ދިރާސީ އަހަރު ފެށުން، އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމާމެދު ޚިޔާލު ހޯދައިލުމަށް، ތަޢުލީމީ ދާއިރާގައި ވަރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި މަޝްހޫރު ބޭފުޅަކަށް ސުވާލު ދަންނަވައިލި ހިނދު ވަރަށް އަސަރާއެކު ވިދާޅުވީ މިހެންނެވެ.
ކިތަންމެ ހެޔޮ ބަދަލެއްވެސް ގެނެވިދާނެ. އެކަމަކު ހިތާމަޔަކީ، އެބަދަލު ދެމި އޮންނާނީ ކިތައް އަހަރު ދުވަހަށްކަން ނޭނގޭތީ. ހުޅަނގުމޫސުމާއި އިރުވައި މޫސުމަށް ވައިބަދަލުވާހެން ތަޢުލީމީ ނިޒާމަށް ބަދަލުތައް އައުމަކީ ހިތާމަ ހުރިކަމެއް: ޕްރިންސިޕަލެއް
ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭގައި ފަށާގޮތަށް މިހާރުވަނީ ނިންމަވައިފައެވެ. އެހެންނަމަވެސް މިބަދަލު، ދާއިމީ ދާއިމީ ބަދަލަކަށް ވެގެންދާނީ ކަމާގުޅުން ހުރި އިދާރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ދެވަނަ އަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، މިއަހަރުގެ އޮކްޓޯބަރ ނޮވެމްބަރގައި، ބޭއްވުމަށް ކުރީން ތާވަލު ކޮށްފައި އޮތް، އޯލެވެލް އިމްތިޙާނާއި، ސާނަވީ އިމްތިޙާނުތަކާއި، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާގެ އިމްތިޙާނުތައް އަންނަ އަހަރުގެ މެއި، ޖޫން ގައި ހަދާގޮތަށް ނިންމެވުމެވެ. ދިރާސީ އަހަރުގެ ފެށުމަށް ގެނެވޭ ބަދަލަކީ ދާއިމީ ބަދަލަކަށް ވެއްޖެނަމަ، މި އިމްތިޙާނުތައް ވެސް، ކުރިމަގުގައި ދެން ކުރިޔަށް ދާނީ، ކޮންމެ އަހަރެއްގެ މެއި ، ޖޫން ގައެވެ.
ދިރާސީ އަހަރު، ފެށުމަށް ބަދަލު ގެންނާކަށް ނުޖެހޭ
ދިރާސީ އަހަރު އަންނަ އަހަރުގެ އޯގަސްޓްގައި ފެށުމާމެދު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޚިޔާލު ދެކަފި ވެފައިވާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަރާތްތަކުން ދެކިލައްވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރުގެ ފެށުމަށް ބަދަލު ގެންނާކަށް ނުޖެހެއެވެ. ސަބަބެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވަނީ، ކޮވިޑުގެ ސަބަބުން މާ ގިނަ ދުވަސްތަކެއްގެ ކިޔެވުން މިހާތަނަށް ގެއްލިފައި ނުވުމެވެ. ފާއިތުވެ މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރެއަށް ކުޑަޢީދު، ބަންދު ދުވަސްތަކާއި މިޑްޓާރމު ޗުއްޓީ ވެސް، ވަދެގެން ގޮސްފައިވާކަން ބައެއް ބޭފުޅުން ފާހަގަ ކުރައްވައެވެ. ދެވަނައަށް ފާހަގަ ކުރައްވަނީ ގްރޭޑް 10 ގެ ކުދީންގެ ސިލަބަސް ޖުލައި މަސް ފެށުމުގެ ކުރީން، އާންމުގޮތެއްގައި ސްކޫލުތަކުން ނިންމާތީ، އެކަމެވެ. އެހެންކަމުން މިއަހަރު ގްރޭޑް 10 ގައި ކިޔަވަމުން ދާ ދަރިވަރުންގެ ސިލަބަހުގެ ބޮޑުބައެއް މިހާރު އޮންނާން ޖެހޭނީ ނިމިފައި ކަމަށް ބައެއް ފަރާތްތަކުން ދެކިލައްވައެވެ. ވީމާ، ދިރާސީ އަހަރުގެ ފެށުމަށް ބަދަލު ގެނައުމާ، ކޮވިޑް-19 އާ، ގުޅުމެއް ނެތް ކަމަށް ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވައެވެ.
އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ އޭޝިއާގައި އޮތް، ކޭމްބްރިޖްގެ އެންމެބޮޑު ކަސްޓަމަރެވެ. އިންޑިއާގައި ކޭމްބްރިޖް އިމްތިޙާނު އަންނަ އަހަރުގެ ފެބުރުއަރީ މަހު އޮވެއެވެ. އެހެން ކަމަށްވާއިރު، 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި އެ އިމްތިޙާނު ނުބޭއްވެން ވީ، ސަބަބާމެދު ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުން ސުވާލު އުފައްދަވައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ މޫސުމް އެންމެ ގޯސް ދުވަސްވަރަކީ، ޖޫން، ޖުލައި ކަމަށް ވާއިރު، އެދުވަސްވަރާ ބޮޑުޗުއްޓީ ދިމާވުމަކީ، ރަނގަޅު ބަދަލަކަށް ވެދާނެތޯ ވެސް، ބައެއް ބޭފުޅުން ސުވާލު އުފައްދަވައެވެ. އެ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި އެދުވަސްވަރަކީ، އަވައްޓެރި ގައުމުތަކުގެ މޫސުންވެސް އެހައި ރަނގަޅު ދުވަސްވަރެއް ނޫނެވެ.
ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި، ކަމެއް ދިމާވުމުން މުޅި ނިޒާމާ ކުޅުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އޭގެބަދަލުގައި އޮތް ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތް ކުރުން މާ ބުއްދިވެރިވާނެއެވެ.
ވެކްސިނެއް އަދިވެސް ނުއުފެއްދޭ. ކާކަށްތޯ އެނގެނީ މިއަހަރު ކިޔަވައި ދެވޭނެކަން. ސުވާލަކީ އަންނަ އަހަރު ޖޫންއަށް ކުދިން ތައްޔާރު ނުކުރެވުނީމަ ދެން ހަދާނީ ކިހިނެއްތޯ؟ އަނެއްކާ ވެސް، ނިޒާމަށް ބަދަލު ގެންނާނީތޯ؟ މިއަހަރު ކިޔަވާ ކުދިން ޙާޞިލް ކުރާންޖެހޭ މިންވަރު ޙާޞިލް ނުވާނަމަ އަނެއް ގްރޭޑަށް ބަދަލު ކުރުމަކީ ހައްލެތްތޯ!: ޕްރިންސިޕަލެއް
ދިރާސީ އަހަރު، ފެށުމަށް ބަދަލު ގެންނާން ޖެހޭ
ދިރާސީ އަހަރު ފެށުން އޮގަސްޓް މަހަށް ބަދަލު ކުރުމަށް ތާޢީދުކުރާ، ތަޢުލީމީ ދާއިރާގެ ފަރާތްތަކުން ދެކިލައްވާ ގޮތުގައި، މިބަދަލުގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް، ކުރިމަގުގައި އެކަމުން ހެޔޮ އަސަރު ދިވެހި ޤައުމަށް ކުރާނެއެވެ. އެހެންކަމުން މިއީ، މި ހިނދަށް ގެނެވޭ ހެޔޮ ބަދަލެކެވެ.
ދިރާސީ އަހަރުގެ ފެށުން އަންނަ އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމަށް ތާޢީދު ކުރައްވާ ބައެއް ފަރާތްތަކުން ދެކިލައްވާ ގޮތުގައި ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން ކިޔެވުން ގެއްލި، ދިރާސީ އަހަރުގެ ފެށުމަށް ބަދަލު ގެންނާން ޖެހޭ މައިގަނޑު އެއް ސަބަބަކީ އާ މަންހަޖު ތަންފީޒު ކުރެވިގެން ދިޔަގޮތެވެ. މިފަރާތްތަކުން ދެކިލައްވާ ގޮތުގައި މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ގްރޭޑް ހަޔަކާ ހަމައަށް ކިޔަވާފައިވަނީ ކުރީގެ ސިލަބަހަށެވެ. މިދަރިވަރުންނަށް އާ ސިލަބަސް ތަޢާރަފް ކުރީ، ގްރޭޑް ހަތަކުން ފެށިގެންނެވެ. އެހެންކަމުން ސަނަވީ މަރުހަލާގައި ސިލަބަސް ފުރިހަމަ ކުރުމަށް މި ދަރިވަރުންނަށް ލިބިފައިވަނީ ދެ އަހަރެވެ. ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ ކިޔެވުން އެކުދިންނަށް ވެސް އަދި އެހެން ގްރޭޑްތަކުގެ ކުދިންނަށް ވެސް މިވަނީ އެކަށީގެންވާ ގޮތުގައި ލިބޭގޮތް ނުވެފައެވެ. ކޮވިޑް-19ގެ ކަންތައް ކުރިޔަށް އޮތްތަނުގައި ވެގެން ހިނގައިދޭނެ ގޮތެއް އަދިވެސް އަންދާޒާ ކުރާކަށް ނޭނގެއެވެ.
ކޮވިޑް-19 ގެ ސަބަބުން މިއަހަރު އޯލެވެލްއާއި އެސްސެސްސީ އިމްތިޙާނުތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ އެ އިމްތިޙާނުތައް މިހާރުވަނީ އަންނަ އަހަރުގެ މެއި ޖޫން ގައި ބާއްވާ ގޮތަށް ނިންމަވައިފައެވެ. މިއަހަރު ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރުން، އަންނަ 2021 ވަނަ އަހަރު ފެށޭއިރު ގްރޭޑް ދިހައަކަށް ބަދަލުވާނަމަ، ސްކޫލުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިގޮތުން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ޖާގައިގެދަތިކަމާއި މުދައްރިސުންގެ ދަތިކަން ކުރިމަތިވުމެވެ. މީގެއިތުރުން އެކަށޭނަ ވަސީލަތްތައް ލިބުމުގެ ދަތިކަން ވެސް، ކުރިމަތިވެގެން ދާނެއެވެ. މިހުރިހައި ކަންކަމެއް މިހެން ހުރުމުން ދަރިވަރުންނަށް ވެސް، އަދި ދިވެހި ޤައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ، ދިރާސީ އަހަރު ފެށުން އަންނަ އަހަރުގެ މެދުތެރެއަށް ބަދަލު ކުރުން ކަމަށް ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވައެވެ.
ދިރާސީ އަހަރު ފެށުން އަންނަ އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމާގުޅޭ ގޮތުން، ރާއްޖޭގެ ބައެއް ކޮލެޖްތަކާއި، ބައެއް ސްކޫލްތަކުގެ އިސްބޭފުޅުން، ނަން ނުޖެހުމަށް އެދި ވިދާޅުވީ، މިބަދަލުގެ ސަބަބުން ކުރާ ފައިދާ ބޮޑުވާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
މި ބަދަލާއެކު ދަރިވަރުން އިމްތިޙާނު ހަދާނީ މެއި ޖޫން ގައި. އިމްތިޙާނުތަކުގެ ނަތީޖާ ޖުލައި މަހުގެ ފަހުކޮޅު ނޫނީ އޮގަސްޓް މަހުގެ ކުރީ ކޮޅު ލިބޭނެ. ރާއްޖެއިން ބޭރުގެވެސް ގިނަ ސްކޫލުތަކާއި، ކޮލެޖް ތަކުގައިވެސް، އިންޓޭކް ފެށޭނީ އޮގަސްޓް، ސެޕްޓެމްބަރގައި. އެހެންވީމާ، މިބަދަލަކީ ގެނެވޭ ވަރަށް ރަނގަޅު ހެޔޮބަދަލެއް: ޕްރިންސިޕަލެއް
ދިވެހިރާއްޖޭގައި އެއް ކަލަންޑަރެއް ބޭނުން ކުރި ނަމަވެސް، ދިރާސީ އަހަރު ފެށުމާއި އަހަރު ނިމުން ޢަރަބިއްޔާ ސްކޫލާއި، ސީއެޗެއްއެސްސީ މުޅިން ތަފާތެވެ. އެހެންނަމަވެސް މިބަދަލާ ގުޅިގެން މިތަންތަންވެސް، އެލައިންވެގެން ދާނެކަމަށް ތަޢުލީމީދާއިރާގެ ބައެއް މާހިރުން ދެކިލައްވައެވެ.
ދިވެހިރާއްޖޭގެ މަސައްކަތްތެރީންގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެހެންކަމުން މިފަދަ ބޮޑު ބަދަލަކަށް ދާއިރު އެބޭފުޅުންގެ ރަޢުޔު ވެސް މުހިންމުވެއެވެ. ޓުއަރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަންގެ ޖެނެރެލް ސެކްރެޓަރީ މަޢުރޫފް ޒާކިރު ވިދާޅުވީ، މިގެނެވޭ ބަދަލަށް މި ސިނާއަތުގެ މަސައްކަތްތެރީން ވަރަށް ބޮޑަށް މަރުޙަބާ ކިޔާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދަށް ވެސް ހެޔޮއަސަރު ކުރާނެ ބަދަލެލެވެ.
ބައެއް ބެލެނިވެރިން ފާހަގަ ކޮށްފައިވަނީ، މިގެނެވޭ ބަދަލާއެކު ބޮޑުޗުއްޓީ ވިއްސާރަ ދުވަސްކޮޅަކާ ދިމާވާތީ، އެއީ ކަންބޮޑުވުމެއް ކަމަށެވެ. އޮފީސްތަކުގައި މަސައްކަތްކުރާ، އިދާރީ ބައެއް މުވައްޒަފުން ފާހަގަ ކޮށްފައިވަނީ، މިގެނެވޭ ބަދަލާއެކު އޮފީސްތައް، އެބަދަލަށް މަރުޙަބާ ނުކިޔާނަމަ، މީގެ އެދެވޭ ނަތީޖާ ނުފެންނާނެ ކަމަށެވެ. މިބަދަލާ ގުޅޭ ގޮތުން ދިވެހިމުޖްތަމަޢުގެ އާންމު ފަރުދަކު ފާހަގަ ކޮށްފައިވަނީ، އެހެން ގައުމުތަކުގެ ޗުއްޓީއާ ދިމާވުމުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް، މޫސުމުގެ އިތުރުން، ފެންވަރު ރަނގަޅު ޑޮކްޓަރުންނަށް ދެއްކުމަށް ލިބޭ ފުރުޞަތުތައް ހަނިވާނެ ކަމަށެވެ. މިގެނެވޭ ބަދަލާ ގުޅޭ ގޮތުން އިޤްތިޞާދީ ދާއިރާއިން މަތީތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ވިދާޅުވީ، މިބަދަލުގެ ސަބަބުން ދިވެހީންނަށް އަގުހެޔޮކޮށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ވެސް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވާނެ ކަމަށް ދެކިލައްވާ ކަމަށެވެ. "އެދުވަސްވަރަކީ ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް ދަށް ދުވަސް ކޮޅެއް. އެހެންވީމަ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކޮށްލަން ބޭނުންވާ ދިވެހީންނަށް ވެސް އަގުހެޔޮކޮށް ޗުއްޓީ ހޭދަ ކޮށްލުމުގެ މަގުފަހިވާނެ ކަމަށް ފެންނަނީ." އޭނާ ވިދާޅުވިއެވެ.
ހައްލަކީ ކޮބާ!
ތަޢުލީމީ ދާއިރާގެ ދުވަސްވީ ބައެއް މާހިރުން ދެކިލައްވާ ގޮތުގައި، ކޮވިޑް-19 އަކީ އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އެއްވެސް މީހެއްގެ މައްސަލައެއް ވެސް ނޫނެވެ. މިކަން މުޅިގައުމު ހެކިވާނެއެވެ. އެހެންކަމުން ދިމާވެގެން މިއުޅޭ މައްސަލައަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ގޮތްތަށް ބަލައި، އެކަމަށް ހައްލު ހޯދުން ބުންދިވެރިވާނެއެވެ. ބައެއް ބޭފުޅުން ދެކިލައްވާ ގޮތުގައި ކޮވިޑް-19 ގެ ބިރުވެރިކަން އޮތް ތަންތަނުގައި މިއަހަރަކީ ކިޔަވައި ނުދެވުނު އަހަރެއްކަމުގައި ނިންމިދާނެއެވެ. އެނޫން ތަންތަނުގައި ރައްކާތެރިކަމަށް އިސްކަން ދީގެން މިހިނދުން މިހިނދަށް އަވަހަށް ކިޔަވައިދޭން ފެއްޓިދާނެއެވެ.
އެއްވެސް އެއްޗެއް ނޭނގުނަސް ގްރޭޑް ބަދަލު ވާނަމަ، ހުރި ގްރޭޑްގައި ބެހެއްޓުމަކީ ވެސް، ނުކުރެވެން ވާނެ ކަމެއް ނޫން. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ހުރި ގްރޭޑްގައި ބެހެއްޓެންވެސް ވާނެ: ކުރީގެ ޕްރިންސިޕަލެއް
އަނެއްބައި ބޭފުޅުން ދެކިލައްވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު އިމްތިޙާނުތައް ބޭއްވިދާނެއެވެ. މިގޮތަށް ޢަމަލުކުރެވިއްޖެނަމަ މުޅި ނިޒާމާ ނުކުޅެ ދިމާވެގެން މިއުޅޭ މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ދެކިލައްވައެވެ.
ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވަނީ، ކޮވިޑް-19 ގެ ކަންތަން ބަދަލުވެގެން ދާނެގޮތް އަދިވެސް ރަނގަޅަށް ނޭނގޭ ކަމަށެވެ. އެހެންވީމާ، ދަރިވަރުން އިމްތިޙާނަށް ތައްޔާރުވާން ވަގުތު ދެވިގެން ނޫނީ، އިމްތިޙާނު ދިނުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.
ނިންމުން
ދިރާސީ އަހަރު ފެށުން، އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމާމެދު ޚިޔާލުތަފާތުވުން ތަކެއް އެބަހުއްޓެވެ. އެއީ، ރަނގަޅު ބަދަލެއް ކަމަށް ބައެއް ބޭފުޅުން ދެކިލައްވާއިރު، އަނެއްބައި ބޭފުޅުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ނިޒާމާ ކުޅުމަކީ، އޮޅުން ބޮޑުވާނެ ކަމެއްކަމަށް ތަޢުލީމީ ދާއިރާގެ ގިނަ މާހިރުން ދެކިލައްވައެވެ. މިހާ ދުވަސްވެފައި އޮތް ނިޒާމަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ވަގުތު ލިބިގެން ރަނގަޅު ދިރާސާއެއް ހެދިގެން، އެއިން ކުރާ އަސަރުތައް ދެނެގަނެގެން ކުރާން ޖެހޭނެ ކަމެއް ކަމަށް ތަޢުލީމީ ދާއިރާގެ ގިނަބޭފުޅުން ދެކިލައްވައެވެ. މިފަދަ ބަދަލެއް އަންނައިރު، އަހަރު ޕްލޭނާއި ސަރުކާރާއި ކުންފުނިތަކާއި، އޮފީސްތަކުގެ މަސައްކަތްތައް ވެސް، އެގޮތަށް ބަދަލުވުމަކީ މުހިންމު ކަމެއްކަން އެބޭފުޅުން ފާހަގަ ކުރައްވައެވެ.
advertisment
advertisment
advertisment
14 Responses
mihaaru kiavamundhaa kudhinge therein april 1 un may ge niyalah umuru furey kudhin 1 year gehlumakee varah dhera kameh. teli class r online claahun mi kiava dhenee. sylabus 50% kuda kurevihje. dhen keehkuran . eahvure rangalhuvaanee mihaaruves dhemundhaa data r tab thakuge hidhumai rangalhukohfa mihaaruves rangalhah kiava dheegen sylabus ninmaa levihjehyya.
Mi aharu ekasheegenvaa gothegga kiyavai nudheveykan aee gaboolukuran jehey hageegatheh. Genevunu badhalakee eh gothah vure gina goigothun faidhaa budu badhaleh kamah dhekenee. Resot muvazzafunnahves aailaa aai eku chutty heydha kollumah fahivi mageh.
ބަދަލަކީ ރަނގަޅު ބަދަލެއްކަމަށް ޤަބޫލުކުރެވޭ… މިއަހަރުގެ ދރިވަރުން ނުނިމި ކިޔަވައިދެމުން 2021 ވަނަ އަހަރު ޖެނުއަރީގައި އާދރިވަރުން ސކޫލުތަކަށް ވެއްދުމަކީ ފަސޭހަ ކަމެްނޫން އަދި ގިނަ ްކޫލުތަކުގައި ޖާގައެއް ނޯންނާނެ… އަދި ޖޫންޖުލައި މަހުގެ ތެރޭ ދުނިޔޭގެ ގިނަްކޫލުތައްވެސް ބަންުވޭ… އެގޮތުން ރާއްޖޭގެ ސްކޫލުތައްވެސް އެދުވަސްވަރާ ދޮމާވާގޮތަށް ބޮޑު ޗުއްޓީ ދިމާވުމަކީ އެއީ ރާއްޖެއިން ބޭރުން ކިޔަވާ ދިވެހިކުދިންނާއި ރާއްޖޭގައި ކިޔަވާ ކުދިންނާއެކު ޢާންމުންނަށް އުފާކޮށްލެވޭނެ ކަމެއް. އޭގެ ސަބަބުން ކިޔަވައިދިނުމުގެ ނިޒާމަކަށް އަންނަ މާބޮޑު ބަދަލެއް އޮންނާނެކަމަކަށް ނުދެކެން…
ރަނގަޅު ދިރާސާ އެއް ނެތި މަންހަޖު ތަންފީޒު ކުރީމަ ވީ ގޮތް އެބަފެނޭ ދެއްތޯ. މިލިޔުމުގައި ވާހެން ރަނގަޅު ރިސަރޗެއް ނުކޮށް ނިޒާމާ ކުޅުމަށްވުރެ މިހާރު އޮތް ނިޒާމުގެ ތެރެއިން ހައްލު ހޯދުން ބުއްދިވެރި. ކޮވިޑް-19 އަކީ ބަހަނާ ދައްކަން ލިބުނު ފުރުޞަތެއް ނޫން.
އިމްތިޙާނަށް ކުދިން ތައްޔާރު ކުރަން ވަގުތު ނުލިބިގެންނެއް ނޫން މިއުޅެނީކީ. އަދިވެސް އިމްތިހާނަށް ކުދިން ތައްޔާރު ކުރަން ވަގުތު އެބައޮތް.
ޗުއްޓީގައި ދަތުރުދާން ހުރި ރަށްތައް ރިސޯޓްތަކަށް ހަދައިލައި. ދެން ދަރީން ގޮވައިގެން ކޮން އުފަލެއް ކުރާންވީ. އެހެންވީމާ ޑިސެމްބަރގައި ޗުއްޓީ ދިނުމަށްވުރެ އެންމެ ވިއްސާރަ ދުވަސްވަރު ޗުއްޓީ ދިނީމާ ގޭގައި ދަރިންނާ އެކު ލޮކްޑައުން ވެގެން ތިބެވޭނެ. ސާބަހޭ. ޝުކުރިއްޔާ
މިބަދަލަކީ ރަނގަޅު ބަދަލެއް. ރަނގަޅު ވަގުތެއްގައި ގެނެވޭ. އެކަމަކު ކަންބޮޑުވުމަކީ މާދަމާ ވެރިކަމަށް އަންނަ ބަޔަކު އަނެއްކާވެސް ބަދަލު ގެނެސްފާނެތީދޯ.
ކަންކަން ނުކުރެވުނީމަ އެކަން ހައްލު ކުރަންޖެހެނީ ދަރިންގެ އުމުރުން 1 އަހަރު ބޭކާރު ކޮށްގެންނެއް ނޫން. އަޅުގަނޑުގެ ދަރިފުޅުގެ އުމުރުން އެއް އަހަރު ގެއްލިގެން ދާނެ މިބަދަލުގެ ސަބަބުން
ކޮވިޑަކީ މުޅިދުނިޔެއަށް ކުރިމަތިވި ކަމެއް. މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ގެއްލި އިމްތިހާނަށް ތައްޔާރު ނުކުރެވުނީ. އެކަން އެންމެވެސް ގަބޫލު ކުރަންޖެހޭނެ. އެހެންވީމާ އިމްތިހާނު ފަސްކޮށް ދިރަސީ އަހަރު ބަދަލު ކުރުމުގަިއ އޮތީ ކޮން މައްސަލައެއް
ކިރުބޯ ޅަ ދެކުދިން އައިސް ނިޒާމް އެއްކޮށް ބަދަލުކޮށް ގަޑުބަޑު މި ކޮށްލަނީ. މީ މިގައުމުގެ ހާލަތަކީ. ކީއްކުރާނީ. އެކަމަކު ހައްތަހާވެސް ޕީއެޗްޑީން. ކޮންއެއްޗެއް ކިޔަވައިގެންބާ މިތިބީ.
މި ހާރު މިގެނެވޭ ބަދަލަކީ ހެޔޮ ބަދަލެއް. ފަތުރުވެރިކަމުގެ ދާއިރާގެ މީހުންގެ އާއިލާތަކަށްވެސް އެމީހުންގެ އަނބިދަރީންނާ އެކު ޗުއްޓީ ހޭދަ ކުރެވެންޖެހޭނެ
ދިރާސާ ނުހަދާ ކަންކަން ކުރުމަަކީ ބުއްދިވެރި ކަމެއް ނޫން
ތައުލީމީ ދާއިރާއަށް މިނޫން ދުވަހެއް ނާންނާނެބާ. ކޮންމެ ބަޔަކުވެސް އައިސް ކޮންމެވެސް ކަމެއް ކޮށްލާނެ. ގުރުބާންވާނީ ޓީޗަރުން.
މިނިސްޓަަރ އެބަ ވިދާޅުވެއެއް ނޫންތޯ މަޝްވަރާ ކުރައްވާފައޭ ދާއިމީ ބަދަލު ގެންނާނީ. އެހެންވީމާ ކޮބައިތޯ މައްސަލައަކީ. ހެޔޮ ބަދަލަކަށް ނޫންތޯ އެންމެންވެސް ބޭނުންވަނީ. މީ ރަނގަޅު ބަދަލެއް. އަޅުގަނޑު ތާއީދު