ރަމަޟާން މަހުގެ ފަހު ދިހައިގައި އަންނަ ލައިލަތުލް ގަދުރިވިލޭރެ ހޯދުމަށް ފަހު ދިހައިގައި ކިޔެވުމުގައި އިތުރަށް ހީވާގިވުމަކީ ދަރިވަރުންނަށް ކުރެވިދާނެ ކަމެއް ކަމަށް އައްޝެއިޚް އިބްރާހީމް އަޙްމަދު ވިދާޅުވެއްޖެއެވެ.
މަދަރުސާ އޮންލައިނުން މިއަދު ދޭ ޖެހި އިރު ގެނެސްދިން "ޢިލްމީ މަދަރުސާ"ގެ ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ، ޢިލްމު އުނގެނުމަކީ ވެސް އަޅުކަމެއް ކަމަށެވެ. އެހެންކަމުން ފަހުދިހައިގައި އުނގެނުމުގައި ހީވާގިވުމަށް ޝެއިޚް ނަސޭހަތްތެރިވެލެއްވިއެވެ.
ލައިލަތުން ގަދުރި ވިލޭރެ ހޯދުމަށް ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ކުދިން މިސްކިތައް ގޮސް ނަމާދު ކުރުމާއި ދުޢާ ކުރުމާއި، މިސްކިތާއި ގޭގައި ޤުރުއާން ކިޔެވުމަކީ ކުރެވިދާނެ ކަންކަން. އަދި މީހުންނަށް ރޭގަނޑުގައި ޞަދަޤާތް ކުރެވިދާނެ. ޛިކުރު ވެސް ކުރެވިދާނެ. މީހަކަށް އެހީތެރިވެސް ވެވިދާނެ. މީގެ އިތުރުން ކިޔެވުމަކީ ވެސް ފަހުދިހައިގެ ރޭތައް އިޙްޔާ ކުރުމަށް ކުރެވިދާނެ ކަންކަން. މީގެ އިތުރުން މައިންބަފައިންނަށް އެހީތެރިވެ ދިނުމާއި ގޭގައި ނުކުރެވި ހުރި ކަމެއް ކޮށްލުމަކީ ވެސް ހަމަ ކުރެވިދާނެ ކަމެއް. ޝެއިޚް އިބްރާހީމް އަޙްމަދު
ޝެއިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ ރަމަޟާން މަހުގެ ހުރިހާ ކާމިޔާބެއް ގުޅިފައިވަނީ ކީރިތި ޤުރުއާނާކަމަށެވެ. ރަމަޟާން މަހާ ބައްދަލުވެ، އެ މަސް ނުލިބެއްޖެ މީހަކީ ދުނިޔެއިން މަޙްރޫމުވެފައިވާ މީހެއްކަމަށް، ރަސޫލާގެ ޙަދީޘުން ސާބިތުވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ލައިލަތުލް ގަދުރި ވިލޭރެއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝެއިޚް ވިދާޅުވީ، ލައިލަތުލް ގަދުރިއަކީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށެވެ. އެއީ މާތް ރެއެއް ކަމަށާއި އެ ރޭ އަޅުގަނޑުމެންނަށް އެނގިގެން ނުވާ ކަމަށެވެ.
އެހެންވީމާ ފަހު ދިހައިގެ ހުރިހާ ރޭތަކެއް ވެސް މުހިންމުވޭ. ފަހު ދިހައިގެ ހުރިހާ ރެއައަކު އަޅުކަމުގައި ހެޔޮކަންތައް ކުރުމުގައި އިތުރަށް ހިތްވަރުލައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ޝެއިޚް އިބްރާހީމް އަޙްމަދު
ލައިލަތުލް ގަދުރި ވިލޭރެ މާތްވީ ގޮތާ ބޭހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ، ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައި ހިމެނޭ ލައިލަތުލް ގަދުރި މާތްވުމުގެ ސިއްރަކީ ކީރިތި ޤުރުއާން ކަމަށެވެ.
އާންމުކޮށް އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓުނު ވާހަކަ ކަމަށާއި އެ ބާވައިލެއްވުން ފެށިފައިވަނީ ވަނީ ރަމަޟާން މަހުގެ 17 ވަނަ ދުވަގައި ކަމަށެވެ. އެއަށްފަހު އެކި ކަންކަމާ އެކި ގޮތްތަކާ އެކި ހާލަތްތަކުގައި އެކި އާޔަތްތައް ބާވައިލައްވަމުން ގޮސްފައި ވާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
އިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި ކީރިތި ޤްރުއާން ފުރަތަމަ ބާވައިލެއްވުނީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ލައުޙުލްމަޙްފޫޡަށެވެ. މި ބާވައިލެއްވުން ބާވައިލެއްވުނީ ޤުރުއާން އެއްފަހަރާ ކަމަށް ޢިލްމުވެރިން އެއްބަސްވެލައްވާ ކަމަށް ޝެއިޚް އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ. ލައުހުލްމަޙްފޫޡަކީ ﷲ ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް، ވާން ހުރި ކަންތައްތަކާއި ވާނޭ ކަންތައްތައް ނުވަތަ ތަގުދީރު ލިޔުއްވައިފައިވާ ފިލާ ނުވަތަ ފޮތެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ މި ދެ ބާވައިލެއްވުން ވެސް ބާވައިލައްވައިފައި ވަނީ ރަމަޞާން މަހުގައި ކަމަށެވެ.
ރަމަޟާން މަހާ ބައްދަލުވެ ލައިލަތުލް ގަދުރި ނުލިބެއްޖެ މީހާ އަކީ ދުނިޔެއިން މަޙްރޫމު ވެއްޖެ މީހެއްކަމަށް ރަސޫލާ ހަދީޘް ކުރައްވައިފައި ވުމުން އެރޭގެ މާތްކަން ހާމަވާ ކަމަށާއި، އެހެންކަމުން ލައިލަތުލް ގަދުރި ހޯދުމަށް ފަހު ދިހައިގައި ހެޔޮ ޢަމަލު ކުރުމުގައި އިތުރަށް ހީވާގިވެ ހެޔޮކަންތައްތައް ކުރުމަށް ދަރިވަރުންނަށް ޝެއިޚް އިބްރާހީމް އަޙްމަދު އިލްތިމާސް ކުރެއްވިއެވެ.
advertisment
advertisment
advertisment