އެއްވެސް ދަތިކަމެއްނެތި ސިލަބަސް ކަވަރު ކުރެވޭނެ: ނާޒިމް

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވައި ލައްވައިފައިވާ އުސޫލުގެ ތެރެއިން އެއްވެސް ދަތިކަމެއްނެތި، ސިލަބަސް ކަވަރު ކުރެވޭނެ ކަމަށް ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި ވީޓީވީ ގުޅިގެން މިރޭ ގެނެސްދިން "އާ އާންމު ހާލަތުގައި ސްކޫލުތައް" މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވައިލައްވައި ސްކޫލްތަކަށް ފޮނުއްވައިފައިވަނީ ވަރަށް ރަނގަޅު ގައިޑްލައިނެއް ކަމަށެވެ. އެ ގައިޑްލައިނުގައި ކަންކަން ކުރާންވީ ގޮތް ވަރަށް ސާފުކޮށް ބަޔާން ކުރެވިފައިވާކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވީ، އުޞޫލުގައި ވާ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރެއްވުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގައިޑްލައިނުގައި ވާގޮތުން ކޮވިޑް-19ގެ މި ހާލަތުގައި ސްކޫލްތަކުގައި ކިޔަވައި ދެވޭނީ 45 މިނިޓްގެ 3 ގަޑިއިރުއެވެ.  ބާކީ އެއް ގަޑިއިރު، ދަރިވަރުން ހޭދަ ކުރާނީ، ޓެމްޕަރޭޗަރ ޓެސްޓު ކުރުމަށާއި އެސެމްބުލީއަށާއި ކްލާހުން ބޭރުގެ ހަރަކާތްތަކަށާއި އަތްދޮވުން ފަދަ ކަންކަން ކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ

ސްކޫލްގައި ދަރިވަރުން ހަތަރު ގަޑިއިރު ހޭދަ ކުރި ނަމަވެސް، ގޫގުލް ކުލާސްރޫމްފަދަ އޮންލައިން ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް ކިޔަވައި ދިނުމުގެ މަސައްކަތް ކުރެވެމުން ދާނެއެވެ. ސްކޫލްތަކުގައި ކިޔަވައިދޭން ފެށި ނަމަވެސް، ޓެލިކިލާސްތައް ވެސް، ކުރިޔަށް ގެންދެވޭނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، ޓެލިކިލާސް ތަކަކީ، ސްކޫލް ތަކަށް ދަރިވަރުން ޙާޟިރުވެގެންނާއި އޮންލައިންކޮށް އުނގެނުމާއި އުނގަންނައި ދިނުމަށް ކުރެވޭ މަސައްކަތް ތަކަށް އެހީތެރިވުމުގެ ގޮތުން އެމިނިސްޓްރީން، ސްކޫލުތަކުގެ ފަސްސަތޭކަ އަށްވުރެ ގިނަ ޓީޗަރުންގެ އެހީއާއެކު، ހިންގަވާ ޙަރަކާތެކެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގައި ކިޔަވައި ނުދެވި  ދުވަސްތައް ދިގުލައިގެން ދިއުމާއި، އާ އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު ކިޔަވައި ދިނުމަށް ގެންނާން ޖެހުނު ބަދަލުތަކުގެ ސަބަބުން ސިލަބަހަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. މިގޮތުން ސިލަބަހުގައި ހިމެނޭ އެންމެ މުހިންމު ބައިތައް ހިމެނޭ ގޮތަށް ސިލަބަހަށް ބަދަލު ގެންނަވައި، އެ ގެނެވުނު ބަދަލުތަކާއެކު  އެން.އައި.އީ ގެ ވެބްސައިޓުގައި ސިލަބަސް ވަނީ ޝާޢިޢު ކުރައްވައިފައެވެ. ސިލަބަހަށް މި ބަދަލު ގެންނަވައިފައި ވަނީ، ސްކޫލްތަކާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރައްވައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!