ކޮވިޑު ނަވާރައިގެ ސަބަބުން ގައުމު ފުރަބަންދު ކުރެވި ދަރިވަރުންނާއި ޓީޗަރުން ވެސް، ތިބީ ގޭގައެވެ. މިހާލަތުގައި، ކިޔެވުމާ ދުރަށް ދަރިވަރުން ނުގޮސް، ކިޔެވުމުގެ ކަންކަމުގައި ދަރިވަރުން ޝާމިލު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދެއެވެ.
ދަރިވަރުންނަށް ސްކޫލުތަކަށް ނުދެވި، ދިގުލައި ދިއުމަކީ، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެކެވެ. ސްކޫލްތައް ނުހުޅުވި މިގޮތަށް ދިގުލައިގެން ދިއުމަކީ ދަރިވަރުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެކަމަނާ ދެކެވަޑައި ގަންނަވައެވެ. މިފަދަ ކަންކަމާ ގުޅޭގޮތުން ދިރާސާތައް ހެދިފައި އެބަހުއްޓެވެ. އެފަދަ ދިރާސާތަކުން ހާމަވެފައި ވަނީ، ސްކޫލާ ދުރުގައި ދަރިވަރުން ތިބޭން ޖެހުމަކީ، ކިޔެވުމަށް ދަރިވަރުންގެ ހުންނަ ޝައުޤުވެރިކަން ގެއްލޭ ކަމެއް ކަމަށް މިނިސްޓަރ ފާހަގަ ކުރައްވައެވެ. މިހާލަތުގައި ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ދަރިވަރުންނަކަށް ނޫނެވެ. ޓީޗަރުންނާއި ބެލެނިވެރީންނަށް ވެސް، އެކަމުގެ ނޭދެވޭ އަސަރުތައް ކުރާ ކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައިވެއެވެ. އެހެންވީމާ، މިހުރިހާ ކަންކަމަކަށް ރިޢާޔަތް ކުރެވިގެން ވީހާވެސް އަވަހަކަށް ސްކޫލުތައް ހުޅުވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ކޮވިޑު ނަވާރައިގެ ސަބަބުން ސްކޫލާ ދުރުގައި ފުރަބަންދެއްގައި ގިނަދުވަސްތަކެއް ހޭދަ ކުރާން ޖެހުމުން، ދަރިވަރުންނަށް މިވަނީ، އެތައް ގޮތަކުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ޖިސްމާނީ ގޮތުންނެވެ. ރޫހާނީ ގޮތުންނެވެ. ނަފުސާނީ ގޮތުންނާއި ޞިއްޙީ ދުޅަހެޔޮކަމަށެވެ. މިދެންނެވި ހުރިހާ ކަމަކަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ހަމައެކަނި ތަނަކީ، ސްކޫލް މަދަރުސާތައް ކަމަށް ވީ ހިނދު، މި ބަލިމަޑުކަމުގެ ސަބަބުން ދަރިވަރުންނަށް ލިބެމުން މިދާ، ގެއްލުންތަކުން އަރައި ގަތުމަށްޓަކައި، ވީހާވެސް އަވަހަކަށް ސްކޫލް މަދަރުސާތައް ހުޅުވުމަކީ މިހިނދަށް ވަރަށް ބޭނުންތެރި ކަމެކެވެ.
ސްކޫލްތަކަކީ މުޖްތަމަޢުގެ އެއްބައި. ސްކޫލްތަކާނުލައި މުޖްތަމަޢު ފުރިހަމައެއް ނުވާނެ. ސްކޫލްތައް އަލުން ހުޅުވަންވީ، ފޮތުން ދެލިގަނޑުގެ ބައެއް ކިޔަވައި ނުދެވިދާނެތީއެއް ނޫން. މިފަދަ ބަލިމަޑުކަމެއްގެ ސަބަބުން މުޖްތަމަޢުގެ އިޖްތިމާޢީ، ރޫހާނީ، އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް ތަރުތީބުން ފަރުވާދެވޭނެ އެއް މުއައްސަސާއަކީ އެ މުޖްތަމައެއްގެ ސްކޫލް ނުވަތަ ތަޢުލީމީ މުއައްސަސާ ކަމުގައި ވާތީ: މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ
ތެދުފުޅެކެވެ. ސްކޫލްތައް ހުޅުވާންވީ ފޮތުގެ ދެލިގަނޑުން ބައެއް ކިޔަވައި ނުދެވިދާނެތީކީ ނޫނެވެ. ކޮވިޑު ނަވާރައިގެ ސަބަބުން ދަރިވަރުންނަށް ލިބެމުންދާ ގެއްލުންތަކަށް ތަރުތީބުމަގުން ފަރުވާ ދެވޭނެ އެއްތަނަކީ ސްކޫލް މަދަރުސާތައް ކަމަށްވާތީއެވެ. މިކަންކަމަށް ފަރުވާ ލިއްބައިދެވޭ ގޮތަށް ސިލަބަސްތައް ފަރުމާ ކުރެވި ފޮތްތައް ލިޔެވި ސްކީމްތައް އެކުލަވައިލެވި އިންތިޒާމުތައް ކުރެވިފައި ވާ ތަނަކީ ސްކޫލް މަދަރުސާތައް ކަމަށްވާތީއެވެ. މުޖްތަމަޢު އޭގެ ޙަޤީޤީ މާނައިގައި ފެނިގެންދާނީ ސްކޫލް މަދަރުސާތައް ހުޅުވި އެތަންތަނުން ލިއްބައިދެވޭ "ފަރުވާ" ގެ ސަބަބުން ކަމަށް ވާތީއެވެ. ކަންމިހެން އޮތުމުން، ބެލެނިވެރީން ވެސް، މިއަދު އެންމެބޭނުން ވާނީ، ވީހާވެސް އަވަހަކަށް ސްކޫލްތައް ހުޅުވި، ދަރިވަރުންނަށް ލިބެމުން މިދާ ގެއްލުންތަކުން އަރައިގަތުން ކަމަށް ޤަބޫކު ކުރެވެއެވެ.

ވީހާވެސް އަވަހަކަށް ސްކޫލުތައް ހުޅުވަންވެއްޖެ ކަމަށް، މިތަނުގައި މި ފާހަގަ ކުރަނީ، ކޮވިޑު ނަވާރައިގެ ބިރުވެރިކަން އަދި ނެތް، ރަށްރަށުގެ ސްކޫލްތަކެވެ. މާލެފަދަ ކޮވިޑު ނަވާރައިގެ ބިރުވެރިކަން އޮތް ތަންތަނުގެ ސްކޫލުތައް ހުޅުވުން އަދި ފަސްކޮށްލުމަކީ، ބުއްދިވެރިކަމެކެވެ.
މަދަރުސާ އަށް މައުލޫމާތު ދެއްވި ބައެއް ބެލެނިވެރިން ބުނުއްވީ، ކޮވިޑު ނަވާރައިގެ ސަބަބުން ސްކޫލާ ދުރުގައި ތިބެން ޖެހުމުން ދަރިންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފައި ވާ ކަމަށެވެ. އެހެންކަމުން ޞިއްޙީ މާހިރުންގެ އިރުޝާދުގެ ދަށުން ފިޔަވަޅުތައް އަޅައިގެން ސްކޫލުތައް ހުޅުވުމަކީ، މިހާރު ދެން ކުރާންވެއްޖެ ކަމެއް ކަމަށެވެ.
ކިތަންމެ ވަރަކަށް ކިޔަސް މާ ބޮޑު ސަމާލުކަމެއް ނުދޭ. ފާޑަކަށް އިންނާނީ ވެސް. އެހާ ވާހަކަ އެއް ނުދައްކާ. ކުރީގައި އުޅުނު އުފާވެރިކަމެއް ނުފެނޭ. އެހެން އިނދެފައި ބައެއް ފަހަރު އަހާލާނެ ދެން ސްކޫލް ހުޅުވޭނީ ކޮން އިރަކުން ހޭ: ބެލެނިވެރިޔެއް
އާ އާންމު ހާލަތުގައި ސްކޫލުތައް ހުޅުވާއިރު، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ބެލެނިވެރީންނަށް ދެއްވާ ޔަޤީން ކަމެއް އެބައޮތެވެ.
ސްކޫލުތައް ހުޅުވާއިރު އަޅުގަނޑުމެން ކަށަވަރު ކުރާނަން ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން. ބަލިމަޑުކަން މުޖުތަމަޢުގައި އޮތީ ކިހިނެއް ކޮން މިންވަރަކަށްކަން. އެކަން ކަށަވަރު ނުކޮށް އަޅުގަނޑުމެން ސްކޫލް ތަކެއް ނުހުޅުވާނަށް." ޑރ. ޢާއިޝަތު ޢަލީ
މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ، ސްކޫލުތައް ހުޅުއްވާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅިފައި ހުންނާނެ ކަމަށާއި، އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަކާއި، ތަމްރީނުތައް މިހާރު ވެސް، ކުރިޔަށް ގެންދަވާ ކަމަށެވެ.
ކަންމިހެން އޮތުމުން ސްކޫލުތައް ހުޅުވުމަށް މަރުހަބާ ނުކިޔާނީ ކޮން ބެލެނިވެރިޔެއްތޯއެވެ. ސްކޫލް މަދަރުސާ ތަކަކީ، ދަރިވަރުންގެ ރޫހާނީ، ނަފްސާނީ، އިޖްތިމާޢީ، ޞިއްޙީ ދުޅަހެޔޮކަމަށް ފަރުވާ ދެވޭގޮތަށް ކަންކަން އިންތިޒާމު ކުރެވި، އެމަގަށް ހިނގަމުންދާ ތަންތަން ކަމަށް ވީ ހިނދު، ކޮވިޑު ނަވާރައިގެ ސަބަބުން ދަރިވަރުންނަށް ކުރަމުންމިދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ސްކޫލް މަދަރުސާތައް ވީހާވެސް އަވަހަކަށް ހުޅުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
advertisment
advertisment
advertisment