ކުރިޔަށް އޮތް ދެ ހަފުތާއަށް މާލޭ ސްކޫލުތައް ބަންދު

ކޮވިޑް-19 ގެ ނުރައްކާ މާލޭގައި އިތުރުވަމުންދާތީ، ކުރިޔަށް އޮތް ދެ ހަފުތާގައި ވެސް، ސްކޫލުތައް ނުހުޅުވާ ގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމަވައިފައިވަނީ، ކޮވިޑް-19ގެ ޙާލަތްތަކަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުއްވި ލިޔުމުގައި ވެއެވެ. އެހެންކަމުން އަންނަމަހުގެ ތިންވަނަ ދުވަހާ ހަމައަށް މާލޭ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައި ދެވެމުން ގެންދަވާނީ އޮންލައިންކޮށެވެ. އެއަށްފަހު ސްކޫލުތައް ހުޅުވުމާމެދު ގޮތެއް ނިންމަވާނީ ޙާލަތު މުރާޖަޢާ ކުރެއްވުމަށް ފަހުގައި ކަމަށް މިނިސްޓްރީން ނެރުއްވި ލިޔުމުގައި ވެއެވެ.

 

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔަވައި ދިނުން މެދުކެނޑިފައި އޮތުމަށްފަހު ސްކޫލުތައް އަލުން ހުޅުވުނީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެއެވެ. ކޮވިޑް-19 ގެ ބިރުވެރިކަން މާލޭގައި އޮތުމުން މާލޭ ސްކޫލުތައް ހުޅުވައިލީ ކީ ސްޓޭޖް 4 ން ފެށިގެން މައްޗަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ސްކޫލުތަކުގައި ގްރޭޑް 1 ން ފެށިގެން ކިޔަވައި ދެވެމުން ދިޔައެވެ. އާންމު ޙާލަތުގައި ސްކޫލުތައް ޖުލައި 1 ގައި ހުޅުވައިލީ، ގައި ދުރުކަމަށް އިސްކަން ދެވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އެޅިގެންކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 ބައެއް ދަރިވަރުންނާއި ޓީޗަރުންނަށް ޖެހިފައި ވީ ނަމަވެސް، ސްކޫލެއްގެ ތެރެއިން މި ބަލި އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ސްކޫލުތަކުގައި މިބަލި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށާއި، ސްކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅައިފައިވަނީ ބައިނަލް އަޤުވާމީ މިންގަޑުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް ކަމަށެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު

  1. ޚަބަރުގެ ސުރުހީގައިވާ ގޮތާއި ޚަބަރުގައި ހިމަނައިފައިވާ މައުލޫމާތު ދިމަލެއްނުވޭ! ސުކޫލުތައް ބަންދެއްނޫން. ކިޔެވުން އޮވޭ ޓީޗަރުން ސުކޫލަށް ޚާޒިރުވެ ކުލާސްތައް ނަގަންޖެހޭ!