ވޭތުވެދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނާއި ޝަހާދާ ސާނަވިއްޔާ އިމްތިޙާނުން އެންމެ މަތީ ދަރަޖައިގައި ފާސްވި 7 ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިޔުން، އެ ފަރާތްތަކާ މިއަދު ޙަވާލު ކުރައްވައިފިއެވެ.
މި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، މިފަދަ ސްކޮލަރޝިޕްތައް ސަރުކާރުން ދެއްވަމުން ގެންދަވާ މަޤުޞަދުތައް އޮޅުން ފިލުވައި ދެއްވައިފައެވެ. މިގޮތުން މިފަދަ ކޮންމެ ފުރުޞަތެއްގެ ވެސް ބޭނުމަކީ، ޤައުމު ބިނާކޮށް އާރާސްތު ކުރާނެ، ޒިންމާދާރު އުފެއްދުންތެރި ޢިލްމީ ދަރީންތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ހުނަރުވެރި ޢިލްމީ ޤާބިލު ޖީލެއް ބިނާ ކުރެއްވުމުގެ މަޤުޞަދުގައި ސަރުކާރުން ކުރިޔަށް ގެންދަވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞީލު ކުރާން ދޫކުރާ ލޯނުތަކާބެހޭ ބައެއް މަޢުލޫމާތު ވެސް ދެއްވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގެ ތަފާތު ހަތް ޤައުމެއްގައި 54 ދަރިވަރަކު މިހާރުވެސް ކިޔަވަމުން ގެންދާކަމަށާއި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން 117 ދަރިވަރަކު މިހާރު ވެސް ކިޔަވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޙާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ގޮވައިލެއްވީ، މަތީ ތަޢުލީމު ޙާޞިލު ކުރާ ހުރިހައި ދަރިވަރުންނަކީ ވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާ ކުރާ ކުދި ބަޔަކަށް ވުމަށެވެ.
އެމަނިކުފާނުގެ ވަހަކަފުޅު ނިންމަވައިލެއްވީ ކާމިޔާބީ ޙާޞިލު ކުރި ދަރިވަރުންނާއި އެކުދިންނަށް ކިޔަވައިދެއްވި މުދައްރިސުންނާއި ބެލެނިވެރީންނަށް މަރުޙަބާއާއި ޝުކުރު އަދާ ކުރައްވަމުންނެވެ.
advertisment
advertisment
advertisment