މިދިޔަ އަހަރު (2019) ގެ އޮކްޓޯބަރ ނޮވެމްބަރ ގައި އޯލެވެލް އިމްތިޙާނު ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލުތަކަށް ފޮނުވަން މާދަމާ ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
އެ މިނިސްޓްރީން ހާމަ ކުރެއްވި ގޮތުގައި އޯލެވެލް އިމްތިޙާނުތަކުގެ ސެޓުފިކެޓްތައް ލިބިފައިވަނީ މިއަދުއެވެ. މިހާރު ކުރެވެމުންދަނީ، އެސްއެސްސީ އިސްލާމާއި، ދިވެހި، އިމްތިޙާނުގެ ސެޓުފިކެޓާއި އޯލެވެލް އިމްތިޙާނުތަކުގެ ސެޓުފިކެޓްތައް، ސެންޓަރުތައް ވަކިކޮށް، އެޅުމުގެ މަސައްކަތެވެ.
އޯލެވެލް އިމްތިޙާނުގެ ސެޓުފިކެޓުތައް މާދަމާ ސެންޓަރުތަކަށް ފޮނުވަން ފަށާއިރު، އޭލެވެލް އިމްތިޙާނުގެ ސެޓުފިކެޓުތައް މިހާރު ބައެއް ސެންޓަރުތަކަށް ފޮނުވައިފައި ވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
އެހެން އަހަރުތަކާ ޚިލާފަށް، އިމްތިޙާނުތަކުގެ ސެޓުފިކެޓްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިފަހަރު ކުރެވެމުން ދަނީ ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އެކުލަވައި ލެވިފައި ވާ ޓާސްކް ފޯހާ ގުޅިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރައްވައިފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން، ސެޓުފިކެޓުތައް ދޫކުރެއްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންގުޅުއްވި އުޞޫލަށް ވެސް، ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ. އަދި މި ގެނެވުނު ބަދަލު ސްކޫލްތަކާ ހިއްސާ ކުރައްވައިފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
advertisment
advertisment
advertisment