މި ހަފްތާގައި އަޅުގަނޑު ނަޒަރުހިންގާލަން މި ޤަޞްދުކުރަނީ ދަރިވަރުންގެ ނަތީޖާ އާއި ގުޅުންހުރި ބައެއް ކަންތައްތަކުގެ މައްޗަށެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.
އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ އުންމީދުކުރާވަރަށް ރަނގަޅުނުވަނީ ކީއްވެ؟
2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ބަދަލުނުކޮށް އަޅުގަނޑު ގެންގުޅޭ އެއްކަމެއް އޮންނާނެއެވެ. އެއީ އެސް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާހަށް ދަރިވަރުން ޖަވާބުދީފައި ނުކުންނައިރު ދަރިވަރުންނާ ބައްދަލުކުރުމެވެ. އިމްތިޙާނުގެ ސުވާލުތައް ކިހިނެއްތޯ އަހާލާއިރަށް އަބަދުވެސް ލިބޭ ޖަވާބަކީ، "ވަރަށް ފަސޭހަ" މިއެވެ. ނަތީޖާ ކިހިނެއްވާނެތޯ އަހާލަން ކުރާ ސުވާލުގެ އެއްބައި އަނގައިގާ އޮއްވާ "އޭ" އެއް ލިބޭނެކަމަށް ބުނާ ދަރިވަރުން މަދެއްނޫނެވެ. ނަމަވެސް ޖަވާބުކަރުދާސްތައް މާކްކޮށް ނިމި، ނަތީޖާ އަންނައިރު "އޭ" އޮންނަނީ "ބީ" އަކަށް ނުވަތަ "ސީ" އަކަށް ދަށްވެފައެވެ. މިހެން މިވަނީ ކީއްވެގެން ބާއޭ ވަރަށް ގިނަ ދަރިވަރުންނާ ބެލެނިވެރިންގެ ހިތުގައި ސުވާލުއުފެދޭނެކަން ޔަޤީނެވެ. ދަރިވަރުން އުންމީދުކުރާވަރުގެ ނަތީޖާއެއް ނުލިބުމުގައި ވަރަށް ގިނަ ސަބަބުތަކެއް ވާކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައި އެބަހުއްޓެވެ. އެއިގެ ތެރޭގައި:
- ދުރާލާ ފިލާވަޅުތައް ރަނގަޅަށް ދަސްކޮށްފައި ނެތުން.
- ކްލާހުގައި ފިލާވަޅުތައް ނަގައިދެމުން ދާއިރު، ފިލާވަޅުތަކުގެ ތެރެއަށް ފުންކޮށް ވަދެވިފައި ނުވުން.
- ފިލާވަޅު ދަސްކުރުމުގައި މުހިންމު ބައިތަކެއް ދޫކޮށްލެވިފައި ހުރުން.
- ކުރީ އަހަރުތަކުގެ ސުވާލު ކަރުދާސްތަކުގެ ދިރާސާއެއް ކުރެވިފައި ނެތުން.
- ފިލާވަޅު ދަސްކުރުމަށް ވުރެ ޕާސްޓް ޕޭޕަރު ހެދުމަށް ދެވޭ ސަމާލުކަން (މާބޮޑަށްވެސް) ބޮޑުވުން.
- ދޭހައިގެ ސުވާލަށް ޖަވާބުދިނުމަށް ޓަކައި، ދޭހަވާ މާނަ ނަގަން ދަސްކުރުމަށްވުރެ ބޮޑަށް، ދޭހަވާ މާނަތައް ހިތުދަސްކުރަން މަސައްކަތް ކުރުން.
- ސުވާލުކަރުދާހުގައި ދީފައިހުރި ސުވާލުތައް ފަރުވާތެރިކަމާއި އެކު ރަނގަޅަށް ނުކިޔާ ޖަވާބުލިޔަންފެށުން.
- ސުވާލުގައި ކުރަންބުނެފައިވާ މަސައްކަތްތައް ފުރިހަމަނުކޮށް ދޫކޮށްލެވިފައި ހުރުން.
- ސުވާލު ކަރުދާހުގައި ކޮށްފައިވާ ސުވާލަށް ޖަވާބު ދެވުމުގެ ބަދަލުގައި ނުގުޅޭ ޖަވާބުތަކެއް ދެވިފައި ހުރުން.
- ލިޔުނު ޖަވާބުތައް ދެވަނަ ފަހަރަށް ޗެކްކޮށް ނުލުން.
- ސުވާލުތަކަށް ޖަވާބުލިޔެ ނިންމާލާފައި ލިބޭ ހުސްވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ބަދަލުގައި، އެވަޤުތުތައް ބޭކާރުކޮށްލުން. (ޓެސްޓް ނިންމާފައި ނިދުން ފަދަ ކަންކަމުގައި)
މިތާގައި މިބަޔާންކުރީ ހުރިހާކަމެއް ނޫނެވެ. މިއީ އެންމެ ޢާންމުކޮށް ފެންނަން ހުންނަ ކަންތައްތަކެވެ. މިނޫނަސް މަދުންނަމަވެސް ފެންނަ އެހެނިހެން ބައެއްކަންތައްތައްވެސް ހުރެއެވެ. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބޮޑަށް ސަމާލުކަން ދީގެން ދުރާލާ ތައްޔާރުވާނަމަ ދަރިވަރުންގެ ނަތީޖާ އުންމީދުކުރާވަރަށް ރަނގަޅުކުރެވޭނެ ކަމާއިމެދު ޝައްކެއްވެސް ނެތެވެ.

އެސް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުންނަށް ހެދިފައިހުންނަ ގޯސްތައް:
މިބައިގައި މި ބަލައިލަނީ އިމްތިޙާނު ކަރުދާހުގައި ދަރިވަރުންނަށް ހެދިފައިހުންނަ ބައެއް ގޯސްތަކަށެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ސުވާލުތަކަށް ޖަވާބު ދެމުންދާއިރު ދަރިވަރުންނަށް ފަރުވާ ކުޑަކޯށްލެވިފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ މައްޗަށެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި:
ހ- ކުރަންޖެހޭ މަސައްކަތް އެއްކޮށް ފުރިހަމަނުކޮށް ދޫކޮށްލެވިފައި ހުރުން.
ބައެއްފަހަރު ސުވާލުގައި ޖަވާބުދޭން ބުނެފައިވާ ހުރިހާ ބައިތަކަކަށް ޖަވާބުނުދެވި، ސުވާލުގެ ފުރަތަމަ ބަޔަށްއެކަނި ޖަވާބުދީފައި އެ ސުވާލުން އަތްދޫކޮށްލާފައި ހުންނަކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން އެ ސުވާލަށް ދަރިވަރަށް ލިބެންވާ މާކްސްތަކެއް ގެއްލިގެން ދަނީ މަދެއްކޮށެއްނޫނެވެ. މިގޮތަށް ދިމާވަނީ ޖަވާބު ދީ ނިންމާފައި، ސުވާލުގެ ހުރިހާ ބައިތަކަށް ފުރިހަމައަށް ޖަވާބުދެވިފައިވޭތޯ ރަނގަޅަށް ޗެކްކޮށްނުލާ ސުވާލުކަރުދާސް އިންވިޖިލޭޓަރ އާއި ޙަވާލުކުރާތީއެވެ. އެހެންވީމައި ހުރިހާ ދަރިވަރުންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ހަނދާން ބަހައްޓާށެވެ!

ށ- ސުވާލުގައި ކުރަންބުނެފައިވާ ވަރަށްވުރެ އިތުރަށް މަސައްކަތްކުރުން:
ދަރިވަރުން އަބަދުވެސް ވިސްނާނީ ސުވާލުގައި މަސައްކަތް ކުރަން ބުނެފައިވާ މިންވަރަށް މަސައްކަތް ކުރުމަށް ފަހު ސުވާލު އަތްދޫކޮށްލާށެވެ. ސުވާލުގައި ކުރަން ބުނާ މަސައްކަތުގެ އިތުރުން އެހެން މަސައްކަތެއް، ސުވާލަށް ޖަވާބުދިނުމަް ޓަކައި ކުރުމުގެ ސަބަބުން ބައެއްފަހަރު ދަރިވަރުގެ ޖަވާބު ނުބައިވެފައި އެބަހުރެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ސުވާލާއިގުޅޭ މިސާލު ލިޔެފައި ހުރުމެވެ. މިސާލު ލިޔަން ސުވާލުގައި ބުނެފައި ނެތްނަމަ އެއީ ދަރިވަރުކުރާ ބޭކާރު މަސައްކަތެކެވެ.
ނ- ދަރިވަރުން ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ދޫކޮށްލާފައި ހުރުން:
ސުވާލު ކަރުދާހުގައި ދަރިވަރުން ކޮންމެހެން ޖަވާބުދޭންޖެހޭ ބައެއް ބައިތަކަށް ޖަވާބުނުދީ ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިސާލަކަށް ބަލާނަމަ ޙުކުމް ސަބަބާއެކު ލިޔަން ޖެހޭ ސުވާލުތަކަށް ދަރިވަރުން ޖަވާބުލިޔާއިރު، ހަމައެކަނި ޙުކުމް ލިޔުމަށް ފަހު ސަބަބު ނުލިޔެ ދޫކޮށްލާފައި ހުރެއެވެ. މިގޮތަށް ދޫކޮށްލާ ކޮންމެ ސުވާލަކުން މަދުވެގެން 1 މާކްސް ގެއްލޭނެއެވެ.
މީގެ އިތުރުންވެސް ވަރަށް ގިނަކަންކަން ފާހަގަ ކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް އެވާހަކަތައް ﷲގެ ރަޙްމަތްފުޅާއި އެކު އެހެން ފަހަރުން ގެނެސްދެވޭތޯ މަސައްކަތް ކުރާނީއެވެ.
advertisment
advertisment
advertisment