މާދަމާ ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ސްކޫލްތައް ތައްޔާރު: އެޑިޔުކޭޝަން މިނިސްޓަރ

އާ އާންމު ޙާލަތުގައި މާދަމާ ސްކޫލްތައް ހުޅުވޭއިރު، ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ސްކޫލުތައް ތައްޔާރު ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މާދަމާ މި އަންނަނީ ވަރަށް އުންމީދު ކުރި އަދި އަޅުގަނޑުމެން އެންމެ ވަރަށް އިންތިޒާރު ކުރި ދުވަހެއް ކަމަށެވެ. ސްކޫލުތައް ވަނީ މާދަމާ ދަރިވަރުންނަށް މަރުޙަބާ ކިޔުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެފައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސްކޫލުގެ އެންމެހައި އިންތިޒާމުތަކެއް ވަރަށް ފުރިހަމައަށް ނިމިފައި ވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާ، އާންމު ޙާލަތަށް ސްކޫލުތައް ވެފައިވާ ތައްޔާރުތައް މިނިސްޓަރ ބައްލަވައި ލައްވަނީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ، މާލޭގެ ހުރިހައި ސްކޫލެއްގެ ތައްޔާރީތައް އެ ސްކޫލުތަކަށް ވަޑައިގެން ބައްލަވައި ލައްވައިފައެވެ. އަދި އެކަމަނާ ވަނީ، ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކުރައްވައި މަޢުލޫމާތު އެއްކުރައްވައިފައެވެ.

އާ އާންމު ޙާލަތަށް ސްކޫލުތައް ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވުމަށް ޕްރިންސިޕަލުންނާ މިނިސްޓަރ ބައްދަލު ކުރައްވަނީ

ކޮވިޑް-19 ފެނި ރާއްޖެ ފުރަބަންދަކަށް ދިއުމާއެކު، ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައި ދިނުން ވަނީ މެދުކަނޑައިލެވިފައެވެ. މިގޮތުގައި ތިން މަސް ދުވަސް ވޭތުވެ ދިޔުމަށްފަހު މާދަމާއަކީ ސްކޫލުތައް ހުޅުވޭ ދުވަސްކަން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އިޢުލާނު ކުރެއްވީ މި ހިނގާ ޖޫން މަހުގެ ތެރޭގައެވެ.

ވޭތުވެ މިދިޔަ ދުވަސްތަކުގައި، ކިޔަވައި ދިނުމުގެ ކަންކަން ކުރިޔަށް ގޮސްފައިވަނީ، ގޫގުލް ކުލާސް ރޫމާއި މިނޫންވެސް މިފަދަ އޮންލައިން މަންސަތަކުގެ ތެރެއިންނެވެ. އޭގެ އިތުރުން ޓެލިކުލާހުގެ ޒަރިއްޔާއިން ވެސް ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރައްވައިފައި ވާކަން ފާހަގަ ކުރެވެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!