އިންޓަރ ނޭޝަނަލް ވާރޗުއަލް އެޑިޔުކޭޝަން ފެއަރގެ ބައިވެރިންނަށް 250 ޑޮލަރާ ހަމައަށް ފައިސާގެ އެހީ

މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ވާރޗުއަލް އެޑިޔުކޭޝަން ފެއަރ" ގައި ކިއު ސްޓްޑީ މެދުވެރިކޮށް ބައިވެރިވާ ދަރިވަރުންނަށް 250 ޑޮލަރާ ހަމައަށް ފައިސާގެ އެހީ ދެވޭނެ ކަމަށް މި ފެއަރ އިންތިޒާމު ކުރައްވާ، ކިއު ސްޓަޑީ މޯލްޑިވްސްގެ ފަރާތުން ހާމަ ކުރައްވައިފިއެވެ.

ވާރޗުއަލްކޮށް ބާއްވާ މިފެއަރ ކުރިޔަށް ދާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. ފެއަރ އޮންނާނީ، މި ދެދުވަހުގެ ހަވީރު ހަތަރަކުންފެށިގެން ރޭގަނޑު ދިހައެއް ޖަހަންދެނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފެއަރ އަކީ، މެލޭޝިއާގެ ގްލޯބަލް ސަރވިސް އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މިހަރަކާތް އިންތިޒާމު ކުރާ، ކިއު ސްޓަޑީ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރ އަޙްމަދު ޒައިން ނާޒިމް މަޢުލޫމާތު ދެއްވި ގޮތުގައި، މި ފެއަރގައި ދުނިޔޭގެ 10 ގައުމެއްގެ 20 ޔުނިވަރސިޓީއަކުން ބައިވެރިވެ، އެތަންތަނުގައި ދަރިވަރުންނަށް ހުރި މަތީތަޢުލީމުގެ ފުރުޞަތުތައް އޮޅުން ފިލުވައި ދެވޭނެއެވެ. އޮންލައިންކޮށް ކުރިޔަށް ދިޔަ ނަމަވެސް، ފެއަރގައި ބައިވެރިވާ ދަރިވަރުންނަށް  ޔުނިވަރސިޓީތަކުގެ ބޭފުޅުންނާ އޮންލައިންކޮށް ގުޅައި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށް ޒައިން ވިދާޅުވިއެވެ. މިގޮތުން މިފެއަރގެ ތެރެއިން އެޕްލައިޑް ސައިންސް، އިންޖިނިއަރިން، އައިޓީ އެންޑް ކޮންޕިއުޓިންގ، ބިސްނަސް، އެކައުންޓިން، ސައިކޮލޮޖީ، ސޯޝަލް ސައިންސަސްގެ އިތުރުން އެހެން ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށް ޒައިން މައުލޫމާތު ދެއްވިއެވެ.

މިފެއަރ ކުރިޔަށް ދާއިރު، ޔުނިވަރސިޓީތަކުން ބާއްވާ ވެބިނާރ ތަކެއް ކުރިޔަށް ދާނެއެވެ. މި ވެބިނަރ ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފެއަރގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ބައެއް ޔުނިވަރސިޓީތަކުން ދެއްވާ ޕާޝަލް ސްކޮލަޝިޕްގެ ފުރުޞަތަކީވެސް ފެއަރގެ ބައިވެރިންނަށް ހުޅުވިފައި އޮތް ފަހި ފުރުޞަތެކެވެ. ހަމައެހެންމެ ފެއަރގެ ބައިވެރިން ބޭނުންވެއްޖެނަމަ، އިނގިރޭސި ޓެސްޓެއް ހަދައި ސެޓުފިކެޓު ހޯދުމުގެ ފުރުޞަތު ވެސް، ހުޅުވިފައިވެއެވެ.

މިފެއަރގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވެސް، އަދި ފެއަރ ކުރިޔަށް ދާ ގަޑީގައިވެސް، އެފުރުޞަތުވަނީ ފަހިވެފައެވެ. ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކިއު ސްޓަޑީ ވެބްސައިޓަށް ޒިޔާރަތް ކޮށްލުމުން އެކަން ކުރެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ކިއު ސްޓަޑީ އިންޓަރނޭޝަނަލް ފެއަރ އަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އަންނަ ފެއަރއެކެވެ. މި ފެއަރ ނިމިދިޔަ ހަފުތާގެ ތެރޭގައި އޮތީ އިންޑޮނޭޝިއާގައެވެ. އޭގެ ކުރީ ހަފުތާގައި އޮތީ އިންޑިއާގައެވެ. މި ހަފުތާގައި މިފެއަރ ކުރިއަށް ދާނީ، ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފެއަރގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބައިވެރިވެ ލައްވައެވެ. އަދި ރާއްޖޭގެ ދަރިވަރުން ބޭނުންވާ މަޢުލޫތު އެމިނިސްޓްރީގެ ފަރާތުން މި ފެެއަރގައި ފޯރުކޮށް ދެއްވާނެއެވެ.

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!