އަބޫބަކުރު ސްކޫލުގެ ދަރިވަރުންގެ ޖަމްޢިއްޔާ އިފްތިތާޙު ކޮށްފި

އަބޫބަކުރު ސްކޫލުގެ ދަރިވަރުންގެ ޖަމްޢިއްޔާ އިފްތިތާޙު ކުރުން ރޭ އިފްތިތާޙު ކޮށްފިއެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަޞީރެވެ.

ގދ. ތިނަދޫގައި ހިންގާ އަބޫބަކުރު ސްކޫލުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުންނާ މުޙާޠަބު ކުރައްވައި ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ މަދަރުސާއަކުން ވެސް ކުރަމުން އަންނަ ކަންތައްތައް ފެނިގެން ދަނީ ތަފާތު އެކި ކަންތައްތަކުގެ ތެރެއިން ކަމަށާއި އެގޮތުން މިރެޔަކީ އަބޫބަކުރު ސްކޫލަށް އައި އުފާވެރި ރެއެއް ކަމަށެވެ. މިރެޔަކީ ކުދީންގެ މަސައްކަތުން އެކުދީންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރާ ރޭ ކަމަށް ވިދާޅުވެ މިފަދަ ކަންކަން ސްކޫލުން ކުރުމުގެ ބޭނުމަކީ ކޮބަކައިކަން ވަރަށް ތަފްޞީލީ ގޮތެއްގައި ކިޔައި ދެއްވިއެވެ.  އެހެންކަމުން މިރޭގެ ޝަރަފްވެރީންނަކީ މުސްތަޤުބަލުގައި ރަށުގެ ނުވަތަ ޤައުމުގެ ކަންކަން ކުރާނެ ކުދިބަޔަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޖަމްޝީދާ ވިދާޅުވިއެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަޞީރު ވިދާޅުވީ މިއަދަކީ އަބޫބަކުރު ސްކޫލަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

ދަރިވަރުން ވަރަށް ދުވަހުންފެށިގެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ވީ ދުވަސް ކަމަށެވެ.  ވަކި ޚާއްޞަ ނަމަކުން ނިސްބަތްވެގެން ނަމޫނާ ދައްކަން ފުރުޞަތު ލިބުނު މަޤާމުގެ ޒިންމާ އެކުދީންނާ ހަވާލު ކުރެވުނު ދުވަސް ކަމަށެވެ. މި ކަމުގެ މުހިންމުކަން ދަރިވަރުންނަށް ހަނދާން ކޮށްދެއްވަމުން ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަޞީރު ވިދާޅުވީ، މަޤާމަކީ ހަމައެކަނި ނަމެއް ނޫންކަމަށެވެ. އެއީ ޒިންމާއެއްކަން އަބަދުވެސް ހަނދާން ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެދެއްވިއެވެ.

މިކަހަލަ ހަފުލާއަކުން ޝަރަފްދީގެން ފުދޭ ނެ ކަމެއްނޫން. މަޤާމަކީ އޭގެ ހައިބަތަކީ އަސްލު އެ މަޤާމުގެ ޒިންމާ އަދާ ކުރުން. އެ އަދާކުރާ ގޮތް. އަދި އެކަމުގެ ނަތީޖާ ނެރޭ ގޮތް: ސަރުމާ ނަޞީރު

އިތުރަށް ވިދާޅުވީ، ޕްރިފެކްޓް މަޤާމަކަސް، އިސްދަރިވަރުންގެ ޖަމްޢިއްގެ މަޤާމަކަސް، މި މަޤާމުގައި ހުރެގެން ކުއްޖާއަށް އެ ލިބޭ ތަރައްޤީއަކީ އޭގެ ހައިބަތު ކަމަށެވެ. މަޤާމު އަދާކުރާއިރު މީހާގެ ވިސްނުމަށް ފިކުރަށް އުޅުމާއި ގުޅުމަށް ލިބޭ ތަރައްޤީ އަކީ އޭގެ ނަތީޖާ ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހެޔޮކޮށް ފަހިކޮށް އުފާވެރިކޮށް ލިބޭ ފުރުޞަތުގެ ބޭނުން އަބަދުވެސް ހިފާންޖެހޭނެ ކަމަށާއި،  ދެރަކޮށް ހިތްދަތިކޮށް ކަމެއް ދިމާވިޔަސް ހަނދާނުގައި ބަހައްޓާންވީ އެ ހިތާމަވެރި ހާލަތުންވެސް ރަނގަޅު މިސްރާބަށް ދިއުމަށް ތަޖްރިބާގެ ލިބިގަތުމަށް ކަމަށެވެ.

އަބޫބަކުރު ސްކޫލުގެ ދަރިވަރުންގެ ޖަމްޢިއްޔާ އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސާ އަކަށް ހޮވިފައިވަނީ ގްރޭޑް 6 ބީގެ ދަރިވަރު އާމިނަތު ރަތަލް ބިންތި ރިޔާޒެވެ. ނައިބު ރައީސާއަކަށް ހޮވިފައިވަނީ މުލްހަމް މަޒީޒެވެ. ސްކޫލުގެ ވައިސް ކެޕްޓަނަކަށް ހޮވިފައިވަނީ، މަރްޔަމް ރަދާ މުޙައްމަދު ރަފީޢު އެވެ. އަބޫބަކުރު ސްކޫލުގެ ފަޚްރުވެރި ކެޕްޓަނަކަށް ހޮވިފައިވަނީ މަރްޔަމް ނީމް ނަޞްރުﷲ އެވެ.

މި މަޤާމުތަކުގެ އިތުރުން ސްކޫލުގެ ސީނިއަރ ޕްރިފެކްޓުންނާއި ސްކޫލުގެ ހައުސްތަކުގެ ކެޕްޓަނުންނާ ޒިންމާ ޙަވާލު ކުރުން ރޭގެ މި ރަސްމިއްޔާތުގައި ކުރިޔަށް ދިޔައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!