ފުރަތަމަ އެހީ ދިނުމުގެ ތަމްރީނު ޕްރޮފްރާމުގެ ދަށުން 407 މުދައްރިސަކު ތަމްރީނު ވެއްޖެ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދެއްވާ ހުރިހައި މުދައްރިސުންނަށް ނަފްސަނީ ފުރަތަމަ އެހީގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމް ފަށައި މިހާތަނަށް 407 މުދައްރިސަކު ތަމްރީނު ކުރެވިއްޖެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިރޭ ހާމަ ކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ކުރެއްވި ޓުއިޓެއްގައި ވަނީ، މި ޕްރޮގްރާމް ނިމޭއިރު 11 ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ޔުނިސެފާއި، ދިވެހި ރެޑްކްރެސެންޓް ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަޤުޞަދަކީ، ސްކޫލުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވޭއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިކަން މިމަގަށް ކޮށްދެވޭނީ، މި ހާލަތުގައި ދަރިވަރުންނަށް ދިމާވެފައިވާ ހާސްކަމާއި ނުތަނަވަސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ޤާބިލު ބަޔަކަށް މުދައްރިސުން ހަދައި ދެވިގެންނެވެ. ދަރިވަރުން ސްކޫލަށް ގޮސް އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކާނެ ބަޔަކީ މުދައްރިސުންނެވެ. އެހެންކަމަށް ވީހިނދު މުދައްރިސުންނަށް މިފަދަ ތަމްރީނުތައް ލިބިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައި ދެވޭ މައިގަނޑު ބައިތަކަކީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ދެނެގަންނާނެ ގޮތާއި، އެފަދަ ހާލަތުގައި އެފަދަ ދަރިވަރުންނަށް އެހީތެރިވެ، ޢަމަލު ކުރާންވީ ގޮތްތަކެވެ. މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނާންވީ ކަންކަމާއި ޙާލަތައް ރިޢާޔަތް ކޮށްގެން ކަންކަން ކުރާނެ ގޮތުގެ މަޢުލޫމާތުވެސް މި ތަމްތީނު ޕްރޮގްރާމުގައި ދެވޭނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ތަމްރީނު ދެވެމުން ދަނީ މުދައްރިސުންނަށެވެ. އެއަށްފަހު ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންނަށް ވެސް، އިތުރު ތަމްރީނު ދެވޭނެ ކަމަށް އެމިނިސްޓްރީން ހާމަ ކުރައްވައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެފައި ވަނީ ސްކޫލްތައް ހުޅުވޭނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. ސްކޫލްތައް ހުޅުވާނީ އެތަނަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރެއްވުމަށް ފަހުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!