އައިޖީސީއެސްއީ، އިކޮނޮމިކްސް އިމްތިޙާނަށް ތައްޔާރުވުން (4): ޢާލިމް ސަރ އާ އެކު.

އައިޖީސީއެސްއީ އިކޮނޮމިކްސް އިމްތިޙާނަށް ތައްޔާރުވުން، ޢާލިމް ސަރ އާ އެކު، ސިލްސިލާގެ ތެރެއިން މިލިޔުމުގައި އަލިއަޅުވައިލަން ބޭނުންވަނީ އިމްތިޙާނު ހަދަމުންދާއިރު ދަރިވަރުން ސަމާލުކަން ދޭންވީ ބައެއް ކަންތައްތަކަށެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ކަރުދާހުގައިވާ އިރުޝާދުތައް ރަނގަޅަށް ކިޔުން ވަރަށް މުހިއްމުކަން ފާހަގަ ކޮށްލަމެވެ. ކަރުދާހުގައި ފުރަތަމަ ޞަފުޙާގައި އިކޮނޮމިކްސްގެ ކޮންމެ ޕޭޕަރެއްގައި ވެސް، ސުވާލުގެ އަދަދާއި، ޖަވާބު ދޭންޖެހޭ ސުވާލުގެ އަދަދު ލިޔެފައި އޮންނާނެއެވެ. އެއްވެސް ހާލެއްގައި ފުރިހަމަ ކުރަން އިރުޝާދު ދެވިފައިވާ ސުވާލުތަކުގެ އިތުރަށް ސުވާލު ނުހަދާށެވެ. އިތުރަށް ވަގުތު އޮތްނަމަ ފުރިހަމަ ކޮށްފައިވާ ޖަވާބުތައް އަދި އެއްފަހަރު ރަނގަޅުތޯ ބަލައިލެވިދާނެއެވެ. އިކޮނޮމިކްސް ޕޭޕަރ 1 ގައި މަލްޓިޕަލް ޗޮއިސްގެ 30 ސުވާލު ހަދަން ދެވިފައި އޮންނާނެއެވެ. އަދި ޕޭޕަރ 2 ގައި ޖުމްލަ 90 މާރކްސް ގެ ތަފާތު 4 މައިގަނޑު ސުވާލުގެ ޖަވާބު ލިޔަން ޖެހޭނެއެވެ.

ދެވަނަ ކަމެއްގެ ގޮތުން މި ހިމަނައިލަނީ ވަގުތު ރާވައިލާނެ ގޮތުގެ ތަސައްވުރެކެވެ. ޕޭޕަރ 1 ގައި 45 މިނިޓުގެ ތެރޭގައި 30 ސުވާލު ހަދަން ޖެހެއެވެ. އެހެންކަމުން އެންމެ ލަސްވެގެން، ކޮންމެ މިނިޓެއްގެ ތެރޭގައި ސުވާލެއް ނިންމޭތޯ ބަލަން ވާނެއެވެ. ބައެއް ސުވާލުތައް 1 މިނިޓަށްވުރެއް އަވަހަށް ވެސް، ނިންމިދާނެއެވެ. މިގޮތަށް ނިންމޭނަމަ ޕޭޕަރު ނިންމާ ޗެކްކުރުމަށް ލިބޭ ފުރުޞަރު ދަރިވަރަށް ބޮޑުވާނެއެވެ. އެއްވެސް ހާލެއްގައި 1 ސުވާލަށް މާގިނަ ވަގުތު ހޭދަ ނުކުރާށެވެ. ސުވާލު އޮޅުން އަރާނަމަ އެ ސުވާލު ދޫކޮށްލައިފައި ފަސޭހައިން ހެދޭ ސުވާލުތަކަށް ދާށެވެ. އޮޅުންއަރާ ސުވާލުތައް ހަދާނީ އެންމެ ފަހުންނެވެ.

ޕޭޕަރ 2 ގެ ފުރަތަމަ ސެކްޝަނަކީ މަޖްބޫރު ސެކްޝަނެކެވެ. މިބަޔަށް ގާތްގަނޑަކަށް 40 މިނިޓު ހޭދަ ކުރެވިދާނެއެވެ. އަދި ދެވަނަ ސެކްޝަނުން ކޮންމެ ސުވާލަކަށް 25 މިނިޓް ހޭދަކުރެވިދާނެއެވެ. މިގޮތަށް ވަގުތުތައް ކަނޑައަޅައިގެން މަސައްކަތް ކޮށްފިނަމަ، މަސައްކަތް ނިންމުމަށްފަހު، ކުރި މަސައްކަތް ދެވަނަ ފަހަރަށް ބަލައިލުމަށް ލިބޭ ވަގުތު އިތުރުވެގެންދާނެއެވެ.

ތިންވަނަ ކަމެއްގެ ގޮތުން ސަރ ފާހަގަ ކޮށްލަން ބޭނުންވަނީ ޕޭޕަރ 2 ގައި ޖަވާބު ލިޔާއިރު ދަރިވަރު ކަނޑައަޅާ ސުވާލުގެ ބައިތައް ތަރުތީބުން ލިޔުމުގެ މުހިންމު ކަމަށެވެ. މިސާލަކަށް ސުވާލު ނަންބަރ 2 ގެ ޖަވާބު ލިޔަން ފެށުމަށްފަހު މިބައިގެ އޭ ، ބީ ،ސީ އަދި ޑީ ގެ ޖަވާބު ތަރުތީބުން އެއްތަނަކުން ފެންނަ އޮތުމަށް ކޭމްބްރިޖް އިންޓަރނޭޝަނަލްއިން އެދި ލައްވައެވެ. މިގޮތަށް ޖަވާބު ލިޔަމުން ދާއިރު ސުވާލެއްގެ ވަކި ބައެއްގެ ޖަވާބު ނޭގިއްޖެނަމަ އެބައިގެ ޖަވާބު ލިޔެވޭވަރަށް ރޮނގު ދޫކުރުމަށްފަހު އަނެއްބައިގެ ޖަވާބުތައް ލިޔަމުން ގެންދާށެވެ.  މީގެ މާނައަކީ އިމްތިޙާނު ކަރުދާހުގައި ހިމެނޭ މައިގަނޑު ސުވާލުތަކުގެ ޖަވާބު ތަރުތީބުން ދޭންޖެހުމެއް ނޫނެވެ. ދަރިވަރު ބޭނުންނަމަ އިމްތިޙާނު ކަރުދާހުގެ ސުވާލު ނަންބަރ ތިނަކުން ވެސް ޖަވާބު ދޭން ފެށިދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓާންވީ ކަމަކީ،  ސުވާލު ނަންބަރ 3 ގެ ޖަވާބު އެއްތަނަކުން ތަރުތީބުން ފެންނަން ގޮތަށް އޮންނާން ޖެހޭނެކަމެވެ.

އިމްތިޙާނު ހަދަމުން ދާއިރު ބަލަންޖެހޭ އަދިވެސް ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. ބާކީ ހުރި ޕޮއިންޓްތަކާއެކު އެހެން ލިޔުމަކުން އިންޝާﷲ، ތިކުދިންނާ ހަމައަށް ގެނެސްދޭނަމެވެ.

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!