އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕީޑީ ޕްރޮގްރާމެއް ހިންގަވައިފި

ރާއްޖޭގެ ސްކޫލަކުން އޮންލައިންކޮށް ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ޕޮރްގްރާމެއް އިއްޔެ ހިންގަވައިފިއެވެ.

މި ޕްރޮގްރާމް ހިންގެވީ ލ. އަތޮޅު ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުންނެވެ. މެލޭޝިޔާގެ ޔުނިރަޒާކްގެ ސްކޫލް އޮފް އެޑިޔުކޭޝަންގެ ޑީން ޕްރޮފެޝަރ ޑރ. ޒައިދާ މުސްޠަފާ ކުރިޔަށް ގެންގޮސް ދެއްވި މި ސެޝަންގައި އެ ސްކޫލުގެ ހުރިހައި ޓީޗަރުންނާއި ލީޑިންގ ޓީޗަރުން ބައިވެރިވެލެއްވިއެވެ.

ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމް ހިންގެވުމުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ މި ހާސްކަމުން އަރައި ގަތުމަށް ހިތްވަރުދީ، ޓީޗަރުން މޯޓިވޭޓް ކުރެއްވުމެވެ. އަދި ކޮވިޑްގެ ސަބަބުން ޓީޗަރުންގެ ފަންނީ މަސައްކަތް ތަކަށް މަޑުޖެހުމެއް އައިސްފައި ވާތީ، ޕްރޮފެޝަރ ޑރ. ޒައިދާ މުސްޠަފާ އަަކީ، ޢިލްމީ އަދި ތަޢުލީމީ ދާއިރާގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވީ ހިނދު އެ ބޭފުޅާގެ އެހީތެރިކަމާއެކު މުދައްރިސުން، ފަންނީ ގޮތުން ތާޒާ ކުރެއްވުމެވެ.

"ޓީޗް ފްރޮމް ހާރޓް" މި މައިގަނޑު ނަމުގެ ދަށުން ކުރިޔަށް ގެންދެވި ޕީޑީ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ޙަމަދު ސްކޫލުން ހާމަކުރައްވައެވެ. މި ޕީޑީގައި ބައިވެރިވެ ލެއްވި ބައެއް ޓީޗަރުން ބުނުއްވީ، އިއްޔެ ކުރިޔަށް ގެންދެވުނު ޕީޑީއަކީ ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ހިއްސާ ކުރެވުނު އަދި ގިނަ އެއްޗެހި ދަސްވި ޕީޑީއެއް ކަމަށެވެ.

ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު ވިދާޅުވީ، ކޮވިޑް-19 ގެ މި ޙާލަތުގައި އެކަކު އަނެކަކާ ދިމާނުވެ ތިބިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ފަންނީ މަސައްކަތްތައް ހުއްޓުމެއް ނެތި، ކުރިޔަށް ގެންދެވޭނެކަމުގެ ޔަޤީންކަން އިއްޔެގެ ޕީޑީ ޕްރޮގްރާމުން ކަށަވަރު ވެއްޖެކަމަށެވެ.

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!