ދެ ދަންފަޅިއަށް ހިންގަން ޖެހުނަސް ދަތިކަމެއް ނެތް: މުޙައްމަދު ޝުކުރީ

ކޮވިޑް-19ގެ ސަބަބުން ގެނެވުނު ބަދަލުތަކާގުޅިގެން އާ، އާންމު ޙާލަތުގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ދާނީ ދެ ދަންފިޅިޔަށް ކަމަށް ވިޔަސް، މިހާރު ތިބި މުވައްޒަފުންނާއެކު ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައި ދަތިކަމެއްނެތި ކިޔަވައި ދެވޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ވީޓީވީ ގުޅިގެން ގެނެސްދޭ، އާ، އާންމު ޙާލަތުގައި ސްކޫލްތައް، މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ޝުކުރީ ވިދާޅުވީ، ދުވާފަރު ޕްރައިމަރީ ސްކޫލަކީ އެއްދަންފަޅިއަށް ހިންގާ ސްކޫލެއް ކަމަށާއި ކޮވިޑް-19ގެ ސަބަބުން ދެ ދެންފަޅިއަށް ކިޔަވައިދޭން ޖެހުނު ނަމަވެސް، މުވައްޒަފުންގެ ދަތިކަމެއް ނެތް ކަމަށެވެ.

މިބަދަލާ ގުޅިގެން އަޅުގަނޑުމެންގެ ސްކޫލުގެ އިންތިޒާމް ތަކަށް ވެސް އެބަ އާދޭ ބަދަލެއް. މީގެ ކުރިން އަޅުގަނޑުމެގެ ސްކޫލަކީ އެއްދަންފަޅީ ސްކޫލެއް. ނަމަވެސް މިބަދަލާއެކު ސްކޫލް ވެގެން މިދަނީ ޓައިޕް ޓޫގެ ސްކޫލަކަށް. ދެންދަންފަޅީގެ ސްކޫލަކަށް. ކްލާހެއްގައި ތިބޭނީ 12 ދަރިވަރުން: ޝުކުރީ

ކިޔަވައި ދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝުކުރީ ވިދާޅުވީ، ކޮވިޑް-19ގެ މިޙާލަތުގައި މިހާރު ވެސް، ކިޔަވައި ދިނުން ކުރިޔަށް އެބަ ގެންދަވާ ކަމަށެވެ. އިތުރަށް ކުރެވެމުންދާ ކަންކަމާގުޅޭ ގޮތުން ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ، ސިލަބަހަށް ގެނެވުނު ބަދަލަށް ރިޢާޔަތް ކޮށްގެން، ޕްލޭންތަކަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން މިހާރު ކުރެވެމުން ދާ އެއް ކަމަކީ ތީމުތައް ސިލަބަސްތަކާ އަޅައި ކިޔުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުމުން ދަންފަޅި ތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ކަނޑައެޅުމާއި، ޓައިމްޓޭބަލް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.

އާ، އާންމު ޙާލަތުގައި ސްކޫލްތައް ހުޅުވުމަށް ވަމުދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝުކުރީ ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވަނީ، ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށް ކަމަށެވެ. މިގޮތުން ރައްކާތެރިކަމުގެ ގޮތުން ވަކި ޚާއްޞަ އިންތިޒާމްތަކެއް ސްކޫލުގައި ހަމަޖެހިފައި ހުންނާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ. އޭގެތެރޭގައި، މާސްކް އަޅައިގެން ސްކޫލަށް އައުމާއި، ޓެމްޕަރޭޗަރ ޓެސްޓް ކޮށްގެން ސްކޫލަށް ވަދެވުމާއި، ޓެމްޕަރޭޗަރ، ހުންނާންޖެހޭ މިންވަރަށް ވުރެ މަތިނަމަ އައިސޮލޭޝަން ރޫމަށް ގެންދިއުންފަދަ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ކުރާންޖެހޭ ކަންކަމާއި، ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކުރާންޖެހޭ ކަންކަން މިހާރު ކުރިޔަށް ދާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ކުރެވެމުދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، ދަރިވަރުން ގޮވައިގެން އަންނަ ބެލެނިވެރީން ސްކޫލާ، އެކުދީން ހަވާލު ކުރާނެ ހިސާބު ފާހަގަ ކުރެވިފައިވާ ކަމަށާއި، ސްކޫލްތެރޭގައި ކުދީން ތިބޭނެ ގައިދުރުކަން ފާހަގަ ކުރުމާއި ކުލާހުގައިވެސް ތިބޭ ދުރުމިން ފާހަގަ ކުރުމުގެ ކަންކަން މިހާރު ނިމިފައި ވާ ކަމަށެވެ.

ކޮވިޑް-19ގެ މިޙާލަތުގައި ސްކޫލްތައް ހުޅުވޭއިރު ޢަމަލުކުރާންޖެހޭ ގޮތުގެ އެސްއޯޕީތައް ނިމިފައިވާ ކަމަށާއި، އެކަމާބެހޭ މަޢުލޫމާތު ޓީޗަރުންނާ މިހާރު ހިއްސާ ކުރެވިފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަންނަ ހަފްތާގެ ތެރޭގައި ބެލެނިވެރީންނަށް މަޢުލޫމާތު ދެއްވާނެ ކަމަށާއި ކިޔެވުން ފެށޭ ދުވަހު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދަވަން ނިންމަވައިފައިވާ ކަމަށް ޕްރިންސިޕަލް މަޢުލޫމާތު ދެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!