ރައީސްގެ ޞާލިޙްގެ ޓްވީޓް، ވަރަށް ގިނަބަޔަކަށް ލިބުނު އުފާވެރި ޚަބަރެއް

މިއަދު ހަވީރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓަކީ، މަތީ ތަޢުލީމަށް އެދި ތިބި އެތައް ދަރިވަރުނަކަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ.

އެމަނިކުފާނު މިއަދު ހަވީރު ކުރެއްވި ޓުވީޓުގައި ވަނީ، ކޮވިޑް-19ގެ ގޮންޖެހުންތަކުގެ ދަތި ޙާލުތުގައި ވެސް، ސަރުކާރުން މިހާރު އިޢުލާނު ކޮށްފައިވާ، ސްޓޫޑެންޓް ލޯނު ސްކީމާއި، ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، ހައިއެޗީވަރސް ސްކޮލަރޝިޕް، އެއްވެސް ބުރުލެއް އެރުމެއްނެތި ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ކޮވިޑް-19ގެ ގޮންޖެހުންތަކުގެ ސަބަބުންނާއި ރާއްޖެއާއި ދުނިޔޭގެ އިޤްތިޞާދަށް ވެސް، ލިބެމުންމިދާ ގެއްލުންތަކުގެ ސަބަބުން، އެތައް ސަތޭކަ ދަރިވަރުންނަކާއި އެކުދީންގެ ބެލެނިވެރީން ވެސް، ތިބީ ވާނެ ގޮތެއް ނޭގި، ނާއުންމީދުވެފައެވެ. މިއަހަރުގެ ފެބްރުއަރީ މަހު ހަޔަރ އެޑިޔުކޭޝަނުން ކުރެއްވި ލޯނު ސްކީމްގެ ނަތީޖާ ވެސް، ލިބިފައި ނުވާތީ، މާޔޫސްވެފައެވެ.

މިއަދު ހަވީރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓުން، މަތީ ތަޢުލީމަށް އެދި އެދި ތިބި އެތައް ކުދިބަޔަކަށް ހިނިތުންވުން ގެނެސް ދެއްވިއިރު، ހަމަ އެވަގުތު ކުރިޔަށް ދިޔަ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މަތީ ތަޢުލީމަށް ހުޅުވައިލި ލޯނު ފުރުޞަތުގައި 514 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާކަން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ލައިސަންސް ހޯދަންޖެހޭ ދާއިރާތަކުން ފެށިގެން ޑިޕޮލަމާއާއި ޑިގްރީއާއި މާސްޓަރސްގެ އިތުރުން ޕީއެޗްޑީއަށް ދެވިފައިވާ ފުރުޞަތުތަކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މީގެ ކުރީން ވެސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމު އުނގެނި، އީޖާދީ އުފެއްދުންތެރި ކަމަށް ވިސްނުން ހިންގާ ހުނަރުވެރި ޖީލެއް ބިނާ ކުރުން ކަމަށެވެ. ކޮވިޑް-19 ގެ މި ދަތި ޙާލަތުގައި ވެސް، މިފަދަ ފުރުޞަތު ތަކެއް ދެއްވިކަމީ، މީހުން ބިނާ ކުރުމަށް މިސަރުކާރުން ދޭ އަހަންމިއްޔަތުގެ ލާމަސީލު ނަމޫނާއެއް ކަމަށް ގިނަބަޔަކު ދެކެއެވެ.  

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!