ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަދަލު ގެންނާން ނުޖެހޭ އެއްވެސް ދާއިރާއެއް މިއަދަކު ނެތެވެ. އާ ޢާއްމު ޙާލަތުގެ ނަމުގައި، ކުރިން ކުރަމުންއައި ހުރިހާކަމެއް އައު ގޮތް ތަކަކަށް ފުރޮޅިގެން އައީ ތަޢުލީމީ ދާއިރާ ވެސް، ލާމެހިގެންނެވެ. އިންސާނުން ހިތް އެދޭ ގޮތް ނޫން އެހެން ގޮތް ގޮތަށް ކަންކަން ބައްޓަން ކުރަން މިއަދު ވަނީ މަޖުބޫރު ވެފައެވެ. އެގޮތުން ގައިދުރުކަމާއި، އަތްދޮވުމާއި މާސްކު އެޅުމަކީ ޟަރޫރީ ކަމަކަށް ވެއްޖެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ލިސްޓުގެ އެންމެ ކުރިން ބުނެވިދިޔަ ކަންކަން ޖާގަ ކަށަވަރު ކޮށްފިއެވެ. އެކިއެކި ދާއިރާތަކާއި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވެސް، ކޮވިޑް-19އާ ގުޅިގެން ވަނީ ޢަޖައިބު ކުރުވަނިވި ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް މީހުންގެ ނަޒަރުގައި މި އައި ބަދަލު ހިތްގައިމުވެފައި ކާމިޔާބެވެ.
މިއަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ފެނުމާއެކު ޤައުމު ފުރަބަންދަކަށް ދާން ޖެހުނެވެ. ސޯޅަ ހަފުތާއަށްވުރެ ގިނަދުވަހު ސްކޫލަށް ޙާޟިރުނުވެވި، މިބަންދުގައި ތިބޭން ޖެހުނެވެ. މިއާއެކު ކުރީން ނަގައި ދެމުން ގެންދިޔަ ޓެލިކިލާސްތައް ހުއްޓައިލާން ޖެހުނެވެ. އަދި އޮންލައިން ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް ކިޔަވައި ދިނުން މަކުހަށް ޖަހަން ޖެހުނެވެ. އެއާއެކު ދިމާވި ގޮންޖެހުންތައް ކުޑައެއް ނޫނެވެ. ރަނގަޅު ސްޕީޑުގައި އިންޓަރނެޓު ނުލިބުމެވެ. ބައެއް ދަރިވަރުންގެ އަތުގައި ވަޞީލަތްތައް ފުރިހަމައަށް ލިބިފައި ނެތުމެވެ. ހަމަ މިއާއެކު ބައެއް ދަރިވަރުން އަދި ޓީޗަރުން ދިރިއުޅެމުން ދިޔަ މާހައުލު މިފަދަ ކަމަކަށް އެންމެ އެކަށޭނަ ނުވުމެވެ.
ކޮވިޑް-19ގެ މި ޙާލަތު ކުރިމަތި ވީ އިރު، ސްކޫލުތައް ހުރީ މިފަދަ ކަމަށް ތައްޔާރު ވެފައެއް ނޫނެވެ. ޓީޗަރުންނާއި ދަރިވަރުން ވެސް ހަމަ މިފަދައެވެ. މި ނުތަނަވަސްކަން ތަޙަންމަލް ކުރީ ހަމައެކަނި ދިވެހިރާއްޖެއެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ނަން މަޝްހޫރު ޤައުމުތައް ވެސް ވަނީ، މި ނުތަނަވަސްކަން ތަޙަންމަލް ކޮށްފައެވެ. ފާހަގަކޮށްލާން ޖެހޭ ކަމަކީ މި ނާޒުކު ޙާލަތުގައި ވެސް، ހުއްޓުމެއްނެތި ރާއްޖޭގައި ކިޔެވުން ކުރިޔަށް ގެންދެވިފައި ވާކަމެވެ. މިކަން މިމަގަށް ކުރެވުނީ ތަޢުލީމީ ދާއިރާގެ އިސްވެރިންގެ ދުރު ވިސްނުންފުޅާއެކު ކުރެވުނު ބުރަ މަސައްކަތުންކަން ކަށަވަރެވެ.
އާ އާންމު ޙާލަތުގައި ސްކޫލުތަކުގެ ކިޔަވައި ދިނުން މިވަނީ 1 ޖުލައިގައި ފެށިފައެވެ. ކުރިޔާ ވަރަށް ތަފާތު ކޮށެވެ. ވަރަށް ގިނަ ކަންކަމަށް ބަދަލުގެނެސް ޚާއްޞަ ސިފަތަކެއް ޖައްސައިގެންނެވެ. މިގޮތުން އާ އާންމު ޙާލަތުގައި ތަޢުލީމީ ދާއިރާގައި ބަދަލުވެފައި ވާ ނުވަތަ ބަދަލުވެގެން ދާނޭ މުހިންމު ބައެއްކަންކަމަށް އަލިއަޅުވައި ލާނަމެވެ.

ދަރިވަރުން އުނގެނޭ ތަނަކީ ހަމައެކަނި ސްކޫލަށް ނުވުން
ތަޢުލީމީ ދާއިރާގައި ކާމިޔާބު، ނަން ވިދާ ފިންލެންޑް ފަދައިން އަޅުގަޑުމެންގެ ދަރިވަރުން ވެސް، ސްކޫލްގައި ހޭދަކުރާނީ 3-4 ގަޑިއިރެވެ. މިއާއެކު ދަރިވަރުންގެ އިޖްތިމާޢީ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި އުނގެނުން ހިމެނިގެން ދާނެއެވެ. އެގޮތުން ސްކޫލާއި ގެއާއި މުޖުތަމަޢު ވެސް، ހިމެނިގެން ދާނީ އޭގެ އަސްލު މާނާގައި ދަރިވަރުންގެ އުނގެނުމުގައި ޝާމިލްވާ މުހިއްމު ފަރާތްތައް ކަމުގައެވެ. ދަރިވަރުންގެ ކާމިޔާބީގައި ބެލެނިވެރިންގެ ދައުރު އިހުނަށްވުރެ އިތުރުވެގެން ދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބަދަލުގައި ހޯދާނޭ ގޮތް
ކޮވިޑް-19އަށް ފަހު މި އައި ޙާލަތުގައި މަޢުލޫމާތު ތަކެއް ފޯރުކޮށް ދިނިމުގެ ބަދަލުގައި މުދައްރިސުން ބޮޑަށް އަމާޒު ހިފަން މަސައްކަތް ކުރާނީ މަޢުލޫމާތު ހޯދާނޭ ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރެވޭތޯ ކަމަށް ޤަބޫލު ކުރެވެއެވެ. ކުދިންގެ ވަކިވަކި ހުނަރާއި ތަފާތުފެންވަރަށް ރިޢާޔަތް ކުރެވިގެންނެވެ. އެއާއެކު ޙަޤީޤީ މާނާގައި އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ. މަޢުލޫމާތުގެ ބާލިދީ ފުރުމުގެ ބަދަލުގައި އުނގެނުމުގެ ހުޅުކޮޅު ރޯކޮށް ދިނުމަކީ ޙަޤީޤީ މާނާގައި ތަޢުލީމު ފޯރުކޮށްދިނުންކަމުގައި، ކަމުގެ ފަންނީ މާހިރުން ވެސް، ވިދާޅުވެއެވެ.
ފޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެހެނިހެން ވަޞީލަތް ތައް
ރީތި ޑިޒައިން ތަކަށް ކަރުދާސްލައި ތައްޔާރު ކުރި ތަމްރީނުހަދާ ފޮތްތައް އެއިގެ އާކަންމަތީގައި ހުރިކަން ފާހަގަކުރެވެއެވެ. ޒަމާނުއްސުރެ ބޭނުންކުރަމުންއައި މި ފޮތްތައް ބަހައްޓަން ޖެހުނީ ތަމްރީނުތައް ގޫގްލް ކްލާސްރޫމް، ފޯމް، ސްލައިޑް، ޔޫޓިއުބް، ފޭސްބުކް ނުވަތަ ވައިބަރގައި ކުރެވޭ ގޮތަށް ކޮވިޑް-19 އާ، ގުޅިގެން ފުރޮޅިގެން އައި އައުމުންނެވެ. ތަމްރީނުގެ ފޮޓޯއެއް މުދައްރިސަށް ފޮނުވައި ލިޔަސް ވަގުތުން މަސައްކަތުގެ ފީޑްބެކް ލިބުމުގެ މަގު މިއަދު ފަހިވެއްޖެއެވެ. ލިޔުން ހުތުރުވެފައި މަސައްކަތް ލަސް، ދަރިވަރުންނަށް މިކަން ހެޔޮ ފާލަކަށް ވެގެން ހިނގައްޖެ ކަމަށާއި އޮންލައިން ކްލާސްތައް ދަރިވަރުންނަށް މާ ކަމުދާ، މާބޮޑަށް ހިތްގައިމު ކަމަށް އެކުދީން ބުނާ ފަށައިފިއެވެ. ކޮންމެ އެދެވޭ ބަދަލެއްގެ ފަހަތުގައި ބެލެނިވެރިންގެ ބައިވެރިވުން މުދައްރިސުންނާ އެކުގައިވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުން ހޯދާ ކާމިޔާބީ ބޮޑުތަނުން އިތުރުވެގެންދެއެވެ.

ހުރިހާ ކަމެއް ވެސް ޝެޑިއުލް އެއްގެ ދަށުން
އިމްތިޙާނަށް ތައްޔާރުވާއިރު ޚާއްޞަ ތާވަލެއް ހަދައިގެން މުޠާލިޢާ ކުރަން އަބަދުވެސް މުދައްރިސުން ނަސޭޙަތްތެރިވެއެވެ. ނަމަވެސް މި އައު ބަދަލާއެކު ދަރިވަރުން މިތިބީ އޮޓޮމެޓިކުން ވަކި ތާވަލަކަށް ފެތިފައެވެ. ޓެލިކިލާސް ނުވަތަ ގޫގްލް މީޓް ކްލާސް ތާވަލެވެ. ނުވަތަ ކްލާސްރޫމްގެ މަސައްކަތެއް ނިންމަން ޖެހޭގަޑި ނުވަތަ ކުއިޒް ނިންމުން އޮންނަނީ ދަރިވަރުންގެ ދުވަހީ ތާވަލުގައި ރީތި ގޮތަކަށް އެތުރިލައިފައެވެ. އުސޫލުގެ ދަށުން ކަންތައްތައް ތަރުތީބުވެގެން ދާ ކަމުގައި ވަނީނަމަ، ދަރިވަރުންގެ ދުވަހުގެ 24 ގަޑިއިރު އޮންނަނީ ފައިދާހުރި ކަންކަމުގައި ތަރުތީބުވެފައެވެ. ޓެކްނޮލޮޖީގެ ކޮންމެ އާލާތަކުން، އިންޓަރނެޓް ލިބޭ ކޮންމެ ތަނެއްގައި ދަރިވަރުންނަށް ކިޔެވުމާގުޅޭ މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މީގެއިތުރުން ވެސް، މީސްމީޑިއާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެ، އޭގެހުރިހާ ވަޞީލަތަކީ އުގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރާ ވަޞީލަތް ތަކެއްގެ ގޮތުގައި ތަޖްރިބާ ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކާމިޔާބު މުދައްރިސަކަށް ވެވޭނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެގެން
ޓެކްނޮލޮޖީއަށް މުދައްރިސެއްގެ ރޯލެއް ނުކުޅެވޭނެއެވެ. ސަބަބަކީ ނަމޫނާ ދެއްކުމާއި އިސްނެގުން ނުވަތަ އިޙުތިރާމު ކުރުމާއި އަދި އެހެނިހެން ވެސް، ދިރިއުޅުމުގެ ތަފާތު ހުނަރު މުދައްރިސުން ގާތުން ދަރިވަރުން ދަސްކުރާތީއެވެ. ނަމަވެސް ޓެކްނޮލޮޖީ ބޭނުން ކުރާ މުދައްރިސާއި އެ ނޫން، މުދައްރިސުން މިހާރު އެއް ހަމައެއްގައި ނުކިރޭނެއެވެ. ޒަމާނާ އެކަށީގެން ވާ ގޮތުން، ޚާއްޞަކޮށް ކޮވިޑް-19 މި ގެނައި ބަދަލުތަކަށް މުދައްރިސުން ވަރަށްބޮޑަށް ހޭނިއްޖެއެވެ. ބަދަލު ކޮށްލައިފިއެވެ. އެކަށިގެންވާ ފެންވަރަށް ޓެކްނޮލޮޖީ އަށް އަހުލުވެރި ވުމަށް މަޖުބޫރު ވެއްޖެއެވެ. މުދައްރިސުންނާއެކު ދަރިވަރުންނާއި ބެލެނިވެރިން ވެސް، ހިމެނިގެންނެވެ. މުދައްރިސުން މަސައްކަތް ކުރަން ޖެހިފައި މިވާ ޙާލަތުގައި މަސައްކަތަށް ލިބޭ ލުޔަކާއި އިތުރު ކާމިޔާބީއެއްކަމުގައި މެނުވީ ޓެކްނޮލޮޖީނުވެއެވެ. އެގޮތުން ގޫގްލް ސޫޓުން ފޯރުކޮށް ދޭ ފަސޭހަތައް އުނގެނި ލިބިގަތުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކިގެން ފޯރިއާއެކު ހޭބޯނާރާ އުޅޭކަން ފާހަގަ ކުރެވެއެވެ.

ބަދަލުވެގެން މި އައި ތަޢުލީމީ ނިޒާމުގައި އުނގެނުމާއި، އުނގަންނައި ދިނުމުގެ އެންމެހައި ކަންތައް ބަދަލުވެއްޖެއެވެ. ޒަމާނީ 'ޑިޖިޓަލް އޭޖް' އަށް ހޭނެން މަޖުބޫރު ވެއްޖެއެވެ. ކަން މިހެން ހުރުމާއެކު 'ޓެކްނޮލޮޖީ' ތަޢުލީމީ ދައިރާގައި ރަސްކަން ކުރަން ފަށައިފިއެވެ. މިނިސްޓްރީ އޮފްއެޑިއުކޭޝަންގެ އިސްނެގުމާއި ސްކޫލުތަކުގެ ވެރިންގެ ހިތްވަރާއެކު މުދައްރިސުން މިހާރު އަންނަނީ މިކަމަށް އިތުރަށް އަހުލުވެރިވުމުގެ މަސައްކަތް ހީވާގިކަމާއެކު ކުރަމުންނެވެ. މުދައްރިސުންނަކީ ފިސާރި އަވަހަށް ކަންކަމަށް ހޭނިގަންނަ ހަމަ ވައިގައި ޖެހެން ދަންނަ ބައެކެވެ. އެގޮތުން ގޫގްލް ސަރޓިފައިޑް އެޑިއުކޭޓަރަކަށް ވުމުގެ ޢަޒުމުގައި އެންމެހާ މުދައްރިސުން ކުރިއަރައި ދާން ފަށައިފިއެވެ. މި ނިޒާމަށް އައި ބަދަލު އެންމެހާ ފަރާތްތަކުން ހެޔޮގޮތުގައި ބަލައިގަނެ ދަތިތަކާއެކު ކުރިޔަށް ދިއުން ވަރަށް މުހިންމެވެ.
advertisment
advertisment
advertisment