ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމެވެ.


ލިޔުނީ: ޢަލީ މުނީޒު، ހދ. ނޮޅިވަރަން

ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ކޮބައިހޭ ބުނެ ތިބާއާ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބަކާމެދު ވިސްނައިލީމުހެއްޔެވެ؟ އަޅުގަނޑުގެ ނަޒަރުގައި ސުވާލުގެ ޖަވާބަކީ އާގަމަވެ ކޮށިއަރައި ހާސްވަންޖެހޭ ފަދަ އުނދަގޫ ޖަވާބެއްނޫނެވެ. އާދޭހެވެ. އެއީ އަހިލަންކައޭ ކިޔުނު މި ޖަޒީރާތަކުގައި ﷲގެ ތަނަވަސް ރަޙުމަތްފުޅުން ލައްވަވައިފައިވާ ޝުކުރުކުރުން ޙައްޤު ޤުދުރަތީ ރީތިކަމެވެ. ރަށްތަކުގެ ވަށައިގެންވާ ހުދު ބޯކިރު ފޮދެއް ފަދަ ސާފު ގޮނޑުދޮށްތަކާއި އޯޝޯޚުކުރުވާ ފަދަ ކަނޑުފަޅުގެ ދިރުންތަކާއި ޖޯގުރަފީގޮތުން ރަށްތައް އުފެދިފައިވާ ފުރިހަމަކަމުގެ އިތުރުން ދެބައިހަމަ މޫސުމީ މާހައުލަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ ނިޢުމަތްކަމާމެދު އަޅުގަނޑުގެ ހިތުގައި ކުޑަ ވެސް ޝައްކެއްނެތެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގެ ރަށްތަކުގެ ވަށައިގެން ވާ ހުދު ބޯކިރު ފޮދެއް ފަދަ ހިމުން ދޮންވެލީގެ ގޮނޑުދޮށްތަކަކީ އެ ނިޢުމަތަކާމެދު ތާ އަބަދު ފަޚުރުވެރިވާންޖެހޭ ފަދަ ޤުދުރަތީ ރީތިކަމެކެވެ. އެ ގޮނޑުދޮށްތަކަކީ ރާއްޖޭގެ ރީތިކަމާމެދު އެންމެ ގިނަ ދޫތައް ހަރަކާތްތެރިކުރުވާ ރީތިކަމެވެ. ޝާއިރުންގެ ޝާއިރިއްޔަތު ބަންޑުންވާ ސަބަބުމެއެވެ. ކުރެވުނު ތަޖުރިބާގައި އެންމެ ގިނަ ލޯތައް ރާއްޖެއިން ދެކެން ބޭނުންވި މަންޒަރަކީ ވެސް ފެހި ރަށްތަކުގެ ވަށައިގެން އޮޅައިލެވިފައިވާ ހުދު ފަގުޑިއެއް ފަދަ ވެލިގަނޑެވެ. އެތައް ހާސް ގަޑި އިރެއްގެ މަންޒަރު ރެކޯޑުކޮށްފިއެވެ. އެތައް މިލިއަން ގަނޑެއްގެ ފޮޓޯތައް ވުޖޫދުކޮށްފިމެއެވެ. ވީއިރު ރާއްޖޭގެ ސާފު ހުދު ގޮނޑުދޮށްތަކަކީ ލިބިފައިވާ އެންމެ ބޮޑު އެއް ޤުދުރަތީ ނިޢުމަތްކަމުގައި ނޫނީ ވާނެ ހަމައެއް ވެސް ގޮތެއް ވިސްނުމަކަށްނާދެއެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި އެ ރީތިކަމުގައި ފޮރުވިފައިވާ ދިރުންތަކުގެ މުއްސަނދި ޚަޒާނާއަކީ ވެސް ނިޢުމަތެއް ފަދަ ޤުދުރަތީ ރީތިކަމެއްކަމުގައި މެނުވީ އަޅުގަނޑު ނުދެކެމެވެ. ނިކަން ކަނޑުއަޑިއަށް ހިންގަވާށެވެ. ފެނިވަޑައި ތިޔަ ގަންނަވަނީ ތަޣައްޔަރުކަމެއް ނެތް މުރަކައިގެ މާމެލާމެލާމެލީގެ ބަގީޗާއެކެވެ. މިލިއަން ބާވަތުގެ މުރަކަތަކުގެ ތެރޭގައި ދެކޮޅަށް ދުވެލާ އެކި ކުލައިކުލައިގެ މަސްމަހާމެއްސެވެ. ސޭރިލައްވަމުން ދުވެ ހަރަށް ވަދެ ބޮނދަމުން ދާ ފަނިފަކުސައިގެ ބޮޑު ފައުޖެވެ. ޤުދުރަތީ ރީތިކަމުގެ އިންތިހާ ދޮގެއްތޯއެވެ؟ މިއީ ބޮޑު ނިޢުމަތެއްނޫންކަމާމެދު ދެބަސްވެވޭކަށް ނެތެއްނޫންތޯއެވެ؟ "މަތި" ވެސް ހަމަ މި ފަދައެވެ. ގިނަ ރަށްރަށަށް ލިބިގެންވަނީ ބިއްލޫރިކޮޅެއް ފަދަ ސާފު ފަޅުތަކެވެ. ބައެއް ހިސާބުތަކުގައި ނޫ ފުން ވިލާއެކުއެވެ. އެ ފަޅުތަކާއި ވިލުތަކުގައި ފީނައި ފަތައި ދަތުރުކޮށްލުމަށް ހިތްނޭދޭނެ ދިވެއްސަކު، އިންސިއަކު ހުންނާނެކަމަށް ހިތަކަށްނާރައެވެ. ޤުދުރަތުގެ މި ފަދަ ރީތިކަމެއްގެ ވެރި ބައެއް ކަމުގައި ކުޑަމިނުން ހިމެނުމީ ވެސް ބޮޑު ނިޢުމަތެއްނޫން ކަމަކަށް ގަބޫލެއްނުކުރެވެއެވެ.

ރަށްތައް އުފެދިފައިވާ ގޮތުގެ ޖޯގުރަފީ ސިފަތަކަކީ ވެސް އަޅުގަނޑުގެ ޚިޔާލުގައި ޤުދުރަތީ ރީތިކަމުގެ އިންތިހާއެވެ. ބައެއް ރަށްތައް ހުރީ ގޮވައިލީމައި އަޑުއިވޭ ހިސާބުގައެވެ. ފުންމައިގަތުމުން ފައިފޯރާ ހިސާބުގައެވެ. ދުވަހީ ދިރިއުޅުގެ ތެރެއިން ދޭދޭ ރަށްރަށަށް ދެވި މުހުތާދުތައް ފުއްދައިލެވެއެވެ. މިއީ ވެސް ބޮޑު ފަސޭހަކަމެކެވެ. ނިޢުމަތެކެވެ. މީގެ އިތުރުން އަތޮޅުގެ ބޭރު ދުނީގައި ރަށްތައް އުފެދިފައިވާއިރު މެދުތެރޭގައި ގިނައީ ތިލަ ނަލަ ޗާލު ފަޅުތަކެވެ. މި އުފެދުމަށް ފަޒާއިން ކަޅިހިންގައިލުމުން ސިފަވާނީ މާކަނޑުގައި ބާއްވާލައިފައި އޮތް ހާރެއް ފަދައިންނެވެ. މި ހާރު ދެކިލައި ތަޖުރިބާކޮށްލުމަށް އަންނަ މީހުން ގިނަގުނައެވެ. ލިބޭ އިޤުތިޞާދީ ފައިދާ އަދި މާ ގިނައެވެ. ކަންކަން މިހެން ހުރުމުން ޖޯގުރަފީގެ ފުރިހަމަކަމަކީ ވެސް ރާއްޖެއަށް އޮތް ހަމަ ބޮޑު ނިޢުމަތެއްކަމާ މެދު ވަސްވާހެއްނެތެވެ.

ދެބައިހަމަ މޫސުމެއްގެ ހިމާޔަތުގައި ނިހާއީ އުފާވެރިކަމުގައި މި އުޅޭ އުޅުމަކީ ވެސް ޤުދުރަތުގެ ބޮޑު ހަދިޔާއެއްކަމުގައި މެނުވީ ގަބޫލެއްނުކުރަމެވެ. ހޫނުވެގެން މާލެވުމެއް ނެތެވެ. ފިނިވެގެން މޭލިބުއިމެއް ނެތެވެ. ޚަރީފުގައި ދަނޑުފަނގު ތައްޔާރުކުރަންވީއެވެ. ހުޅަނގުގައި ކުރާ ކަނޑަންވީއެވެ. ގަނޑުވެގެންދާ ފަދަ ފިނިކަމުން ސަލާމަތްވުމަށް އަންނަ ފަތުރުވެރިންނަށް ވެސް މިއީ މޫސުމީ ގޮތުން ސުވަރުގެއެކެވެ. މިނިވަންކަމުގެ އަގު އަޅުވެތިކަމުން ނޫނީ ވަޒަން ނުކުރެވެއެވެ. އެ ބީދައިން މި ޒާތުގެ މޫސުމީ ފައިދާތައް ނުލިބޭ ބަޔަކަށް މެނުވީ އަޅުގަނޑުމެންގެ މޫސުމީ ނިޢުމަތަކީ ވެސް އޭގެ ޒާތުގައި ޤުދުރަތުގެ ކިހައި ބޮޑު ރީތިކަމެއްކަން ހަދިޔާއެއްކަން އެނގޭނެއެކޭ ހިއެއްނުވެއެވެ.

ޖެހިލުމެއް ނެތި އަޅުގަނޑަށް ނިންމެން އޮތް އެއް ނިންމުމަކީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމަކީ އެ ފަދަ ދެވަނައެއް ނެތް ނިޢުމަތެއްކަމެވެ. ގޮނޑުދޮށުގެ ސާފުކަމާއި ހުދުކަމެވެ. ކަނޑުފަޅުގެ ދިރުންތަކުންގެ ތިޔާގިކަމެވެ. ރަށްތައް އުފެދުމުގެ ޠަބީޢަތުގައިވާ ޚާއްޞަކަމެވެ. ނުމެ ފިނި ނުމެ ހޫނު މޫސުމުގެ ފަހިކަމާއި ތިޔާގިކަމެވެ. މި ކަންކަން މިހެން ހުއްޓައި ޤުދުރަތީ ރީތިކަމަކީ ނިޢުމަތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު ނިޢުމަތް ނޫންކަމަށް ބުނެފި ނަމަ އެ ބުނުންވާނީ ޙަޤީޤަތާ ދުރު އަވާމެންދުރަކާ ކައިރިކުރާ ބުނުމެއް ކަމަށް ދެބަސްވެވޭކަށް ނޯންނާނެއެވެ.

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!