ކޮލަމް، ކަޅިހި : ހުކުރު ދުވަސް ބަންދުވިކަމުގެ އިހްސާސް

ބުރާސްފަތި ދުވަހު އޮފީހަށް ދިއުމުގެ ކުރީން ހުކުރު ދުވަހުގެ ތާވަލް ރާވައިލީމެވެ. ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމެވެ. ކޮއްކޮއަކު ކާވެނި ކުރާތީ އެ ޕާޓީއަށް ދިއުމެވެ. ކާފަ ހަސްފަތާލުގައި އޮތުމުން ދަރިފުޅު ގޮވައިގެން ކާފައަށް ގޮވައިލަން ދިއުމެވެ. މިހެންގޮސް އެތައް ކަމެކެވެ. މިހުރިހާ ކަމެއް ކުރާނެ ވަގުތުތައް ރާވައި ފޯނުގައި ރައްކާ ކުރީމެވެ.

ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު ދިޔައީ އޮފީހަށެވެ. އޮފީހު މަސައްކަތުގައި ހޭބޯނާރާ އުޅުމުން ލިބުނު ލޮޑުކަމާ އެކު ދަރިފުޅު ގޮވައިގެން އަވަހަށް އައީ ގެއަށެވެ. ގެއަށް އައިސް ވަނުމާ އެކު، ދަބަސް ހުޅުވައިލައިފައި ދަރިފުޅު ދިނީ ގަނޑު ކޮޅެކެވެ. އެ ގަނޑުކޮޅު ކިޔައިލުމާ އެކު ދެ އަތުން ބޮލުގައި ހިފާ ބާރުކޮށްލެވުނެވެ. ފޯނު ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. ސްކޫލު ވައިބަރ ގްރޫޕް "ކެކި އަރަނީއެވެ.."

ޖެހިގެން އައި ދުވަހު މުނާޖާ ކޮނޑުއަޅައިގެން ދަރިފުޅު ގޮވައިގެން ގޮސް އަހަރެން ހުރީ ސްކޫލުގައެވެ. ސްކޫލުން ދަރިފުޅު ގޮވައިގެން އަހަންނަށް ގެއަށް އާދެވުނީ ދިހަގަނޑި ބައިވި ފަހުންނެވެ. މެންދުރަށް ކައްކާނެ އެއްޗަކާ މެދު ފިކުރު ކޮށްލެވުނެވެ. އެކަމަކު ކައްކައިގެން، ކައިގެން، އެ ގަޑިއަށް ސްކޫލަށް ދެވިދާނެ ހެއްޔެވެ؟ ފިރިމީހާއާ މަޝްވަރާކޮށްލުމުން ބުނީ ވަގުތު ނެތް ކަމަށެވެ. ކޮންމެވެސް ތަނަކަށް އޯޑަރުކޮށްލުން މާ ރަނގަޅުވާނެ ކަމަށެވެ.

މެންދުރުފަހު އެއްގަޑި ސާޅީސް ވީ އިރު، ދަރިފުޅު ގޮވައިގެން އަހަރެން ހުރީ ސްކޫލުގައެވެ. ދަރިފުޅު ނިމެނީ 6ގެ ފަހުންނެވެ. ހިތަށް އެރިއެވެ. ރަސްމީ ދުވަހަކަށް ވުރެ ވެސް، މި ދުވަސް އަދި މާ ރަސްމީތާއެވެ. އަހަރެން ފަކީރު މިހިރަ ހަލާކުވަނީއެވެ. ދަރިފުޅު ވެސް، ހުންނަނީ ދެވަރުން އެއްވަރުވެފައެވެ. މާދަމާ ވެސް ހެނދުނުން ފެށިގެން ހަވީރުވަންދެން އުޅެންޖެހޭނީ ސްކޫލުގައެވެ. ދަރިފުޅު އަރާމުކޮށްލަން ވަގުތެއް ނުލިބެއެވެ. ޖެހިގެން އަންނަ ދުވަހު ދަރިފުޅު ސްކޫލަށް ދާނީ މި ލޮޑުކަމުގައި ހުރެއެވެ. ދަރިފުޅު ގޮވައިގެން އުޅުނު ޓީޗަރުން ވެސް ސްކޫލަށް ދާނީ ހަމަ މި ލޮޑުކަމުގައި ފިލާވަޅަށް ވެސް ރަނގަޅަށް ތައްޔާރު ނުވެވިތާއެވެ. އެ ވަރުބަލިކަމުގައި ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެވިދާނެ ބާވައެވެ؟ ކިޔަވައިދިނުމަށް ދޭންޖެހޭ ސަމާލުކަން ހަމަ ހަގީގަތުގައި ވެސް ދެވިދާނެ ބާވައެވެ؟ އަހަރެންގެ ހިތަށް އެރިއެވެ.

ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އަހަރެން ވަރަށް ގިނަ ކަންކަން ރޭވީމެވެ. ނަމަވެސް އަހަރެންގެ އާއިލާއަށް އަހަރެން ދޭން ރޭވި އެއްވެސް ވަގުތެއް ނުދެވުނެވެ. އަހަރެންނަށް ވުރެ މުދައްރިސުންގެ ހާލު އަދި މާ ބޮޑުވާނެތާއޭ ހިތަށް އެރިއެވެ. ހަނދާނަށް އައީ ހަރު  މީހަކު ބުނެފައިވި މަޢުނަވީ ޖުމްލަކޮޅެކެވެ. "ތިބާ ތި ބަލަހައްޓަނީ އެންމެ ކުއްޖެކެވެ. މުދައްރިސުން އެބަލަހައްޓަނީ އެތައް ކުދިންނެކެވެ."

ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވީ ނަމަވެސް އެއީ ނަމެއްތާއެވެ. ކަންކަން ރޭވިފައި ހުންނަ ގޮތުން މުދައްރިސުންނަށް އެ މީހުންގެ އާއިލާއަށް ވަގުތު ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންގެ ނަފްސާނީ، ޞިއްޙީ، ދުޅަހެޔޮ ކަމަށް ވިސްނާކަށް ނުޖެހޭ ބާވައެވެ. މުދައްރިސުންގެ އިޖުތިމާއީ އާއިލީ ގުޅުންތަކަށް މަގުފަހި ކުރުމަކީ މިއަދު ކޮންމެހެން ވެސް، ކުރާންޖެހިފައިވާ ކަމެކެވެ.  ނުހަނު އުފަލުން ފެށި ޙަޔާތުގެ ތަދުރުގެ ނައުގެ ފަށަން ނެއްޓި، ދިރިއުޅުން މާކަނޑަށް ޣަރަޤުވެފައި ތިބީ އެތައް އާއިލާއެކެވެ. ވިހާލިވެފައި ތިބީ އެތައް ދަރީންނެކެވެ. ހައްތަހާ ވެސް ހާސްކަމެވެ. ނުތަނަވަސް ކަމެވެ.

މިވޭންތައް ޓީޗަރުން ތަހަންމަލު ކުރާތައް އެތައް އަހަރެއް ވެއްޖެއެވެ. ހަމައެކަނި ހުކުރު ދުވަސް ނަމަވެސް ބަންދުކޮށްދޭތޯ އެ މީހުން އެތައް އާދޭހެއް ކޮށްފިއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ބޭރުގައުމުތަކުގައި އެ މީހުންގެ "ސްޕަރ ސަންޑޭ"ގައި މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އެ އަމުރު ކުރި ފަތާތެއްގެ ވަޒީފާގައި ނިމުމުގެ ސިއްކަ ޖެހި، ގެއަށް ދާންޖެހޭ ކަމެކެވެ. އެކަމަކު ރާއްޖޭގައި މިފެންނަނީ މުޅީންތަފާތު މަންޒަރެކެވެ.

ހަފުތާގެ ހަތްދުވަހުގެ ތެރެއިން ބަންދު އެއްދުވަސް ދެނީ އެއީ ސަމާސާއަކަށް ކުރާ ކަމެއް ނޫނެވެ. ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އޮތީމާ ނަމަކަށް ކުރާ ކަމަކަށް އެކަން ވެގެން ނުވާނެއެވެ. ބަންދަކީ ބަންދެވެ. ބަންދުވާންޖެހޭނީ ޙަޤީޤީ މާނައިގައި ވެސް ބަންދަކަށެވެ. އޭގެ ސަބަބުން އެތައް ފައިދާއެއް ކުރާނެއެވެ. އެތައް ގުޅުމެއް އުފެދި އާލާވާނެއެވެ.  ހިތަށާއި ސިކުނޑިއަށް ފިނިކަން ލިބޭނެއެވެ. އިޖުތިމާއީ އެތައް އެތައް މައްސަލައަކާއި، ނަފްސާނީ އެތައް ބައްޔަކަށް ޝިފާ ލިބޭނެއެވެ.

އަހަރެންގެ ދަރިފުޅު މިހާރު ކިޔަވަނީ ގްރޭޑް 6 ގައެވެ. ހުކުރު ދުވަސް އަތުވެއްޖެ ނަމަ މިހާރު އަހަރެންގެ ދަރިފުޅު ގޮވައިގެން ކައިރި ރަށްރަށަށް ދަތުރު ގޮސްލެވެއެވެ. ޕާޓީތަކަށް ދެވެއެވެ. އާއިލީ މީހުންގެ ގާތަށް ޒިޔާރަތްކޮށް މަޖާކޮށްލެވެއެވެ. އެމީހުންނާ އެކު މަޖާކޮށްލަން ތަންތަނަށް ދެވެއެވެ. އެކަމާ ދަރިފުޅު ވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކުރީން ހުންނަ ހާސްކަމާއި ނުތަނަވަސްކަމާއި ވަރުބަލިކަން މިހާރަކު ނުފެނެއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަންނަށް ވެސް މިހާރު ހާދަ ލުއިވެއްޖެއެވެ. ހާދަ ފަސޭހަވެއްޖެއެވެ. އެހެންވީމާ މުދައްރިސުންނަށް ވެސް މިހާރު ކޮންމެވެސް ވަރަކަށް ލުއިތަކެއް ވާނެތާއެވެ.

ހުކުރު ދުވަހެއްގެ ހަވީރެވެ. އަހަރެންދިޔައީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ގޮވައިލުމަށެވެ. އެކަން ނިމިގެން ހޮސްޕިޓަލު ކެންޓީނަށް ވަނީމެވެ. ޖެހިގެން ހުރި މޭޒުގައި ސައިބޯން ތިބި ބަޔަކު ދެއްކި ވާހަކައިން އެ ތަނުގައި މުދައްރިސުންތިބިކަން ކަށަވަރުވިއެވެ.

އެ މޭޒުގައި ތިބި 3 މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

"ހުކުރު ދުވަހަކީ ބަންދު ދުވަހެއް ކަމުގެ އިޙްސާސް މިހާރު ކުރެވޭ. އާއިލާއާ އެކު ވަގުތު ހޭދަކުރެވޭ. ކުދީން ގޮވައިގެން ތަންތަނަށް އެބަދެވޭ. ހުކުރު ދުވަހު ސްކޫލަށްދިއުމަށް ފޯނުކޯލެއް އަންނާނެ ކަމުގެ ބިރެއް މިހާރަކު ނެތް." 

މި ވާހަކައަށް ދެން އިން މީހާ ތާއީދުކޮށް ވާހަކަ ދެއްކި އަޑު އިވުނެވެ.

ހިތާ ހިތުން ބުނެލެވުނެވެ. މުދައްރިސުންނަށް ލިބޭ ކޮންމެ ހިތްހަމަ ޖެހުމަކީ އަހަރެމެންގެ ދަރީންނަށް ވެސް ލިބޭނެ ހިތް ހަމަ ޖެހުމެކެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ރޭގަނޑު 6 ގެ ފަހުން ނުނެރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުދިންގެ ފިލާވަޅުތައް ހެއްދުމާއި ދަސްކުރަން ޖެހޭ އެއްޗެހި ދަސްކުރަން ބައިވެރިވެވޭ. ކުދިން ނިންދެވޭ

  2. ހިތްވަރުގަދަ ރަނގަޅު ނިންމުމެއް / ކަންކަން ކުރަން އުޅުނީމާ ވާކަން އެބަ އެނގޭ / ޓީޗަރުންގެ އޯޓީގެ ކެޕް ވެސް ނައްޓާލަ ދެއްވާ