ޅެންވެރިކަމުގެ ދަރިވަރުން ދަސްވެނިވެއްޖެ

މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމް ކުރިޔަށްގެންދެވި ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަތައް އުނގަންނާދޭ ޕްރޮގްރާމުގެ އާ ބެޗެއްގެ ދަސްވެނިވުން ރޭ ފާހަގަ ކޮށްފިއެވެ.

ރޭ ދަސްވެނިވީ ދަރިވަރުންނަކީ، "އާދަމް ނަޞީރު އިބްރާހީމްގެ އަދަބީ އުފާ" މި ޝިޢާރުގެ ދަށުން އޮންލައިންކޮށް ކުރިޔަށް ގެންދެވި އަދަބީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރެއިން 25 ވަނަ ބުރުގެ ބައިވެރީންނެވެ. މި ބުރުތަކުގައި އާދަމް ނަޞީރު އިބްރާހީމް އުނގަންނައި ދެއްވަނީ، ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ތެރޭގައި ނަޞީރު އުނގަންނައި ދެއްމުންގެންދަވާ އަދަބިއްޔާތު ރީތިކުރުމުގެ ޢިލްމުތަކުގެ ބައިތަކެވެ. ނަޞީރުގެ މި ޕްރޮގްރާމުތަކުގެ މުއްދަތަކީ 15 ދުވަހެވެ.

ރޭ ކުރިޔަށްދިޔަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ. މި ރަސްމިއްޔާތުގައި އަދަބީ ދާއިރާގެ ބައެއް އިސް އުސްތާޛުންނާއި އަދަބަށް ލޯބިކުރައްވާ އެހެން ބައެއް ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ޝަރަފުވެރި މެހުމާނު ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު ދެއްކެވި ވާހަކަފުޅުގައި ދިވެހި ޅެންވެރިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ދަރިވަރުން ހިންމަތާއެކު ދެމިތިބުމަށް އިރުޝާދު ދެއްވައި ހިތްވަރު ދެއްވައި ދިވެހި ރައިވަރުގެ ދުނިޔެއަށް ޅެންވެރީން ނިކުތުމަށް އެދިވަޑައިގެންނެވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ނަޞީރުގެ އަދަބީ އުފަލަކީ އެކަމަށް އޮތް ރަނގަޅު މަންސައެއް ކަމަށެވެ.

އަޅުގަނޑުގަނޑަށް ދެންނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އަޅުގަނޑުގެ ލޮބުވެތި ދަރިވަރު އާދަމް ނަޞީރު އިބްރާހީމަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ މޮޅު ޅެންވެރިޔާ: ޢަބްދުﷲ ޞާދިޤު

ނަޞީރުގެ މި ޕްރޮގްރާމަކީ ޖުމުލަ 50 ގަޑި އިރުގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެކެވެ. މި ގަޑިތަކުގައި ރާއްޖޭގެ މަޝްހޫރު އެކި ޅެންވެރިން ބައިވެރީންނަށް ތަޤުރީރުކޮށްދެއްވައެވެ. މި ގޮތުން މި ފަހަރުގެ ޕްރޮގްރާމުގައި ކުޅަދާނަ ޝާޢިރު އުތީމު އާދަމް ޢަބްދުއްރަޙްމާނު ވަނީ ތަޤުރީރުކޮށްދެއްވާފައެވެ. ހަމަ އެހެންމެ ދިވެހި ފަރިއްސާއި ރައިވަރުގެ ތަޖުރިބާކާރެއްކަމުގައިވާ ފިއްލަދޫ ޤާސިމް މުޙަންމަދު ވެސް ވަނީ ބައިވެރީންނަށް މަޢުލޫމާތުދެއްވާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މިއީ ޅެންވެރިކަމާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބުނު ޕްރޮގްރާމެއް ކަމަށެވެ. ޅެންހެދުމަށް މަގު ފަހިކުރާ އާ ހުނަރުތަކާއި އުކުޅުތައް ދަސްވި ކަމަށާއި ކޮންމެ ފިލާވަޅަކާއެކީގައި އޭގެ އަތްމަތީ ކަރުދާސް ލިބޭތީ ކޯސް ނިންމުމަށް ފަހު ވެސް މަސައްކަތައިގެން ކުރިޔަށް ދާނެ މަގުޗާޓެއް އަތްމަތީގައި އެބައޮތްކަން ބައިވެރީން ފާހަގަ ކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!