40% ޓީޗަރުން ގޫގުލް ސެޓިފައިޑް އެދުރުންނަށް ވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރ

އުނގަންނައި ދިނުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓީޗަރުންގެ ތެރެއިން %40 ޓީޗަރުން ގޫގުލް ސެޓިފައިޑް އެދުރުންނަށް ވެއްޖެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ، ތަޢުލީމާގުޅޭ އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، 40 އިންސައްތަ ޓީޗަރުން ގޫގުލް ސެޓިފައިޑް އެދުރުންނަށް ވުމަކީ، އެހެން ޤައުމުތަކާ އަޅައި ބަލާއިރު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ކޮވިޑް-19ގެ ޢާލަމީ ވަބާގައި އަތްފައި ބަނދެވި ގާތްގަޑަކަށް އަހަރެއްހާ ދުވަސް ވީ އިރު، އުނގެނުމުގެ ކަންކަމުން ދަރިވަރުން މަޙްރޫމުވިޔަ ނުދިނުމަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ޓީޗަރުން ކުރައްވައިފައި ވާ ކަމަށެވެ. މި ކަމުގައި ސްކޫލުތަކާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރީން ވީ ޤުރުބާނީ ފާހަގަ ކުރައްވައި އެޑިޔުކޭޝަން މިނިސްޓަރ ވަނީ ޝުކުރު ދަންނަވައިފައެވެ.

އަޅުގަނޑުމެންގެ ނަސީބަކީ، ކިޔަވައި ދިނުމުގައި އައު ހުނަރުތަކާއި، އައު އުކުޅުތަކަށް ފާގަތި އުފެއްދުންތެރި މުދައްރިސުންނާއި ހިންގުންތެރީން ސްކޫލުތަކުގައި ތިބުން: ޑރ. ޢާއިޝަތު ޢަލީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ކޮވިޑް-19ގެ ބިރުވެރި ކަމުގައި ވެސް، ކިޔަވައި ދިނުން ހުއްޓުމެއްނެތި ކުރިޔަށް ގެންދެވުނީ ދަރިވަރުންގެ ޙައްޤުގައި ތެދުވެ ކުރިޔަށް ނުކުންނާން ކެރުނު ޢަޒުމުވަރުގަދަ ޓީޗަރުން ތިބުމުން ކަމަށެވެ. ފުރަބަންދުގެ ގޮތުގައި ބަންދުވެ ނުވަދިހަ އެތައް ހާސް ދަރިވަރުންނެއް ސްކޫލަށް ނާދެވި ތިބި ހިނދު، އެކުދީންނަށް އަޅައިލާ އުނގަންނައި ދިނުމަށް ކުރެވުނު ބުރަ މަސައްކަތުން އައުކަންތައްތަކާއި އައު އީޖާދުތައް ލިބިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޓީޗަރުންނަށް ވަރަށްގިނަ އައު ކަންކަން ދަސްވެއްޖެ ކަމަށާއި ޓެކްނޮލޮޖީއަށް ވަރަށް ގިނަ ޓީޗަރުން އަހުލުވެރިވެއްޖެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!