

މިނޫހުގެ ފޭސްބުކު ޕޭޖުން ލައިވް ކުރި މިދަރުސް، ގެނެސް ދީފައިވަނީ އިއްޔެ ހަވީރު ފަސްގަޑި ތިރީހުން ފެށިގެންނެވެ. ތިރީސް މިނިޓުގެ މިދަރުސްގައި،  ޢިލްމުގެ މުހިންމުކަމާއި ބޭނުންތެރިކަމާއި އިސްލާމް ދީން، ޢިލްމަށް ދެއްވައިފައިވާ އަހަންމިއްޔަތުގެ ކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައި ލައްވައިފައިވެއެވެ.

ޑރ. ޝަހީމުގެ މި ދަރުސްގައި ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޙަޟާރަތެއް ވެސް، ކުރިއަރައިފައިވަނީ އެމީހުންގެ އަތުގައި އޮތް ޢިލްމަކުން ކަމަށެވެ. މީގެ ދުނިޔަވީ ބައެއް މިސާލުތައްވެސް މިދަރުސްގައި ވަރަށް ފުރިހަމައަށް ގެނެސް ދެއްވައިފައިވެއެވެ.

އިސްލާމީ އުންމަތް އުފެދުމަށްފަހު، ﷲ ގޮވައި ލެއްވީ ޢިލްމުގައި ކުރިއެރުމަށް ކަމަށާއި، ކީރިތި ޤުރުއާނުން، އެންމެ ފުރަތަމަ ބާވައި ލެއްވުނު ފަސް އާޔާތުގެ ތެރޭގައި، ދެ ފަހަރަށް ޢިލްމު ހޯދުމަށް ބަޔާން ވެގެން ވާކަމަށް ވިދާޅުވެ، ޑރ. ޝަހީމު ވިދާޅުވީ، އިސްލާމީ ޙަޟާރަތުގައި ޢިލްމީ ފަލްސަފާ އެހެން ޙަޟާރަތްތަކާ ތަފާތުވާ ޚާއްޞަ ސިފައަކީ، އިސްލާމީ ޢިލްމަކީ، ތަރުބިއްޔަތާ ގުޅިފައިވާ ޢިލްމަކަށްވުން ކަމަށެވެ.

ކިޔަވައިގެން މަތީ ސެޓްފިކެޓެއް ޙާޞިލް ކުރިޔަސް، އަޚުލާޤާއި ތަރުބިއްޔަތު ނެތްނަމަ، އެއީ ނެތް މީހެއް. ތަރުބިއްޔަތު ހުރެފައި، ޢިލްމު ނެތްނަމަ އެފަދަ މީހެއްގެ މާބޮޑު ބޭނުމެއް ޙަޟާރަތަކަށް ނުލިބޭނެ: ޑރ. ޝަހީމު

ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ، ތަރުބިއްޔަތާއި ޢިލްމާ މި ދެބައި ގުޅެން ޖެހޭނެ ކަމަށެވެ. މިކަމުގެ ދުނިޔެވީ ވަރަށް ގިނަ މިސާލުތައް ވެސް، މިދަރުސްގައި ދައްކަވައިފައިވެއެވެ.

މި ދަރުސްގައި އިސްލާމް ދީނަކީ ޢިލްމަށް ލޯބިކުރާ ދީނެއް ކަމަށް ވިދާޅުވެ، ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ގެނެވޭ ފަރާތްތަކުން، މުސްލިމު ލިޔަން ކިޔަން ނުދަންނަ މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދޭން ޖެހުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން "ދާރުލް އަރުޤަމް" ގެ މިސާލު ނަންގަވައި، އެ މަރުކަޒުން އުފެދުނު ޢިލްމީ ޖީލުތަކުގެ ފަރާތްޕުޅުން ފެނުނު ކަންމަކުގެ މިސާލުތައް ގެނެސް ދެއްވިއެވެ. ހަމައެހެންމެ، މަސްޖިދުއްނަބަވީ ބިނާކުރެވުނު ގޮތާއި، އެތަން ޢިލްމީ މަރުކަޒަކަށް ވެގެން ދިޔަގޮތާއި، އިސްލާމްދީން ޢިލްމަށް ދެއްވި އަހަންމިއްޔަތުގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި ބައްލަވައި ލައްވަމުން ޑރ. ޝަހީމު ވިދާޅުވީ، ޢިލްމުގެ އަހުލުވެރީންނަށް ސަނާއާއި، މަދަހަ ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަމަށެވެ.

ޑރ. ޝަހީމުގެ މި ދަރުސްގައި، މިއަދުގެ ކިޔަވާ ކުދިންގެ ކިބައިން އެދިވަޑައިގަތީ، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ. ޢިލްމު ހޯދުމަށް އަމިއްލައަށް ގަދައަޅައި،  ކުރާ މަސައްކަތަށް، ﷲ ގެ ޙަޟުރަތުން ސަވާބާއި ދަރުމައާއި ބަރަކާތް ދެއްވާނެ ކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!