ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ.
ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އިސްލާމީ ތަޢުލީމާއި ތަރުބަވީ ތަޢުލީމު ފުޅާކުރުމަށް މުޖުތަމަޢަށް އެހީތެރިވުމަކީ ވެސް މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަހަރުގެ ޖަނަވަރީމަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި މި ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެކެވެ. މި މުޞްޙަފް ތައް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އާ ޙަވާލުކުރެއްވީ އެކަމަށް ޚާއްޞަ ކުރެވިގެން އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފައުންޑޭޝަންގެ ރައީސް ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު އެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތަޢުލީމު ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ކުވޭތުގެ އެކި ސަރަޙައްދުތަކުގައި 20 ސްކޫލް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ. ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޠަލާލް އަލް ޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި ޢަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަޢުލީމު ފެތުރެއްވުމުގައާއި އެނޫންވެސް ކަންކަމުގައި ހިލޭސާބަހަށް ޠަލާލު އަލް ޖެރީ ގެންދަވަނީ ފުޅާ ދާއިރާއެއްގައި ޚިދުމަތް ކުރައްވަމުންނެވެ.
advertisment
advertisment
advertisment