މިސަރުކާރުގެ ތަޢުލީމި ސިޔާސަތުގެ އަމާޒަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަހަރުގެ މާދަރީބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ފެބްރުވަރީ 21 ވަނަ ދުވަހު ބޭއްވި މާލޭ އަދަބީ ޢީދު، މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ދިވެހިބަހާއި ދިވެހި ވަންތަ ސިފަތައް އާލާކޮށް ކުރިއަރުވާ އެކަންކަން ޖީލުން ޖީލަށް ވާރުތަވާނެ އަސާސްތައް ކަނޑައަޅައި ތަންފީޒު ކުރުމަކީ މިސަރުކާރުގެ ތަޢުލީމީ ސިޔާސަތެއް ކަމަށެވެ. ކަންމިހެން ހުރުމުން މިހާރަށްވުރެވެސް ގިނަ ފުރުޞަތުތައް ދިވެހިބަހާއި ދިވެހި އަދަބިއްޔާތުގެ ތެރެއިން ދަރިވަރުންނަށް ސްކޫލުތަގެ ތެރެއިން ފަހިކޮށްދޭން މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ނަތީޖާ ފާޅުކުރުމުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ބެލެނިވެރީންގެ އަރިހުން ވަރަށް މުހިންމު ކަމަކަށް އެދިވަޑައިގަތެވެ. އެއީ، ގޭތެރޭގައާއި އާންމު މުޢާމަލާތް ތަކުގައި ވެސް، ކުދީންނާ ސާފު ދިވެހިބަހުން ވާހަކަ ދެއްކެވުމެވެ. މިކަމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ.
ތަފާތު އެކި ހާލަތްތަކުގައި ދިވެހިބަހުން ޝުޢޫރު ފާޅު ކުރާނެ ގޮތްތައް ދަރިވަރުންނަށް އެނގެން ޖެހޭ. އެކި ހާލަތްތަކުގައި ބޭނުން ކުރާންޖެހޭ މުނާސަބު ބަސްކޮށާރާއި ބުނާންޖެހޭ ރާގާ އިންސާނީ އިހުސާސްތަކާ ވަނީ ގުޅިފައި. މިއީ ދަރިވަރުންގެ އަޚުލާގާއި ސްލޫކުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން: އެޑިޔުކޭޝަން މިނިސްޓަރ
އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދިވެހިބަހަކީ އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފު ކަމަށެވެ. އަދި އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒު ކަމަށާއި އެހެންކަމުން އަޅުގަނޑުމެންގެ ހަމަކޮންމެ ކަމަކާ ދިވެހިބަސް ގުޅިލާމެހިފައިވާ ޖެހޭނެ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވަނީ ދިވެހިވަންތަ ސިފަތައް އާލާކޮށް ދަމަހައްޓަންކަމަށެވެ.
advertisment
advertisment
advertisment