އާ، އާންމު ހާލަތުގައި ސްކޫލުތައް ހުޅުވޭއިރު، ބޮޑެތި ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ. ކްލާހުގައި ކުރީން ކުދިން ތިބި އަދަދަށް ވުރެ، ދަރިވަރުންގެ މަދުވާނެއެވެ. އަދި ކުރީން ދަރިވަރުން ކްލާހުގައި ތިބި ގޮތް ބަދަލުވެ، އިޖްތިމާޢީ ގައިދުރު ކަމަށް އިސްކަން ދެވޭނެއެވެ.
އާ އާންމު ހާލަތުގައި ޢަމަލު ކުރާނެ ގޮތުގެ ތިން ސިނާރިއޯ އެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވައި ލައިފައިވާ ކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރގެ ތަރުޖަމާނު މަބުރޫކު ޢަޒީޒު ހާމަ ކުރައްވައިފައިވެއެވެ. އޭގެތެރެއިން ތަންފީޒު ކުރާނެ ސިނާރިއޯ އެއް ނިންމަވާނީ، ޓެކް ޓީމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، އާ އާންމު ހާލަތުގައި، ސްކޫލުތައް ހުޅުވިގެންދާނީ އެތަނަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ދަރިވަރުންގެ ޞިއްހަތު އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ. ސްކޫލުތައް ހުޅުވުމުގެ ކުރީން އަޅުގަނޑުމެން ކަށަވަރު ކުރާނަން ސްކޫލުތައް ރައްކާތެރިކަން. އަދި ބަލިމަޑުކަން މުޖްތަމަޢުގައި އޮތީ ކިހިނެއް ކޮން މިންވަރަކަށްކަން." ޑރ. ޢާއިޝަތު ޢަލީ
އާ، އާންމު ޙާލަތުގައި ޢަމަލު ކުރާނެ ގޮތުގެ ތިން ސިނާރިއޯ އެއް އެކުލަވައި ލެވިފައި ވީ ނަމަވެސް، ސްކޫލުތަކުގެ ކިޔެވުން ފެށޭނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ފުރަތަމަ ފިޔަވަހީގައި ސްކޫލަށް ގެންދާނީ، ކޮން ގްރޭޑް ތަކެއް ތޯ، ކްލާހުގައި ތިބި ކުދިންގެ އަދަދު މަދުކޮށް ދެކުލާހަށް ބަހައިލާނީ ތޯ، ނޫނީ ދެ ދުވަހުން އެއްދުވަހު އެ ކުދިން ސްކޫލަށް ގެންނާނީ ތޯ، މިހިރީ ހައްތަހާ ވެސް، އުފެދޭ ސުވާލުތަކެވެ.
މިހާރު ކްލާހުގައި ތިބި ކުދިން، ދެ ކްލާހަކަށް ބަހައިލައި، އެއްވަގުތެއްގައި ކިޔަވައި ދޭނަމަ، ޖާގައިގެ ދަތިކަން ކުރިމަތި ވުމުގެ އިތުރުން މުވައްޒަފުން އިތުރު ކުރުމަށް މަޖުބޫރުވާނެއެވެ. އެހެންކަމުން މިގޮތަށް މިކަން ކުރުމަކީ އެންމެ ރައްކާތެރި ގޮތަށް ވެދާނެ ކަމަކަށް ތަޢުލީމީ ދާއިރާގެ ގިނަބަޔަކު ނުދެކެއެވެ. ދެން، އޮތީ ދަންފަޅިތައް އިތުރު ކުރުމެވެ. ދަންފަޅިތައް އިތުރު ކުރާނަމަ، ދިމާވާނެ އެހެން މައްސަލައެއް އެބައޮތެވެ. ކޮންމެ ދަންފަޅިއެއް ނިމުމަށްފަހު، ހުރިހައި ކްލާސްތަކެއްގެ ޑެސްކްތަކާއި، ގޮނޑިތަކާއި، ތަޅުމާއި، ބެންޗުތަކާއި، ކުދިން ވަދެނިކުމެ އުޅޭ ހުރިހައި ތަނެއް ޑިސްއިންފެކްޓް ކުރުމެވެ. މިކަން މިދެންނެވި މަގަށް ކުރުމަށް އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ގޮތާއި، މަސައްކަތް ކުމުގައި އަމަލު ކުރާނެ ގޮތްތައް، އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ކިޔައިދީ އެކަމަށް އެމީހުން ވަރަށް ރަނގަޅަށް ތަމްރިނު ކުރެވެން ޖެހެއެވެ. މިވަރުގެބޮޑު މަސައްކަތެއް ސްކޫލުގައި ވަޒީފާ އަދާކުރާ މަސައްކަތު މީހުންނަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުރެވިދާނެ ބާވައެވެ؟ އެހެންވެއްޖެނަމަ ދެން މިކަމަށް ހައްލު ހޯދާނީ ކިހިނެއްހެއްޔެވެ؟ އިތުރު މުވައްޒަފުން ހޯދާނީ ހެއްޔެވެ؟ ނޫނީ، ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދާނީ ހެއްޔެވެ؟
ސްކޫލަށް އެއްވަގުތެއްގައި ގެންދާ ގްރޭޑް ތަކުގެ އަދަދު އިތުރުވި ވަރަކަށް ޓީޗަރުންގެ އަދަދު ވެސް، އިތުރުވާނެއެވެ. ގިނަ ސްކޫލުތަކުގައި މިހާރުވެސް ޓީޗަރުން ތިއްބަވަނީ ބޮޑު މޭޒެއްގެ ކައިރީގައި، ތޮއްޖެހިގެންނެވެ. އެހެންކަމުން އާ، އާންމު ހާލަތުގައި ޓީޗަރުންނަށް ވެސް، އިޖްތިމާއީ ގައިދުރުކޮށް ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އާ، އާންމު ހާލަތުގައި ސްކޫލުތަކުގައި ކިޔަވައި ދިނުން ފަށާއިރު އެންމެ މުހިންމު އެއް ކަމަކަށް ވާނީ، އެއްވަގުތެއްގައި ސްކޫލަށް ގެނެވޭ ކުދިންނާއި ޓީޗަރުންގެ އަދަދު ވީހާވެސް، މަދު ކުރުމެވެ. ކޮވިޑު ނަވާރައިގެ ބިރުވެރިކަން ނެތް، ރަށްރަށުގެ ސްކޫލުތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއެކޭ ވެސް އެއްގޮތަށް ހުޅުވައިލެވިދާނެ ކަމަށް ފެނެއެވެ. އެހެންނަމަވެސް، ފުރަމާލެ ކަހަލަ، ކޮވިޑު ނަވާރައިގެ ބިރުވެރިކަން އޮތް ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅަން ޖެހޭނެ ކަމަށް ފެނެއެވެ. އެއީ، ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ކަމަށް ވިޔަސްމެއެވެ.
އާ، އާންމު ހާލަތުގައި ސްކޫލުތަކަށް ކުދިން ދާއިރު، ގޭޓުން ވަންނަ ހިސާބުން ގައިދުރުކޮށް ތިބެ، އަތްދޮވެވޭނި އިންތިޒާމުތައް އެވަގުތު، ސްކޫލަށް ޙާޟިރުވާ ދަރިވަރުންގެ ނިސްބަތަށް ރިޢާޔަތް ކުރެވިގެން އިންތިޒާމު ކުރެވިފައި ވުމަކީ، މުހިންމު ކަމެކެކެވެ. ދަރިވަރުން ސްކޫލަށް އަންނާނީ، މާސްކު އަޅައިގެން ކަމަށް ވީ ނަމަވެސް، ސްކޫލުން ދަރިވަރަށް އާ މާސްކެއް ދިނުމާއި، ސްކޫލު ނިންމުމަށްފަހު ދަރިވަރު ސްކޫލު ގޭޓުން ބޭރަށް ނިކުތުމުގެ ކުރީން، ސްކޫލުން ދަރިވަރާ ހަވާލު ކުރި މާސްކު، ގޭޓު ކައިރީގައި ހުންނަ ޑަސްބިނަށް ލުން، ނުވަތަ، ސްކޫލުން ކަނޑައަޅާ ފަރާތަކާ އެ މާސްކު ހަވާލު ކުރުމަކީ ބޭނުންތެރިކަމެކެވެ. ދަރިވަރު ގެޔަށް އެނބުރި ދާނީ، ދަރިވަރުބަލާ، ބެލެނިވެރިޔާ އަންނަ އިރު ގެންނަވާ މާސްކު އަޅައިގެންނެވެ. މީގެ ބޭނުމަކީ، މާސްކުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
މިހާލަތުގައި ސްކޫލަށް ދަރިވަރުން އަންނައިރު، ވީހާވެސް މަދުތަކެތި ގެނައުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. އަދި ހަމައެހެންމެ ކިޔަވައި ދެއްވުމުގައި ބޭނުން ކުރާ ކަރުދާހުގެ މިންވަރު ވީހާވެސް މަދުކޮށް، ޑިޖިޓަލްކޮށް ކިޔަވައި ދިނުމަށް އިސްކަން ދިނުމަކީ، ބޭނުންތެރިކަމެކެވެ. އަދި ފުރަތަމަ އެއްމަސް ނުވަތަ ދެމަހު ހަމައެކަނި މަޖުބޫރު މާއްދާތައް ކިޔަވައި ދިނުމަކީ ވެސް، ކޮވިޑު ނަވާރައިގެ މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. މީގެއިތުރުން، ކިޔަވައި ދިނުމުގެ ގޮތުން ކްލާހުން ބޭރަށް ދަރިވަރުން ގެންދާ ގެންދިއުން ވެސް، މިހާލަތުގައި ހުއްޓައިލެވެން ޖެހޭނަ ކަމަށް ފެނެއެވެ. މިގޮތުން ދަރިވަރުން ލައިބްރަރީއާއި ލެބްތައްފަދަ ތަންތަނަށް ނުގެންގޮސް، ކިޔަވައި ދެވޭނެ އިންތިޒާމުތައް ރޭވުމަކީ، މިހިނދު ވަރަށް ބޭނުންތެރި ކަމެކެވެ.
އާ އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފެށި ކުރިޔަށް ދާއިރު، ދަރިވަރުންނަށް ކިޔަވައި ދެއްވުމުގައި މަސައްކަތް ކުރައްވާ ޓީޗަރުން ވަކި ރޫޓިންއަކުން ޓެސްޓް ކުރުމާއި، ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ވެސް، ރެންޑަމްކޮށް ޓެސްޓު ކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ ސްކޫލަށް އަންނަ ދަރިވަރުންނާއި މުވައްޒަފުންގެ ޓެމްޕަރޭޗަރ ޗެކް ކުރުމަކީ ވެސް، މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްތާއެވެ.
އާ، އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފެށުމާބެހޭ ގޮތުން ބައެއް ޓީޗަރުންނާއި ބައެއް، ޕްރިންސިޕަލުންގެ ޚިޔާލު ހޯދައި ލެވުނެވެ. ގިނަ ޓީޗަރުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތަކުން ފާހަގަވީ، ފުރަތަމަ އެއްމަސް، ނުވަތަ ދެމަހު، ދެދުވަހުން އެއްދުވަހު ދަރިވަރުން ސްކޫލަށް ގެނައުން ބުއްދިވެރި ކަމެވެ. އަދި މިގޮތަށް ދަރިވަރުން ސްކޫލަށް ގެންނައި އިރު، އެއްވަގުތެއްގައި ސްކޫލުގައި އުޅޭ ދަރިވަރުންގެ އަދަދު ވީހާވެސް މަދު ކުރަން ޖެހޭކަމެވެ. ޚިޔާލު ހޯދުމުގައި ބައިވެރިވި ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ދެކޭ ގޮތުގައި ސްކޫތައް ހުޅުވައިލެވޭ ފުރަތަމަ މަރުހަލާގައި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެނައުމަކީ އެހައި ބުއްދިވެރި ކަމެއް ނޫނެވެ.
advertisment
advertisment
advertisment