އާ އާންމު ހާލަތުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ކުރިޔަށް ދާނީ 'އެއަރ ލައިން' ތައް ހިންގާ އުސޫލުން: ޕްރިންސިޕަލް ސަޢުދު

އާ އާންމު ހާލަތުގައި ދަރިވަރުން ސްކޫލަށް ވަދެ ނުކުމެ ވާނީ 'އެއަރ ލައިން' ތައް ހިނގާ އުސޫލުން ކަމަށާއި  ދަރިވަރުން ސްކޫލު ގޭޓުން ވައްދާނީ ސްކޫލު އެތެރޭގެ ހުރިހާ ކަމެއް ހަމަޖެހި ކުލާސް ތަކުގައި މުދައްރިސުން ތިއްބެވިކަމާއި އަދި ފްލޯރ ޓިއުޓީ ތަކަށް މުވައްޒަފުން ޙާޟިރުވެއްޖެކަން ޔަޤީންކުރުމަށްފަހު ޕްރިންސިޕަލް އިޝާރާތް ކުރެއްވުމުން ކަމުގައި  ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސަޢުދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ  އެޑިއުކޭޝަން މިނިސްޓްރީ އާއި ވީޓީވީ ގުޅިގެން ގެނެސްދޭ އާ އާންމު ހާލަތުގައި ސްކޫލުތަށް މިޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ސަޢުދުﷲ ވިދާޅުވީ ދަރިވަރުން ސްކޫލު ގޭޓުން ވައްދާނީ މާސްކު އެޅިފައި ހުރިކަން ޔަގީންކުރުމާއެކު 'ޓެމްޕަރޭޗަރ' ޗެކް ކުރެވިގެން ކަމަށާއި ދެންއަޅާ ފިޔަވަޅުގައި ދަރިވަރުން ސަފު ހަދާނީ ގައިދުރު ނިޝާންތަކުގެ މަތީގައި އަތްދޮންނަން ދިޔުމަށް ކަމުގައެވެ. މިގޮތުން އަތްދޮވުމަށްޓަކައި ދަރިވަރުން އިސްކުރުގައި އަތްލާން ނުޖެހޭނެ ކަމަށާއި އިސްކުރު އަނބުރާ އަދި ދަރިވަރުންގެ އަތަށް ސައިބޯނި އެޅުމަށް ވެސް، މުވައްޒަފަކު ވާނީ އައްޔަނު ކޮށްފައި ކަމަށެވެ. ދަރިވަރުން ގޭޓުން ވަދެގެން ކުލާހަށް ވަދެވެންދެން ދަރިވަރުންގެ ކޮންމެ ހެލިފެލި ވުމަކަށް މުވައްޒަފުން އައްޔަނު ކޮށްފައިވާނެ ކަމަށާއި ހުރިހާ ކަމެއްވެސް ހިނގާނީ ޕްރިންސިޕަލް އާއި ވަގުތުން މުޢާމަލާތް ކުރެވިގެން ކަމުގައެވެ.

އާ އަންމު ހާލަތަށް ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ކުރިޔަށް ގެންދިޔަ 'ޑްރިލް' އާ އެއްގޮތަށް ޖުލައި 1 ވަނަދުވަހު ހުރިހާ ކަމެއްވެސް ކުރިޔަށް ގޮސްފައިވާކަން ސަޢުދުﷲ ފާހަގަ ކުރެއްވިއެވެ.

ސްކޫލުގެ ހުރިހައި ކަމެއް ވެސް، ކާމިޔާބުކޮށް ގެންދިޔުމުގައި ސްކޫލު ޕީޓީއޭ އާއި ހެޔޮއެދޭ ފަރާތްތައް އަދި މިނިސްޓްރީ އޮފް އެޑިކޭޝަން ވެދެއްވި އެހީތެރި ކަމަށް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވެވިއެވެ.

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ގުރޭޑް 7ން 12 އަށް ތައުލީމް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެކެވެ. މި ސްކޫލަކީ ކޮވިޑް 19 އާ ގުޅިގެން ހުރިހާ ސްކޫލަކުން ވެސް ކުރިޔަށް ގެންދާ އޮންލައިން ކުލާސްތައް އެންމެ ފުރަތަމަ ފެށި އެއް ސްކޫލުކަމަށް ޕްރިންސިޕަލް ސަޢުދު ވިދާޅުވިއެވެ. މިގޮތުން މި ޕްރޮގުރާމް ފެށީ ވެސް ހުރިހާ މުދައްރިސުންނަށް 'ގޫގަލް ފޯރ އެޑިޔުކޭޝަން' މި ތަމްރީން ދެއްވުމަށް ފަހުގައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!