ކުދީންގެ ތަރުބިއްޔަތު، އެ ކުދީންގެ މާދަރީބަހާނުލައި ފުރިހަމައެއް ނުވޭ: އެޑިޔުކޭޝަން މިނިސްޓަރ

ކުދީންގެ ތަރުބިއްޔަތު އެކުދީންގެ މާދަރީބަހާނުލައި ފުރިހަމަ ނުވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން މިއަހަރު ކުރިޔަށް ގެންދިޔަ މާލޭ އަދަބީ ޢީދުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ދިވެހިބަހަކީ އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފު ކަމަށެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒު ކަމަށާއި ދިވެހީންނޭ އަޅުގަނޑުމެންނަށް މިކިޔަނީ ދިވެހިބަހުން ވާހަކަ ދައްކާތީ ކަމަށެވެ. މިހެންވުމުން ދިވެހިބަސް ވާންޖެހޭނީ އަޅުގަނޑުމެންގެ ހަމަކޮންމެ ކަމަކާ ގުޅި ލާމެހިފައިވާ އެންމެ ބޮޑު އަސާސަށް ކަމަށް ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ. ކޮންމެ ކިޔަވާ ކުއްޖަކަށް ދިވެހިބަސް މުހިންމުވަނީ މިސަބަބާހުރެކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިވަންތަކަމުގެ އެންމެ މައި ބަހާ އަކީ ޝައްކެއްވެސްނެތް ގޮތުގައި ދިވެހިބަސް ކަމަށާއި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރެއްވި، މި މާނަވީ ތަރިކައަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން މި އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދިވެހިބަހާއި އަދަބިއްޔާތަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމުގެ ގޮތުން ސްކޫލުތަކުން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދަވާ ކަމަށާއި ޤައުމީ މަންހަޖުގެ ހާމަ މަޤުޞަދުތަކާއި ވަންހަނާ މަޤުޞަދުތައް ވެސް ބިނާވެފައިވަނީ ދަރިވަރުންނަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ އިސްލާމީ ދިވެހިވަންތަ  ސަހުޝިއްޔަތެއް ބައްޓަން ކުރުމުގެ މައްޗަށް ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވަނީ ދިވެހިވަންތަ ސިފަތައް އާލާކޮށް ދަމަހައްޓަން ކަމަށެވެ. މިގޮތުން ދިވެހިބަހާއި ދިވެހި ސަގާފީ ތަރިކަ އާލާކޮށް ދިރުވުމަށްޓަކައި ސަރުކާރުން އެކަމަށް ޚާއްޞަ ވުޒާރާއެއް ވެސް އުފައްދަވާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މާލޭ އަދަބީ އީދުގެ ނަތީޖާ ފާޅު ކުރުމަށް ރޭ ބޭއްވި ޙަރަކާތުގައި  ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރ ޔުމްނާ މައުމޫނާއި އެމިނިސްޓްރީގެ އިސްވެރީންނާއި، ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރީންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރީންނާއި ސްކޫލުތަކުގެ އިސްވެރީންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރީން ބައިވެރިވެފައިވެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!