ޒާދު އެކަޑެމީން ކުރިޔަށް ގެންދެވި ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް ދަސްކޮށްދޭ ކޯސް ނިންމައިލައިފި

ޒާދު އެކަޑެމީން ކުރިޔަށް ގެންދެވި ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް ދަސްކޮށްދޭ ކޯސް، ކާމިޔާބު ކަމާއެކު ރޭ، ނިންމައިލައިފިއެވެ.

މި ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ މޮޅު ޝާޢިރު އާދަމް ނަޞީރު އިބްރާހީމް ކިޔަވައިދެއްވި، މި ކޯސް ކުރިޔަށް ގެންދެވީ އޮންލައިންކޮށެވެ. މި ކޯހުގައި ޢިލްމުލް ޢިލްމުލްބަލާޣާ ގައި ހިމެނޭ، ޢިލްމުލްމަޢާނީ، ޢިލްމުލްބަޔާން، ޢިލްމުލްބަދީޢު، މި ބައިތައް ވަރަށް ޢިލްމީ ގޮތެއްގައި ކިޔަވައި ދެއްވައިފައިވެއެވެ. މީގެ އިތުރުން  ޢިލްމުލްޤާފިޔާގެ ބައިތައް ވެސް، މިކޯހުގައި ކިޔަވައި ދެއްވި ބައެކެވެ. މިއީ، މިފަދަ ބައިތަކެއް ހިމަނައިގެން ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް ރާއްޖޭގައި ކިޔަވައި ދެއްވި ފުރަތަމަ ކޯހެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފެށި މި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދަވައިފައިވަނީ، ރޭގަނޑު ދިހަޔަކުން ބާރައަށެވެ. ކިޔަވައި ދެއްވުމުގައި ކުރިޔަށް ގެންދަވާ ބައިތަކުގެ ޓިއުޓޯރިއަލް ކުރިޔަށް ގެންދަވަނީ ޖެހިގެން އަންނަ ދުވަހުއެވެ. މި މަސައްކަތްތައް ކުރިޔަށް ގެންދެވީ، ކޯހުގައި ބައިވެރިވި ރާއްޖޭގެ މަޝްހޫރު  ޝާޢިރުންގެ ތެރޭގައި ހިމެނޭ ޢީސާ ޝަރީފެވެ.

ފަންސާހަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިޔަށް ގެންދެވި މި ކޯހާމެދު ބައިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިކަން ފާހަގަ ކުރެވެއެވެ. ކޯހާމެދު ބައިވެރިން ބުނެފައި ވަނީ، ރީތި ލަފުޒު ރީތިކޮށް އަމުނައިގެން ރީތި ލަފުޒު ފައްޗެއް އެކުލަވައިލަން ދަސްވެއްޖެ ކަމަށެވެ. އަޑުގެ މިއުޒިކުގެ ރީތިކަން، ވަޒަނުގެ އޮޅުން ހިތުގެ ރާގާ ގުޅުވާނެ ޚިޔާލާތު އުފެދިއްޖެ ކަމަށެވެ. އަދި އަނދިރީގައި ކުލަޖައްސައި އަލީގައި ކުރެހުމުގެ ޚިޔާލާތު ދަސްވެއްޖެ ކަމަށެވެ.

މީގެ ކުރީން ކުރެވުނު ކަމަކީ ވަޒަނަށް ފައްތާލެވުނީ. އެކުރެވެނީ އަދި ކަމެއް ނޫންކަން އަދިކިރިޔާ މިއެނގުނީ. ކުރީން ހީކުރަނީ އެއީ ޅެންކަމަށް. އެކަމަކު އެއީ އަދި ޅެން ނޫންކަން، ޅެމަކީ ކޮބައިކަން އަދި ކިރިޔާ މި ދަސްވީ: ކޯހުގެ ބައިވެރިޔެއް

އެހެން ބައިވެރިޔަކު ބުނީ، މީގެ ކުރީން ވެސް، ޅެން ހަދަން ދަސްކޮށްދޭ ކުލާސްތަކުގައި ބައިވެރިވި ކަމަށާއި، ފުންކޮށް ވިސްނުމާއި، ޚިޔާލު ތަނަވަސް ކުރުމަށް އޭރުގެ މުދައްރިސުން ވެސް، ބުނުއްވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާންވީ ގޮތް ބުނެދެވިފައިނެތް ކަމަށާއި، އެކަމަކު މި ކޯހުން އެކަން ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމަށެވެ.

ވަރަށް ބޮޑަށް ހުޅުވައި ލެވިފައިވާ ގޮތެއްގައި އޮންލައިންކޮށް ކުރިޔަށް ދިޔަ މި ކޯސް، ނިންމުގެ ރަސްމިއްޔާތު ވެސް ކުރިޔަށް ދިޔައީ އޮންލައިންކޮށެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ދިވެހިބަހާއި ޅެންވެރިކަމަށް ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، ޑރ. އަޝްރަފް ޢަބްދުއްރަހީމެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!