ގދ. ފިޔޯރީ ވަށަފަރުގޭ އާމިނަތު ޢަލީ އާއި ޢަލީ މުޙަންމަދަށް ލިބުނު 8 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު ޑރ.ރަމީޒު ޢަލީ އަކީ އޯވަރީ ކެންސަރުގެ ބަލިމީހުނަށް ޝިފާއެއް ހޯދުމަށް އެމެރިކާގައި މަސައްކަތް ކުރަށްވަމުން ގެންދަވާ ، މުޅި ރާއްޖެ އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާނެ، ކުޅަދާނަ ސައެންސް ވެރިޔެކެވެ. ސަކަ މިޒާޖެއްގެ ހިތްހެޔޮ ޒުވާނެކެވެ. ލިބިފައި ވާ ޢިލްމު އަނެކުންނަށް ފޯރުކޮށްދޭން އަބަދު ވެސް ތައްޔާރަށް ހުންނެވި މަދަދުގާރެކެވެ.
ޑރ. ރަމީޒު ޒަވާޖީ ޙަޔާތް، ގދ. ފިޔޯރީ އިވްނިންގ ހައުސް އައިޝަތު މުހަންމަދު ދީދީ އާ އެކު ފައްޓަވައިފައި ވަނީ 2014 ވަނަ އަހަރުގައެވެ. ދެ އަންހެން ދަރީންގެ ބައްޕަ ޑރ.ރަމީޒުގެ ޢާއިލާ ދިރިއުޅުއް ވަނީ އެމެރިކާގެ މަސަޗޫސެޓްސް ގައެވެ.

ޑރ. ރަމީޒުގެ ތަޢުލީމީ ހަޔާތުގެ ބިންގާ އެޅުނީ 1990 ގައި ފިޔޯރީ ސްކޫލުންނެވެ. އޭގެ ފަހުން 1997 އިން 2002 އަކަށް މާލޭ އިންގްލިޝް ސްކޫލުން ގުރޭޑް 10 ނިންމުމަށްފަހު 2004 ވަނަ އަހަރު މަތީ ސާނަވީ ނިންމަވައިލެއްވީ ސެންޓަރ ފޯރ ހަޔަރ އެޑިޔުކޭޝަނުންނެވެ.
ކެމިސްޓްރީ އިން ފުރަތަމަ ޑިގްރީ ތައިލެންޑްގެ މަހިޑޯލް ޔުނިވާރސިޓީގައި ހާސިލު ކުރައްވަމުން ގެންދެވީ 2005 ވަނަ އަހަރުން ފެށިގެންނެވެ. ސައެންސްވެރިޔަކަށްވުމުގެ ޝައުގު އުފެދުނީ އެ ދުވަސްވަރުއެވެ. ނަމަވެސް އެކަމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކަށް ވީ އެފަދަ ކަމަކަށް ބޭނުންވާ މާލީ ތަނަވަސްކަން ޢާއިލާގައި ނެތުމެވެ. އެހެންނަމަވެސް ޑރ. ރަމީޒު އުންމީދު ކަނޑައެއް ނުލައްވައެވެ. މާޔޫސްވެލެއްވުމުގެ ބަދަލުގައި ކާމިޔާބީއަށް ވާސިލުވުމަށް ޙިކުމަތުގެ ކަމަރު ބަންނަވައި އެކަމަށް މަސައްކަތް ފެއްޓެވިއެވެ. މިގޮތުން ކޮލެޖުގެ ފަހުއަހަރު އެމެރިކާއަށް ދިޔުމަށް ހިލޭފުރުސަތެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. މިކަމަށް އޮތް ހަމައެކަނި މަގަކީ ޓެސްޓް ތަކަކަކުން މަތިދަރަޖައިގައ ފާސްވެގެން ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އެހެންކަމުން އިތުރަށް 4 ވަރަކަށް ޓެސްޓްގައި ޑރ. ރަމީޒު ބައިވެރިވެ ލެއްވިއެވެ. މާޔޫސްވެ އުންމީދު ކަނޑައިލެއްވުމުގެ ބަދަލުގައި ކަށިން ހިތްވަރު ނެރުއްވައިގެން ކުރެއްވި ބުރަ މަސައްކަތުގެ އާޚިރު ނަތީޖާ އަކަށް ވީ، އެމެރިކާގެ ޔުނިވާރސިޓީ އޮފް ނެވާޑާ ރީނޯ ގައި ސައެންސްގެ ދާއިރާއިން އިތުރަށް ކިޔަވާވިދާޅުވާނެ ފުރުޞަތު ޑރ. ރަމިޒަށް ލިބިލެއްވުމެވެ. އެމެރިކާ ގައި ކިޔަވާ ވިދާޅުވަމުން ގެންދެވި ދުވަސްވަރުގައި ވެސް، ޑރ.ރަމީޒު ގެންދެވީ އެތައް ދަރިވަރުންނަކަށް ޢިލްމު އުގަންނައި ދެއްވަމުންނެވެ. އެއީ ލިބިލެއްވި ހިލޭ ފުރުސަތާއެކު ޔުނިވާރސިޓީން ކަނޑައަޅާފައިވާ އެބަސްވުމެކެވެ. މިގޮތުން ކިޔަވައިދެއްވަމުން ކިޔަވާވިދާޅުވާން ޖެހިވަޑައިގަތުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ.
ޑރ. ރަމީޒު ޕީ.އެޗް.ޑީ ގެ ދިރާސާ ހެއްދެވީ އެޗް.އައި.ވީ އަށް ބިނާކޮށެވެ. ޕީ.އެޗް.ޑީ ނިންމަވާލެއވުމަށްފަހު ވެސް، އެހެން ދަރިވަރުންނަށް ޢިލްމު އުގައްނައި ދެއްވުން ހުއްޓައެއް ނުލައްވައެވެ. ރަސްމީ ވަޒީފާގެ އިތުރުން ޕާރޓް ޓައިމް ލެކްޗަރަރ އެއްގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޝައްކެތްނެތެވެ، ޑރ.ރަމީޒަކީ ދިވެހިރާއްޖޭގެ ޢިލްމީ ޚަޒާނާއަށް ނިސްބަތްވާ އަލިގަދަ މުތެކެވެ.
މިއަދު ޑރ.ރަމީޒު އަކީ ވޫސެސްޓަރ ޕޮލިޓެކްނިކް އިންސްޓިޓިއުޓްގައި މަސައްކަތް ކުރައްވާ ދިވެހިރާއްޖެއަށް ނިސްބަތްވާ ކުޅަދާނަ ކެމިސްޓެކެވެ. ކޮންމެ ދުވަހަކީ ވެސް ލެބޯޓްރީގައި އާ ބޭސް ތައް، އީޖާދުކޮށް ތަހުލީލުކުރާ ދުވަހެކެވެ. މިގޮތުން ކޮންމެ ދުވަހަކު ވެސް 10 ވަރަކަށް ގަޑިއިރު މަސައްކަތުގައި ހޭދަކުރެއްވި ނަމަވެސް މަސައްކަތުގެ ޝައުޤުވެރިކަމުން ވަގުތުތައް ހޭދަވާގޮތް ނޭނގޭކަމަށް ޑރ. ރަމީޒު ވިދާޅުވިއެވެ.

ޑރ..ރަމީޒަކީ 'އެމެރިކަން ކެމިކަލް ސޮސައިޓީސް ގުރެޖުއޭޓް އެޑިއުކޭޝަން އެޑްވައިޒަރީ ބޯޑް' ގެ ބޯޑް މެމްބަރެއް ވެސް މެއެވެ. މި ބޯޑަކީ އެމެރިކާގައި ކެމިސްޓްރީއިން މަތީތައުލީމު ހޯދާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންތައްތައް ރަނގަޅު ކުރުމަށް ކުރެވެން ހުންނަ ކަންތައްތައް އެމެރިކަން ކެމިކަލް ސޮސައިޓީއަށް ލަފާދޭ ބޯޑެކެވެ. މީގެ އިތުރުން ވެސް ޑރ. ރަމިޒުގެ އަދި އެހެން ވާހަކައެއް ވެސް އެބައޮތެވެ. ޑރ. ރަމީޒަކީ ހަމައެކަނި މޮޅު ސައިންސިސްޓެއް ނޫނެވެ. އެއީ، ހުނަރުވެރި ކުޅަދާނަ ލިޔުންތެރިޔެކެވެ. އޭނާ ގެންދަވަނީ، 'ދަ ގްރެޖުއޭޓް އެންޑް ޕޯސްޓް ޑޮކްޓަރަލް ކެމިސްޓް މެގަޒިން' އަށް، ދާއިރާގެ ޢިލްމީ ލިޔުންތައް ލިޔުއްވަމުން ވެސް މެއެވެ. މިހާ ހިސާބުން އަދި ނުނިމެއެވެ. ޑރ. ރަމީޒު ވަނީ، ކެމިސްޓްރީއާއި ގުޅުންހުރި ދިހައަކަށް ވުރެން ގިނަ ދިރާސާތައް ބައިނަލްއަޤުވާމީ ޖާނަލްތަކުގައި ވެސް، ޝާއިރުކުރައްވާފައެވެ. އަދި އެކިޤައުމުތަކުގެ 100އަށްވުރެ ގިނަ އެހެން ސައިންވެރިންގެ ޓީމުތަކުން ވަނީ ޑރ. ރަމީޒުގެ މި ދިރާސާތަކުގެ ބައިތައް އެ ބޭފުޅުންގެ އަމިއްލަ ދިރާސާތަކުގައި ބޭނުންކޮށް އެ ބޭނުން ކުރި ކަމަށް ރެފެރެންސް (ސައިޓޭޝަން) ދީފައެވެ. މީގެ އިތުރުން ޑރ. ރަމީޒަކީ ސްވިޒްލެންޑްގެ ސައިންސް ޖާނަލްތަކެއް ކަމަށްވާ އެމް. ޑީ. ޕީ . އައީ ގެ އެކި ޖާނަލްތަކަށް ސައިންސަވެރިން ޝާއިރުކުރައްވަން ފޮނުއްވާ ދިރާސާތައް ޖަޖްކުރައްވާ (ރިވިއު ކުރައްވާ) ބޭފުޅެއްވެސްމެއެވެ.
ޑރ.ރަމީޒު ސައިންގެ ދާއިރާއިން ދެކިލައްވާ ހުވަފެނެއް އެބައޮތެވެ. އެއީ، ޑރ.ރަމީޒުގެ ބައިވެރިވުން އޮތް ބޭހެއް އުފައްދާ، ބަލިމީހުނަށް އެ ބޭސް ލިބި، އަދި އެ ބޭހުން ޝިފާލިބުމެވެ.
ޑރ.ރަމީޒަކީ ކިޔަވާކުދީންނަށް ވެސް ހުރި ލާމަސީލު، ނަމޫނާ ބޭފުޅެކެވެ. ސައެންސްވެރިޔަކަށް ވާން ބޭނުންވާ ދަރިވަރުންނަށް ޑރ. ރަމީޒު ދެއްވަން ބޭނުންވެލައްވާ ނަސޭހަތެއް އެބައޮތެވެ.
މިއީ ވަރަށް ޝައުގުވެރިދާއިރާއެއް. ބޭނުންވަނީ ކުޑަ ހިތްވަރެއް. އަބަދުވެސް ކަންކަން ކުރިޔާލައި ރާވައިލުމާއި، މަޢުލޫމާތު ބަލައި ހޯދުމާއި އެކަންކަމަށް ފިކުރު ހިންގުން މުހިންމު. އަދި ކޮންމެ ދާއިރާ އަކުން ކުރިޔަށް ދާން ބޭނުންވާ ކުއްޖެއްކަމުގައި ވިޔަސް އެއްވެސް ކަމެއް ފަހުން ކުރަން ނުބަހައްޓައި ވަގުތުން އެކަމެއްކޮށް ނިންމާލުމަކީ އެންމެ މޮޅު ގޮތް. ސްކޫލުންދޭ ފިލާވަޅުތަށް ވެސް އެދުވަހަކު ދޭ ފިލާވަޅު އެދުވަހަކު ގެއަށްގޮސް މުތާލިޢާ ކޮށްލުމަކީ ގިނަދުވަހު ސިކުންޑީގައި ކިޔެވި އެއްޗެއް ހަރުލައި ހުންނާނެކަމެއް: ޑރ.ރަމީޒު
ކާމިޔާބީގެ މަންޒިލަށް ވާސިލުވުމަށް އެތައްބައެއްގެ އެހީ އާއި މަދަދު ލިބިލައްވާފައި ވާނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ޑރ.ރަމީޒު ޤަބޫލު ކުރައްވާ ގޮތުގައި ހުރީހާ ކާމިޔާބީއެއްގެ ފަހަތުގައި ވެސް، ތިއްބެވީ ލޯބިވާ މަންމަ އާއި ބައްޕައެވެ. މުޅި އާއިލާ އެވެ. ވަކިން ޚާއްޞަކޮން ދޮންބެ، ކުޑަބެ އަދި ދޮންތަގެ ނަން ފާހަގަ ކުރައްވާ، މުޅި އާއިލާ އަށް ޝުކުރު އަދާކުރެއްވެވިއެވެ. . މީގެ އިތުރުން ޑރ.ރަމީޒުގެ އަނބިކަނބަލުންގެ ކެތްތެރިކާމަށާއި، އަބަދުވެސް ދެއްވަވާ ސަޕޯޓަށް ފަށްފަށުން ޝުކުރުވެރިވެލައްވައެވެ.
ދުރުނޫން މުސްތަޤުބަލެއްގައި ދިވެހިރާއްޖެއަށް ދިރިއުޅުން ބަދަލުކުރަށްވަން ގަސްތު ކުރައްވައިގެން ހުންނެވި ޑރ.ރަމީޒުގެ އުންމީދަކީ ރާއްޖޭގެ ރިސާޗް ސެންޓަރުގައި ކުރާ ތަހުލީލުތަކުގައި ބައިވެރިވުމުގެ ފުރަސަތު ތަނަވަސްވުމެވެ. އަދި ލިބިފައިވާ ޢިލްމު ދިވެހިދަރީންނާއި އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދެވުމެވެ.
މަދަރުސާ ނޫހުގެ ފަރާތުން އެދެނީ، ޑރ.ރަމީޒަށް އަބަދުވެސް ފެހި މާދަމާއަކަށެވެ.
advertisment
advertisment
advertisment
ހިޔާލު
Thahuniyaa Dr. Rameez!
Dr.Rameez adhi article liyuvvi kulhadhaana liyuntheriyaa akeeves
hama seedha MES ge 2 products. Ehen veema mi bunanee Alibe College vareh adhives nuve ey. Dhebeyfulhunahves Saabas dhen 👏👏👏