ސިލްސިލާ ވެބިނަރ ތަކުގެ ފުރަތަމަ ވެބިނަރ އިއްޔެ ބާއްވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެން.އައި.އީ އާއި ކޭމްބުރިޖް ޔުނިވަރސީޓީ ޕްރެސް ގުޅިގެން ކޮންމެ ހަފުތާއަކު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ސިލްސިލާ ވެބިނާރ ތަކުގެ ތެރެއިން ފުރަތަމަ ވެބިނަރ އިއްޔެ ބާއްވައިފިއެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދެވޭ މި ވެބިނަރ ތަކާބެހޭ މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި ވެބިނާރ ސީރީސް އަކީ އެކިއެކި އޯޑިއޯންސް ތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވޭ ވެބިނަރ ތަކެއް ކަމަށާއި މިގޮތުން ކޮންމެ ހަފުތާއަކު އެއް ވެބިނަރ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ ވެބިނާރގެ ތީމަކީ އިފެކްޓިވް އެޑިޔުކޭޝަނަލް ލީޑަރޝިޕް އެވެ. އިއްޔެގެ ވެބިނާރ އަމާޒު ކޮށްފައި ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހިންގުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށެވެ.

އިއްޔެގެ ވެބިނާރގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންންނެވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދުގެ އިތުރުން ރާއްޖެއިންބޭރުގެ ވަރަށް ތަޖުރިބާ ކާރު ބޭފުޅުންނެވެ. މިގޮތުން ފިންލެންޑުގެ ތައުލީމީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއްކަމުގައިވާ ޑރ. އެރީ ޕޮކާ ބައިވެރިވެވަޑައި ގެންނެވިއެވެ. މި ބޭފުޅާ އަކީ ފިންލެންޑުގެ ނަން މަޝްހޫރު ބޮޑެތި ސްކޫލުތައް ހިންގެވުމުގައްޔާއި ޕޮލިސީ ހެއްދެވުމުގައި 25 އަހަރު ހޭދަކުރައްވައިފައި ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ.

ޕެނަލިސްޓުންގެ ގޮތުގައި ދެން ބައިވެރިވެ ވަޑައިގެންނެވީ އިންޑިޔާގެ ޑޫން ޕަބްލިކް ސްކޫލުގެ ޕްރިންސިޕަލް  ޑރ. ނަޔަކް އެވެ ޑރ. ނަޔަކް އަކީ ވެސް ތައުލީމީ ދާއިރާގެ ވަރަށް ތަޖުރިބާކާރު، ހުނަރުވެރި، މޮޅު ބޭފުޅެކެވެ.

އިއްޔެގެ ވެބިނާރގައި މައިގަނޑު ގޮތެއްގައި އަލި އަޅުވައިލެވުނީ ތައުލިމީ ދާއިރާގެ ފެންވަރު ރަގަނޅު ލީޑަރަކަށް ވެވޭނީ ކިހިނެއްތޯ އާއި ގޮންޖެހުންތަކާ އެކުވެސް ފައްސި މާހައުލެއްގައި މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ. މިގޮތުން ފިންލެންޑްގެ ބޭފުޅެއް ކަމަށްވާ ޑރ. އެރީ ޕޮކާ އިއްޔެގެ ވެބިނަރގައި ވާހަކަފުޅު ދެއްކެވީ، ޓޮޕްކްލާސް އެޑިޔުކޭޝަނަލް ލީޑަރަކަށް ވާނޭ ގޮތާ ބެހޭ ގޮތުންނެވެ. ޑރ. ޢަބްދުﷲ ރަޝީދު ވާހަކަފުޅު ދެއްކެވީ އެޑިޔުކޭޝަނަލް ލީޑަރަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ. މިގޮތުން ކުރިމަތިވާ މައްސަލަތަކަކީ މައްސަލަތަކެއްކަމުގައި ނުދެކި ފުރުސަތެއްކަމުގައި ދެކިގެން މަސައްކަތްކުރުމަކީ މަސައްކަތަށް ފަހި މާހައުލެއް އުފެއްދޭނެ ރަނގަޅު ގޮތެއް ކަމަށް ޑރ. ޢަބްދުﷲ ރަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވީ، އެޑިޔުކޭޝަނަލް ލީޑަރަކަށް ވުމަށްޓަކައި ކުރަންވީ އެންމެ މުހިންމު ކަމަކީ، މުވައްޒަފުން ޝައުޤުވެރި ކުރުވުން ކަމަށެވެ. މި ގޮތުން މުވައްޒަފުންނަކީ އެމީހެއްގެ އެންމެ ބެސްޓު ކަސްޓަމަރ ކަމަށް ދެކެންވާނެ ކަމަށާއި، އެމީހުންނާ ދޭތެރޭގައި ތިމަންނައާމެދު އެހެންމީހުން އަމަލު ކުރާން އެދޭ ގޮތަށް ކަންކަން ކުރުމަކީ، މޮޅު ލީޑަރަކަށް ވުމަށްޓަކައި ހުންނާންޖެހޭނެ ރަނގަޅު ސިފައެއް ކަމަށް ޑރ. ޢަބްދުﷲ ރަޝީދު ފާހަގަ ކުރެއްވިއެވެ.

ޔޫޓިއުބުން ލައިވް ކުރި މި ވެބިނަރ އަޑުއެއްސެވި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ ޢަލީ ވިދާޅުވީ، އިއްޔެ ކުރިޔަށް ދިޔަ މި ވެބިނަރ އަކީ ވަރަށް ބޭނުންތެރި މުހިންު ވެބިނަރ އެއް ކަމަށެވެ. މި ވެބިނަރގެ ސަބަބުން ސްކޫލުތައް ހިންގުމަށް އިތުރަށް ދިރުން ލިބިގެން ދާނެކަނ،ް ޝަހީދާ ފާހަގަ ކުރެއްވިއެވެ. މިފަދަ ފުރުސަތުތައް ވަރަށް ނުލިބޭ ކަމަށާއި އޮންލައިންކޮށް ނަމަވެސް މިފަދަ ވެބިނަރ ތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭ ކަމެއްކަން ޝަހީދާ ފާހަގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވީ، ފުޓުބޯލަ ނޫނަސް ކޯޗިންގ އެންޑް މެންޓްރިންގ، ސްްކޫލުތަކުގެ ހިންގުން ތެރީންނަށް ވެސް ލިބޭން ޖެހޭ ކަމަށާއި އެގޮތުން އިއްޔެގެ ވެބިނަރ އަކީ މިފަދަ ފެށުމެއް ކަމަށެވެ.

އިއްޔެގެ ވެބިނަރގައި ބައިވެރިވެ ލެއްވި ށ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަޙްމަދު ފައިސަލް ވިދާޅުވީ، ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތް ތަކަށް އިއްޔެގެ ވެބިނަރ ވަރަށް މުހިންމު ކަމަށެވެ. މި ވެބިނަރގެ ސަބަބުން ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބި ކުރިއެރުންތައް ހޯދޭނެ ކަމަށާއި ރާއްޖޭގައި އަބަދުވެސް ބޮޑަށް ސަމާލުކަން ދެވޭތީ ފެންނަނީ މީހުންނަށް ބޮޑަށް ފެންނަ ކަންކަން ކުރުމަށް ކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ވެބިނަރއިން ލިބިގެން ދިޔަ މަޢުލޫމާތުގެ އަލީގައި ސްކޫލުތައް ހިންގުމުގައި ޕެޑަލޮޖިކަލް ލީޑަރ އަކަށް ވުމުގެ ބޭނުންތެރި ކަމާއި މުހިންމުކަން އިތުރަށް އެނގި އެމަގަށް މަސައްކަތް ކުރުމުގެ ތާޒާކަން އިއްޔެގެ ވެބިނަރއިން ލިބިގެން ދިޔަކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ އަތުން ދޫވެގެން ގޮސްފައި ހުންނަ ކަންކަން ވެސް، މިފަދަ ވެބިނަރތަކުގެ ސަބަބުން އަމިއްލައަށް ވިސްނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ވެބިނާރ ތަކަކީ ވަރަށް ބޭނުންތެރި ވެބިނަރ ތަކެއްކަން ފައިސަލް ފާހަގަ ކުރެއްވިއެވ.ެ

އަންނަ ހަފުތާގެ ވެބިނަރ އަމާޒު ކުރެވިފައި ވަނީ ޒުވާނުން ހުނަރުވެރި މަސައްކަތް ތަކަށް އަހުލުވެރި ކުރުވުމާބެހޭ ގޮތުންނެވެ. މި ވެބިނަރ އަމާޒު ކުރަނީ ގްރޭޑް 9 ން މަތީގެ ދަރިވަރުންނަށެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު

  1. ވެބިނަރ އަކުން ނޫނަސް ހިންގުމުގައި އަމިއްލަ ސިކުނޑިންވެސް ކަންކަން ވާންވީ ފައްސިގޮތް ދެނެގަނެ، ދަންނަ ބޭބޭފުޅުން ކަންކުރާ ގޮތް ގަބޫލުކުރުންވެސް އެއީ ކުރިއެރުން ލިބޭނެ ކަމެއް..