ތަޢުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން ވަރަށް ބޮޑު: އެޑިޔުކޭޝަން މިނިސްޓްރީ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް، މިހާލަތުން އަރައި ގަތުމަށް ކުރެވޭ މަސައްކަތް ތަކުގައި ޔުނިސެފުގެ އެހީތެރިކަން ވަރަށް ބޮޑުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަ ކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ކޮވިޑް-19 ގެ މި ހާލަތުގައި ޔުނިސެފުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ވަރަށް ގާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. ކޮވިޑް- 19 ގެ ސަބަބުން ސްކޫލްތައް ބަންދު ކުރެވިފައި ވީ ނަމަވެސް، ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށް ދެއްވުމަށްޓަކައި، ކުރެވެމުންދާ ކަންކަމުގައި ޔުނިސެފުގެ އެހީތެރިކަން ވަރަށް ބޮޑުކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ގޫގުލް ފޯ އެޑިޔުކޭޝަން ޕްރޮގްރާމަކީ އޮންލައިންކޮށް ކިޔަވައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ގޮތުން ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދަވާ ތަމްރީނު ޕްރޮގްރާމެކެވެ. މީގެ އިތުރުން، އުނގަންނައި ދިނުމުގައި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމް ކޮށްދިނުމުގެ ގޮތުން ބެލެނިވެރީންނާއި މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ވެސް، ޔުނިސެފުން މުހިންމު ދައުރެއް އަދާ ކުރައްވަމުން ގެންދަވައެވެ.

އޮންލައިން ވަސީލަތްތަކުގެ އެހީގައި ކިޔަވައި ދިނުމަކީ ރާއްޖޭގެ ސްކޫލް ތަކުގައި މުޅީން އަލަށް ފެށި ކަމެކެވެ. ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދު ކުރާން ޖެހުމުން، ދެން ކިޔަވައި ދެމުން ދިޔައީ އޮންލައިން ވަސީލަތްތަކުގެ އެހީގައެވެ. މިއީ، ރާއްޖޭގެ ސްކޫލްތަކުން މުޅީން އަލަން ކުރި ތަޖުރިބާއެކެވެ. މިނިސްޓަރ ވިދާޅުވީ، މިކަމުގައި ވެސް، ހުރި ދަތިތައް ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައި، ކިޔަވައި ދިނުމުގެ ވައްޓަފާޅި ތަރައްޤީ ކުރުމުގައި ކުރެވެމުން މިދާ މަސައްކަތްތަކުގައި، ޔުނިސެފުގެ އެހީތެރިކަން ފާހަގަ ކުރައްވާ ކަމަށެވެ.

ކޮވިޑް- 19 ގެ ސަބަބުން ސްކޫލްތައް ބަންދު ކުރި ނަމަވެސް ގޫގޫލް ކްލާސް ރޫމާއި ޓެލިކިލާސްފަދަ އޮންލައިން ވަސީލަތްތަކުގެ އެހީގައި ސްކޫލްތަކުގައި ކިޔަވައި ދެވެމުން ދިޔައެވެ. ފުރަމާލެއިން ކޮވިޑް-19 ފެނުނު ހިސާބުން، ޓެލިކިލާސްތައް މެދުކަނޑައިލަން ޖެހުނެވެ.  އަލުން ޓެލިކިލާސްތައް ފެށުމުގައި ގިނަ ދަތިތަކެއް ކުރިމަތި ވީ ނަމަވެސް، އެ ދަތިތައް ހައްލު ކޮށްދެއްވުމުގެ ގޮތުން ނޭޝަނަލް އިންސިޓިޓިއުޓް ފޯރ އެޑިޔުކޭޝަން (އެން.އައި.އީ) ގައި، ސްޓޫޑިއޯ ސެޓަޕެއް ޤާއިމް ކޮށްދެއްވުމުގެ އިތުރަށް، އެކަމަށް ބޭނުންވާ ފަންނީ އެހީ އާއި، މާލީ އެހީތެރިކަން ވެސް، ޔުނިސެފުންގެ ފަރާތުން ވަނީ، ފޯރުކޮށް ދެއްވައިފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އަމާޒު ހިފައިފައި ވަނީ، ކޮވިޑް-19 ގެ އާ އާންމު ހާލަތުގައި ސްކޫލްތައް ހުޅުވައި ކިޔަވައި ދިނުން އަލުން ފެށުމަށެވެ. މިކަމަށް ވާންޖެހޭ ތައްޔާރުތައް އެމިނިސްޓްރީން ވަނީ "މެކުހަށް" ޖަހައިފައެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މަޢުލޫމާތުގެ މަންސަ ކަމުގައިވާ މީމިސް،  ޕޯޓަލް އަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމުގައި ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ އިތުރުން، އޮންލައިންކޮށް ކިޔަވައި ދިނުމުގައި ބޭނުންކުރާ ޓޫލްސް ތައްޔާރު ކޮށްދެއްވުމުގައި ވެސް، ޔުނިސެފުގެ އެހީތެރިކަން ލިބިފައިވެއެވެ. އާ އާންމު ހާލަތުގައި ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން ދާއިރު، ދަރިވަރުންގެ އާންމު ސާފުތާހިރުކަން އިތުރު ކުރުމަށްޓަކައި، ސްކޫލްތަކަށް ސައިބޯނި ފޯރުކޮށް ދެއްވުމުގެ މަސައްކަތް ޔުނިސެފުގެ ފަރާތުން ކުރައްވަމުން އެބަ ގެންދަވައެވެ.

ކޮވިޑް- 19 ގެ ސަބަބުން ރާޖޭގެ ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ތަޢުލީމީ ދާއިރާ ކޮވިޑް-19 އަށް އިޖާބަދީ ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން ކޮންސަލްޓެންޓެއް ހޯއްދަވައި ދެއްވައި މި ޕްލޭން ފުރިހަމަ ކުރުމަށްޓަކައި ޔުނިސެފުން ގިނަ މަސައްކަތް ތަކެއް ކޮށްދެއްވައިފައިވެއެވެ. މީގެ އިތުރުން  ފުރަބަންދުގައި ތިބެންޖެހުމުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިވުމުގެ އިތުރުން ޅަފަތުގެ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ޚާއްޞަ ކުރައްވައިގެން މަޝްހޫރު ލިޔުންތެރީންގެ ފޮތްތައް ފޯރުކޮށް ދެއްވުމުގައި ވެސް ޔުނިސެފުން ގެންދަވަނީ އެހީތެރިވެ ދެއްވަމުންނެވެ.

ރާއްޖޭގެ ތަޢުލީމަށް  ޔުނިސެފުން ވެދެއްވާ އެހީތެރިކަން  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާހަަގަ ކުރައްވަނީ ޝުކުރުވެރިކަމާއެކުގައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!