ފުސްޠާޠުގެ ބިނާތަކާއި ވަޒަންވެރިން
ފުސްޠާޠު ބިނާކުރެއްވުމާއި ގުޅޭގޮތުން މަޝްހޫރު ލިޔުންތެރިޔާ އިބުނު ޢަބްދުލް ޙަކަމް ލިޔުއްވާފައިވާ ފޮތް "ފުތޫޙް މިޞްރު ވަލް އަޚްބާރިހާ" ގައި ލިޔުއްވާފައި ވެއެވެ. ފުސަޠާޠު ބިނާކުރެއްވިއިރު، ޢަމްރުބުނުލް ޢާޞް ރަޟިﷲ ޢަންހު އެންމެފުރަތަމަ ބިނާކުރެއްވީ މިސްކިތެވެ. މި މިސްކިތަކީ މުސްލިމުން އެފްރިކާ ބައްރުގައި ބިނާކުރި ފުރަތަމަ މިސްކިތެވެ. އެއަށްފަހު މުސްލިމު ލަޝްކަރުގައި ހިމެނި ވަޑައިގެންނެވި ކޮމާންޑަރުންނާއި މުޖާހިދުން ދިރިއުޅުއްވުމަށް ޚާއްޞަތަނެއް ފުސްޠާޠުގައި ބިނާކުރައްވާ، އެބައިގައި ބައެއް ޞަޙާބީބޭކަލުން ވަޒަންވެރި ކުރުވިއެވެ. މިބޭކަލުންގެ ތެރޭގައި ޢަމްރުބުނުލް ޢާޞް ރަޟިﷲ ޢަންހު އާއި ޒުބައިރު ބުނުލް ޢައްވާމް ރަޟިﷲ ޢަންހު އާއި ދެބޭކަލުންނަށް ޚާއްޞަ ދެ ގެކޮޅު ބިނާކުރެއްވެވިއެވެ. އަދި މީގެ އިތުރުން ބިލާލުގެފާނާއި، މާރިޔަތުލް ޤިބްޠިއްޔާގެ ދެދަރިކަލުން ކަމުގައިވާ ޔަޢުޤޫބުލް ޤިބްޠީ އާއި ޖަބަރުލް ޤިބްޠީއަށްވެސް ޚާއްޞަ ގެކޮޅު ބިނާކޮށްދެއްވެވިއެވެ. މީގެ އިތުރުން ޤަބީލާތަކުގެ މީހުން ދިރިއުޅުމަށް ތަންތަން (ގެދޮރު) ބިނާކުރުމުގެ މަސައްކަތް ހަތަރު މީހެއްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ޓަކައި މަސައްކަތްތައް ބައްސަވާލެއްވެވިއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޢަމްރުބުނުލް ޢާޞް މިގޮތަށް ކަންތައް ކުރެއްވެވީ އެއީ މިޒަމާނުގައި ވެސް ކަންތައް މިކުރާގޮތަށް (ސްޕަވައިޒް ކުރުމަށް) ފަސޭހައަކަށް ހެއްދެވި ގޮތެއްކަމަށެވެ.
އެންމެ ފުރަތަމަ ފުސްޠާޠުގެ ގެތަށް ފަރުމާކޮށް، ޢިމާރާތް ކުރިއިރު، އެންމެ ފުރަތަމަ ގެތައް ޢިމާރާތް ކުރެވިފައިވަނީ ޖާމިޢު ޢަމްރުބުނުލް ޢާޞްގެ ވަށައިގެން، މިސްކިތުގެ ތިންފަރާތުންނެވެ. އެއީ އިރުމަތީ ފަރާތުންނާއި، ދެކުނު ފަރާތުންނާއި އަދި އުތުރު ފަރާތުންނެވެ. ފުސްޠާޠުގެ ހުޅަނގުފަރާތުން ނީލަކޯރު އޮންނާތީ، އެފަރާތުގައި ގެދޮރު ޢިމާރާތް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފުސްޠާޠުގެ ހުޅަނގުފަރާތުގައިވެސް ފަހުން ޢިމާރާތްތައް އަޅާފައިވެއެވެ.
އިބްނު ޢަބްދުލް ޙަކަމް އެކަލޭގެފާނުގެ ފޮތުގައި އިތުރަށް ލިޔުއްވާފައިވެއެވެ. ފުސްޠާޠުގައި ބިނާކުރެވުނު ތަންތާނގައި ޤަބީލާތަކުގެ މީހުންވެސް ވަޒަންވެރި ކުރެވުނެވެ. މިގޮތުން ޢަރަބީންނާއި، ޢަރަބިނޫން މީހުންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ފުސްޠާޠުގައި ވަޒަންވެރިވި ފަރާތްތަކުން (ރައްޔަތުން) ވެސް، އެބައިމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް ޓަކައި، އެބައިމީހުންގެ ގެދޮރާއި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
ފުސްޠާޠުގައި ބިނާކުރެވުނު މަޝްހޫރު މިސްކިތް "ޖާމިޢު ޢަމްރުބުނުލް ޢާޞް" އަކީ އެއްގޮތަށް ވުރެ ގިނަގޮތްގޮތުން ފާހަގަކޮށްލެވޭ ޚާއްޞަ ތަނެކެވެ. މި މިސްކިތުގެ ދިގުމިނުގައި 25 މީޓަރު އަދި ފުޅާމިނުގައި 15 މީޓަރު ހުންނާނެކަމަށް ވެއެވެ. އެހެންވީމަ މިއީ އެޒަމާނަށް ބަލާއިރު ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ތަނެކެވެ. މި މިސްކިތުގެ ޤިބުލަ ކަނޑައެޅުއްވުމުގައި ގިނަ ބޭކަލުންތަކެއް ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް މިސްކިތުގެ ޤިބުލަހުރީ އަސްލު މިނަށްވުރެ ކުޑަކޮށް އިރުމައްޗަށް ޖެހިފައިކަމަށް ވެއެވެ.
ފުސްޠާޠުގެ ގެތަކަކީ ތަނަވަސްކޮށް ތައްޔާރުކުރެވިފައިވާ ގެތަކެކެވެ. މި ގެތައް ބިނާކުރެވިފައިވަނީ މައްޓާއި ގައު ބޭނުންކޮށްގެންނެވެ. ފުސްޠާޠުގައި މައިދާނތަކާއި ބާޒާރުތަކާއި މިސްކިތްތަކުގެ އިތުރުން ޢާއްމުން ބޭނުންކިުރާނެ ފާޚާނާތައްވެސް ޤާއިމްކުރެވިފައި ވެއެވެ. އަދި ހަމަ އެހެންމެ ތަފާތު ކާރުޚާނާތައް ބިނާކޮށް، އެތަންތަނުން މިޞްރުގެ ރައްޔިތުންނަށް ބޭނުންވާނެ ތަކެތި އުފައްދާ އުޅުކަން ތާރީޚުން ހެކިދެއެވެ. އަދި ހަމައެހެންމެ މިކާރުޚާނާތަކުން އުފައްދާ ތަކެތީގެ ތެރެއިން މިޞްރުގެ ރައްޔިތުންނަށް ފުދި އިތުރުވާބައި ތަފާތު އެހެން ރަށްތަކަށް އެކްސްޕޯރޓް ކޮށްފައިވާ ކަންވެސް ތާރީޚުން ހެކިދެއެވެ. މިގޮތުން ތަފާތު ވައްތަރުގެ ކުލަ އުފައްދާފައިވާކަން ފާހަގަވެފައި ވެއެވެ. ފުސްޠާޠުން ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނީލަކޯރުގެ އައްސޭރިއަށް ވާގޮތަށް ބަނދަރެއްހަދާފައިވާ ކަމެވެ. އަދި ޢަމްރު ކަނޑުއޮޅީގެ ނަމުގައި ހެދި ކަނޑުއޮޅި ނީލަކޯރާއި ރަތްކަނޑު ގުޅުވާލާފައި ވެއެވެ. ބޯޓްފަހަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ހިޖުރައިން 54 ވަނަ އަހަރު ފުސްޠާޠާއި ގުޅުވައި ރައުޟާ ކިޔާ ރަށެއް އުފައްދާފައި ވެއެވެ. މިއީ ފާލަމަކުން ފުސްޠާޠާއި ގުޅުވާލާފައިވާ ރަށެކެވެ.

މިރަށަށް ފުސްޠާޠުގެ ނަންދެވުނު ސަބަބު:
މިޞްރުގައި ވެރިކަން ކުރެއްވުމަށް ބިނާކުރެވުނު ރަށަށް ފުސްޠާޠުގެ ނަމުން ނަންދެވުނު ސަބަބާގުޅެގޮތުން ވަރަށް ގިނަ ރިވާޔަތްތައް ޢިލްމުވެރިން ގެންނަވާފައި ވެއެވެ. މިލިޔުމުގައި އަޅުގަނޑު ނަކަލުކޮށްލާނީ މީގެ ތެރެއިން ދެތިން ރިވާޔަތެކެވެ. މީގެ ތެރެއިން އެއްރިވާޔަތުގައި ވެއެވެ. މިސްރުގެ ފަތަޙައަށް ވަޑައިގެން ހިޖުރައިން 21 ވަނަ އަހަރު، ޢަމްރުބުނުލް ޢާޞްގެ ފޭލިގެކޮޅު އެތާގައި ޖެއްސެވުމުގެ ސަބަބުންކަމުގައި ބައެއް ބޭކަލުން ލިޔުއްވާފައި ވެއެވެ. އަދި މި ފޭލިގެ ނެންގެވުމަށް އަމުރުކުރެއްވުމަށް ފަހު، ފޭލިގެ ނުނަންގަވާ، ފޭލިގެ ޙިމާޔަތް ކުރެއްވުމަށް ޢަމްރުބުނުލް ޢާޞްގެ ޚާދިމް، ޙުމާމު ބެހެއްޓެވިއެވެ. އަދި ހަމަ އެހެންމެ، އިސްކަންދަރިއްޔާ ފަތަޙަކުރެއްވުމަށް ފަހު، ޢަމްރުބުނުލް ޢާޞް އެނބުރިވަޑައިގެން މަޑުކުރެއްވީ ވެސް މި ފޭލިގޭގައިކަމަށް ވެއެވެ. މީގެ އިތުރުން އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުންނާއި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަލުންގެ ފޭލިގެތައް މިތާގައި ޖެއްސެވިއެވެ. އަދި މިތާނގައި މިސްކިތެއް ބިނާކުރައްވާ، އެންމެހާ ބޭކަލުން މިތަނުގައި ދިރިއުޅުން ކުރިއަށް ގެންދެވިއެވެ. މި ސަބަބަށްޓަކައި މިރަށަށް ފުސްޠާޠުގެ ނަމުން ނަންދެވުނެވެ.
އެހެން ރިވާޔަތެއްގައިވަނީ މިރަށަށް ފުސްޠާޠުގެ ނަމުން ނަންދެވުނީ، މިތަނުގެ އަހުލުވެރިން ފުރަތަމަ ދިރިއުޅެންފެށީ ފޭލިގެތަކުގައި ކަމަށް ވާތީއެވެ. މިނަން ނެގިފައިވަނީ ޢަމްރުބުނުލް ޢާޞް ޖެއްސެވި ފޭލިގެއަށް ނިސްބަތްކޮށެވެ. ރަށް ބިނާކޮށް ނިންމެވުމަށް ފަހު މިރަށަށް ފުސްޠާޠުގެ ނަމުން ނަންދެވުނީ މިސަބަބާހުރެ އެވެ. ބައެއްބޭކަލުން ވިދާޅުވާ ގޮތުގައި ފުސްޠާޠުގެ މާނައަކީ ރަށް ނުވަތަ މުޖުތަމަޢު އެވެ. އެންމެ މަޝްހޫރު ރިވާޔަތަކީ ފުސްޠާޠަށް މިނަންދެވުނީ މަދީނާ ނުވަތަ ރަށުގެ މާނައިގާ ކަމުގައެވެ.
ފަންނުވެރިކަމާއި އުފެއްދުން ތެރިކަމުގައި ފުސްޠާޠު:
ފަންނުވެރިކަމަށް ބަލައިލާއިރު މިހާރު ފެންނަންހުރި އެންމެ މުހިންމު ބިނާއަކީ ޤަމްރުބުނުލް ޢާޞް ރަޟިﷲ ޢަންހު، ފުސްޠާޠުގައި އެންމެ ފުރަތަމަ ބިނާކުރެއްވެވި މިސްކިތްކަމުގައިވާ ޖާމިޢު ޢަމްރުބުނުލް ޢާޞް އެވެ. މިއީ އެފްރިކާ ބައްރުގައި މުސްލިމުން އެންމެ ފުރަތަމަ ބިނާކުރި މިސްކިތެވެ. އަދި މަދަރުސާއެވެ. ފުސްޠާޠުގެ ބާޒާރާއި އެހެނިހެން ޢިމާރާތްތައް ބިނާކުރެވިފައިވަނީ މިސްކިތް ވަށައިގެންވާ ގޮތަށެވެ. އަދި ހަމަ އެހެންމެ މިރަށަކީ ކާރުޚާނާތައް ބިނާކޮށް، މުސްލިމުންގެ އުފެއްދުންތެރިކަން ހާމަކޮށްދޭ ރަށެއްކަމުގައި ވެއެވެ.
ފުސްޠާޠުގެ ރަސްމީ ލިޔެކިޔުންތައް ފުރަތަމަ ލިޔެވެމުން އައީ ޔޫނާނީ ބަހުންނާއި މިޞްރުގެ ރަސްމީ ބަސްކަމުގައިވާ ޤިބުތީ ބަހުންނެވެ. އެހެންނަމަވެސް ޢަބްދުﷲ ބުނު ޢަބްދުލްމަލިކު ފުސްޠާޠުގެ ވާލީކަމާއި ޙަވާލުވެ ވަޑައިގެން، އެރަށުގައިހުރި ދައުލަތުގެ ހުރިހާ ލިޔެކިޔުމެއް ޢަރަބިބަހަށް ބަދަލުކުރެއްވެވިއެވެ. މީގެ ނަތީޖާއަކަށްވީ ފުސްޠާޠުގައި ވަޒަންވެރިވެގެން ތިބި ޤިބުޠީންނާއި، ދީވާންތަކުގައި ލިޔެކިޔުމުގެ މަސައްކަތް ބަލަހައްޓަވަން ތިއްބެވި ފަރާތްތައް ޢަރަބިބަސް ދަސްކުރަން މަޖުބޫރުވުމެވެ. ހަމަ އެހެންމެ މިޞްރުގެ ގިނަ ރައްޔިތުންތަކެއް ޢަރަބިބަސް ދަސްކޮށްފައިވެއެވެ.
ފުސްޠާޠަކީ އެފްރިކާ ބައްރުގައި މުސްލިމުން އެންމެ ފުރަތަމަ ވެރިކަން ކުރި ރަށެވެ. މީގެ ސަބަބުން އެފްރިކާ ބައްރަށް އިސްލާމް ދީނާއި، އިސްލާމީ ތަޢުލީމު ފެތުރިގެން ދިޔައީ ފުސްޠާޠުގެ ތެރެއިންނެވެ.

ފުސްޠާޠުން ޤާހިރާއަށް ވެރިކަން ބަދަލުކުރުން:
ފާޠިމީ ދައުލަތް އުފެދި، މިޞްރުގެ ވެރިރަށެއްގެ ގޮތުގައި ފަހުން ހަމަޖެހިގެން ދިޔައީ ޤާހިރާއެވެ. ހިޖުރައިން 565 ވަނަ އަހަރު، (މީލާދީން 1169ގައި) ބައެއް ރިވާޔަތްތަކުގައިވާގޮތުން ހިޖުރައިން 564 ވަނަ އަހަރު (މީލާދީން 1168ގައި) ފުސްޠާޠުން މީހުން ހުސްކުރުމަށް ފަހު އެރަށުގެ ބައެއް ޢިމާރާތްތަކުގައި އަލިފާން ރޯކޮށް އަންދާލާފައި ވާކަން ތާރީޚުން ހެކިލިބެއެވެ. ފުސްޠާޠުގައި އަލިފާންރޯކޮށް، މުޅިރަށް އަންދާލީ ފާޠިމީ ދައުލަތުގެ އެންމެފަހުގެ ޚަލީފާކަމުގައިފާ އަލްޢާޟިދު ބިﷲ ގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޝާވަރު ވަޒީރުގެ އަމުރުފުޅަށެވެ. މިކަން މިގޮތަށް ކުރި ސަބަބެއްކަމަށް ވަނީ، އެދުވަސްވަރު ޞަލީބީ ވެރިއެއްގެ ގޮތުގައި ބައިތުލް މަޤްދިސްގައި ހުރި އާމޫރީގެ އަތްދަށަށް ފުސްޠާޠު ދިޔަ ނުދިނުމަށްޓަކައެވެ. ބުނެވޭގޮތުގައި 54 ދުވަސްވަންދެން މިއަލިފާންގަނޑު އަނދަމުން ދިޔަކަމުގައި ވެއެވެ. އަދި އޭގެފަހުން ޞަލާޙުއްދީނުލް އައްޔޫބީގެ ދުވަސްވަރު އެކަލޭގެފާނު ފުސްޠާޠަށް ވަޑައިގެން ޤާހިރާ އާއި ފުސްޠާޠު އެއްކޮށްލާ، މިއީވެސް ޤާހިރާގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައި ވެއެވެ. އަދި މީގެ ފަހުން ފުސްޠާޠަކީ މީހުންދިރިއުޅޭ ޢާޢްމުރަށެއްގެ ގޮތުގައާއި، ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

advertisment
advertisment
advertisment