އޭޝިއަން ފައުންޑޭޝަނުން ކުރިޔަށްގެންދާ ލެޓްސް ރީޑް ޕޮރްގުރާމުން ރާޖެއަށް ހީ ނުކުރާ ފަދަ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މި ހުސްވި ޖޫން މަހުގެ ނަތީޖާއަށް ބަލާއިރު 80811 ފޮތް ކިޔައިގެން ރާއްޖެ އޮތީ ލިސްޓުގެ ދެވަނައިގައެވެ. ފޮތް ކީ ނިސްބަތަށް ބަލާއިރު %250 ގެ ކުރިއެރުމެއް މި ހުސްވި ޖޫން މަހު ރާއްޖެއަށް ލިބިފައި ވާއިރު، ވޭތުވެދިޔަ މެއި މަހާ އަޅައި ބަލާއިރު، ހުސްވި ޖޫން މަހު، ފޮތް ކީ ކުދީންގެ އަދަދުގެ ނިސްބަތް 89 އިންސަތަ އިތުރު ވެފައި ވާ ކަން ފާހަގަ ކުރެވެއެވެ. އެ ފައުންޑޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި މި ނަތީޖާ ތަކުން އަންގައި ދެނީ، ދިވެހި މުޖުތަމަޢުގައި ފޮތްތެރިކަން އާލާވަމުން އަންނަ މިންވަރެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ފާހަގަ ކުރެވޭފަދަ ގިނަ އަދަދެއްގެ ކުދީން ޖޫން މަހު ފޮތް ކިޔާފައި ވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފޮތްތެރި ކަމަކީ ޢިލްމުގެ ވަރަށް މުހިންމު ބަޔަކަށް ވީ ހިނދު، ފޮތްތެރިކަމާ ނުލައި ޢިލްމުގެ ކާނާ ފުރިހަމަ ނުވާނެ ކަމަށާއި، އިންޓަރނޭޝަނަލް މަންސައެއްގެ ތެރޭގައި ދިވެހިބަހުން ލިޔެފައި ހުރި ފޮތްތަކެއް ހުރުމަކީ ވެސް، ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ފޮތްތަކުގެ ބޭނުން ދިވެހި ކުދީން ހިފަމުން ދާ މިންވަރު އިތުރުވަމުން ދާ ތަން ފެނުމަކީ، އެ އަށްވުރެ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ލެޓްސް ރީޑް ޕްރޮގްރާމުން މިފަދަ ބޮޑު ކުރިއެރުމެއް (ފޮތުގެ އަދަދު އިތުރުވުމާއި ފޮތް ކީ ކުދިންގެ އަދަދު އިތުރުވުން) ލިބުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކަން ޕްރޮމޯޓު ކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަ ކޮށްލާން ޖެހެއެވެ. އެ މިނސްޓްރީން ވަނީ މި ޕްރޮގްރާމް ޕްރޮމޯޓު ކުރެއްވުމަށް ޓީވީތަކާއި ނޫސްތައް މެދުވެރިކޮށް ގިނަ މަސައްކަތް ތަކެއް ކުރައްވައިފައެވެ. އަދި ސްކޫލުތަކުގެ ޕްރިންސިޕަލުން ވަނީ، ސްކޫލުތަކުގެ ވައިބަރ ގްރޫޕްތަކުގައި މިކަމަށް ވަރުގަދަ ކެމްޕޭނެއް ވެސް ހިންގަވައިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސީޓީގެ ލައިބްރަރީއާއި، ޤައުމީ ކުތުބުޚާނާއާއި، ދިވެހިބަހުގެ އެކެޑަމީގެ ފަރާތުންވެސް، ގިނަ މަސައްކަތް ތަކެއް ކުރައްވައިފައި ވާ ކަން، ޑރ. ޢަބްދުﷲ ރަޝީދު ފާހަގަ ކުރެއްވިއެވެ. މި ހުރިހައި ފަރާތް ތަކަކަށް ޝުކުރު އަދާ ކުރައްވަމުން ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ޕްރިންސިޕަލުން ކޮށްދެއްވި މަސައްކަތަށް ޚާއްޞަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ.
ލެޓްސް ރީޑް އަކީ، އޮންލައިންކޮށް ހިލޭ ފޮތް ކިޔުމަށް ހުޅުވައިލެވިފައިވާ ވަރަށް ރަނގަޅު ފުރުޞަތެކެވެ. މި މަންސައިގެ ތެރޭގައި ދުނިޔޭގެ 33 ޤައުމެއްގެ ބަހުން ފޮތް ލިޔެ ޝާއިޢު ކުރެވިފައިވެއެވެ.
ލެޓްސް ރީޑް މި ޕްރޮގްރާމުގައި ބައިވެރިވެ ފޮތް ކިޔާން ބޭނުންވާނަމަ މި ސައިޓަށް ޒިޔާރަތް ކޮށްލާށެވެ. ނޫންނަމަ ލެޓްސް ރީޑް އެޕް އިންސްޓޯލް ކޮށްލާށެވެ.
advertisment
advertisment
advertisment