ކުޅަދާނަ ޝާޢިރު އަލްއުސްތާޛު އާދަމް ނަޞީރު އިބްރާހީމްގެ ވެބްސައިޓާއި ޔޫޓިއުބް ޗެންލް މިރޭ އިފްތިތާޙް ކުރައްވައިފިއެވެ.
މި ޙަރަކާތް ކުރިޔަށް ގެންދަވައިފައިވަނީ ދާދި ފަހުން ނަޞީރު ނެރުއްވި އީ ފޮތެއްކަމުގައިވާ [ކައިނާތުގެ ހިލަން] ރާއްޖޭގެ މަޝްހޫރު އަދީބުންނާއި ފޮތްތެރީންނަށް ވެދުންކުރައްވަން އޮންލައިންކޮށް ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ފުންނާބު އުސް ޅެންވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެތެރޭގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިންނާއި ޅެންވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރައްވައިފައިވާ އުތީމް އާދަމް ޢަބްދުއްރަހްމާނާއި، މުޙައްމަދު ޝާހިދު ޙަލީމާއި، ފަރެސް މުޙައްމަދު ޢާމިރާއި އަދި ޒުވާން ޅެންވެރިއެއްކަމުގައި ވާ އަންވަރު އިބްރާހީމް ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ.

މިރޭގެ މިޙަފްލާގައި އާދަމް ނަޞީރު އިބްރާހީމްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ޢަބްދުﷲ ޞާދިޤު އެވެ. ޔޫޓިއުބް ޗެނަލް އިފްތިތާޙް ކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
"ކާއިނާތުގެ ހިލަން" މި ފޮތާއި ވެބްސައިޓާއި ޔޫޓިއުބް ޗެނަލް އުފެއްދެއްވި ސަބަބުގެ މައްޗަށް އާދަމްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އާދަމް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ވެބްސައިޓަކާއި ސޯޝަލް މީޑިއާގެ ބައެއް ކަންކަން ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށެވެ. އެއީ ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް ދިވެހި ބަސް އުނގެނެން ބަހުގެ ކަންކަން ދަސްކުރަން ބޭނުން އެތައް ބައެއްގެ ހުށަހެޅުންތައް އަންނާތީކަމަށެވެ. އެހެންވީމާ ކުރިޔަށް އޮތްތާނގައި ރަނގަޅު ޕްރޮގްރާމުތައް އެކުލަވައިލައި އެކި ފެންވަރުގައި ބަސް ކިޔަވައިދެވޭނެ ޒަމާނީ ގޮތްތައް އީޖާދުކޮށް އެކަން ފެށުމަށް އުންމީދުކުރާ ކަމަށެވެ. މިހާރު ހިންގޭ ބައެއް ޕްރޮގްރާމުތައް ވެސް ވަރަށް ކާމިޔާބެވެ. އެ ގޮތުން ހުރިހައި ކަމެއް އޮންލައިންކޮށް ދާ ދުވަސްވަރެއްގައި ފޮތް ވެސް އޮންލައިންކޮށް ލިބޭނެ ގޮތް ފަހިވުމަކީ މުހިންމު ކަމެއްކަމަށެވެ. ސައިޓާއި ޔޫޓިއުބް ޗެނަލް އުފެއްދެވި ސަބަބު އޮޅުންފިލުވައި ދެއްވަމުން އާދަމް ވިދާޅުވީ، ބަހުގެ އާންމު އަދަބީ ހަމަތަކާއި ގޮތްތައް ސޯޝަން މީޑިއާ މެދުވެރިކޮށް ކިޔައި ދެވޭނެ ގޮތްތައް މިއަދު ފަހިވެފައި ވުމުން އޭގެ ބޭނުން ހިއްޕެވީ ކަމަށެވެ. ކުރިން އެކަން ކުރީ ޤައުމީ ޓީވީ މެދުވެރިކޮށެވެ.
މިރޭގެ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން އާދަމްގެ ޅެން ފޮތާއި ޅެންވެރި ހުނަރާ ބެހޭ ގޮތުން ޝުޢޫރު ފާޅު ކުރެއްވިއެވެ. ފޮތުގެ އެމުނި އެކުލެވުން ސިފަކޮށްދެއްވަމުން ސަމާސާ މިސާލަކާ އެއް ފަދަ ކުރައްވައި ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) ވިދާޅުވީ، އެމުނި އެކުލެވުމޭ ބުނާއަޑު އައްސަވާ ކަމަށާއި އެ ކަމަކު މި ފޮތް ބަލައލައިފާ ވިދާޅުވާނީ މިވަރު ކަމެއް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން މިއީ ފިސާރި ޅެންފޮތެއް ކަމަށް ޞާދިޤު ވިދާޅުވިއެވެ. ޑރ. ޢަލީ ޝަމީމް، އާދަމް ނަޞީރުގެ ކާއިނާތުގެ ހިލަން ސިފަ ކުރެއްވީ، އަގުހުރި ޢިލްމީ ޖަވާހިރެއްގެ ގޮތުގައެވެ. އިތުރަށް ވިދާޅުވީ މިއީ، ޒަމާނީ ވަޞީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ކުރެއްވި ވަރަށް ފުރިހަމަ މަސައްކަތްޕުޅެއް ކަމަށެވެ. އުތީމް އާދަމް އަބްދުއްރަޙްމާން ވިދާޅުވީ، އާދަމް ނަޞީރަކީ ޢުމުރުފުޅަށްވުރެ ޅެންވެރިކަމަށް ދޮށީ ބޭފުޅެއް ކަމަށެވެ. މުޙަންމަދު ޝާހިދު ޙަލީމު ފާހަގަ ކުރެއްވި އެއް ކަމަކީ ޅެންތަކުގެ ދެ ފުށުގައި ހުންނަ އާ ގޮތްތަކެވެ. ތަފާތު އެކި އާ ޚިޔާލުތަކާއި ކާފިޔާ އެކުލަވައިލުން ފަދަ ކަންކަމުގައި އާ މިޔުޒިކުތައް އުފައްދަވައިފައި ހުންނަލެއް ފުރިހަމަކަމެވެ.
އާދަމް ނަޞީރު އިބްރާހީމަކީ ޅެންވެރިކަމުގެ އިތުރުން ދިވެހި ބަހާއި އަދަބިއްޔާތުގެ އެހެން ގޮފިތަކަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން 2007 ވަނަ އަހަރު، އާދަމް ނަޞީރު އިބްރާހީމަށް ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2012 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް، އާދަމް އަށް ލިބިވަޑައިގެންފައިވެއެވެ. ހަމަ އެހެންމެ ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރޮނގުން ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޝަރަފުގެ އައްޑަނަ ޙާޞިލުކުރައްވައިފައިވެއެވެ.
advertisment
advertisment
advertisment