މަތީ ސާނަވީ ނިންމުމަކީ، އުނގެނުމާއި ޢިލްމު ހޯދުމުގެ ޙަޤީޤީ ފެށުން: ރައީސް ޞާލިޙް 

މަތީ ސާނަވީ ނިންމުމަކީ، އުނގެނުމާއި ޢިލްމު ހޯދުމުގެ ހަޤީޤީ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނާއި ޝަހާދާ ސާނަވިއްޔާ އިމްތިޙާނުން އެންމެ މަތީ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލް ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިޔުން އެފަރާތްތަކާ ޙަވާލު ކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޢިލްމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ދުނިޔެ އަޅަމުން އަންނަ ޙަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ އަދި ޢިލްމުގެ ޙަޤީޤީ ފެށުން ކަމަށެވެ.

މަތީ ސާނަވީ ނިންމި ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ ލިޔުމާ ޙަވާލުވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުގައި ތަޢުލީމީ ގޮތުން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލަރޝިޕްތައް ސަރުކާރުން ދެއްވަނީ ކީއްވެކަން ވަރަށް ތަފްޞީލުކޮށް ވިދާޅުވެ ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ ފުރުޞަތުތައް ދެއްވުމުގެ ބޭނުމަކީ، ޤައުމު ބިނާކޮށް އާރާސްތު ކުރާނެ، ޒިންމާދާރު އުފެއްދުންތެރި ޢިލްމީ ދަރީންތަކެއް ބިނާ ކުރެއްވުން ކަމަށެވެ. މި މަތިވެރި މަޤުޞަދުގައި މަތީ ތަޢުލީމަށް ދައުލަތުން ކުރައްވައި ހޭދައިގެ ތަފާސް ހިސާބުތަކެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވައި ދެއްވައިފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ފުރަތަމަ ޑިގްރީއަށް ކިޔަވާން ބޭނުންވާ ދަރިވަރުންނަށް ދައުލަތުގެ ޚަރަދުގައި މިހާތަނަށް 6250 ދަރިވަރަކަށް 130 މިލިޔަނަށްވުރެ، ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލު ކުރާން ދޫކުރާ ލޯނު އެހީގެ ދަށުން މިހާރުވެސް ތަފާތު 24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު މަތީ ތަޢުލީމުގެ ތަފާތު ޕްރޮގްރާމުތައް ފުރިހަމަ ކުރަމުން އެބަ ގެންދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވައިލެއްވީ، މަތީ ތަޢުލީމު ޙާޞިލު ކުރާ ހުރިހައި ދަރިވަރުންނަކީ ވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާ ކުރާ ކުދި ބަޔަކަށް ވުމަށެވެ. ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ހެޔޮގޮތުގައި ހިފުމަށް ދިވެހި މަސައްކަތްތެރީންނާއި ޒުވާނުންގެ ކިބައިން އެމަނިކުފާނު އެދި ވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!