ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނަކަށް ވުމަށް ކިޔަވާ ކުދީންނަށް ޢަމަލު ކުރެވިދާނެ ގޮތް

ލިޔުނީ: ފާތިމަތު ނަދުވާ – 10ޑީ – އިހަވަންދޫ ސްކޫލު

މުޖުމަތަމައެއްގައި އުޅޭ ކޮންމެ މީހަކު ވެސް ބޭނުންތެރި މީހަކަށް ވެގެންދަނީ އެ މީހެއްގެ ފަރާތުން އެ މުޖުތަމައަކަށް ފޯރުކޮށްދެވޭ އަގުހުރި މަންފާތަކެއްގެ ސަބަބުންނެވެ. އެއީ ފައިސާއިން ކަމުގައި ވިޔަސް ނުވަތަ ޚިދުމަތުން ކަމުގައި ވިޔަސްމެއެވެ. ހިލޭ ސާބަހަށް ކުރެވޭ މަސައްކަތަކުން ކަމުގައި ވިޔަސްމެއެވެ. ނަމަވެސް، މިއަދު މި ފަދަ މީހުން، ޚާއްޞަކޮށް ހިލޭ ސާބަހަށް މަސއްކަތްކުރާ ޒުވާނުންގެ ޢަދަދު މަދުވެއްޖެއެވެ. އެހެންކަމުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނަކަށް ވުމަށް ކިޔަވާ ކުދީން ޢަމަލުކުރާންވީ ގޮތުގެ މުހިއްމު ބައެއް އިރުޝާދު ހިއްސާކޮށްލާނަމެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނަކަށް ވުމަށް ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން، މުޖުތަމައުގައި ކުރިއަށް ގެންދެވޭ ތަފާތު ހަރަކާތްތަކުގައި ބައިވެރިވާށެވެ. އެކިއެކި ހަރަކާތްތަކުގައި އިސްވެ އުޅޭށެވެ. އެކަންކަން ކުރިއަށް ގެންދިޔުމުގައި ތިމާގެ ލަފަޔާއި މަޝްވަރާ ހިއްސާކުރާށެވެ. މިގޮތުން، ތިމާ ދިރިއުޅޭ ރަށުގައި ހިންގާ ސާފުކުރުމުގެ ހަރަކާތްތަކެއް ވިޔަސް، ފާހަގަކުރާ ދުވަހެއް ކަމުގައި ވިޔަސް އެކަމެއްގައި ޝާމިލުވާށެވެ. އެހީ ހޯދުމަށް އެކި ނަންނަމުގައި ހިންގާ ފަންޑުރައިޒިން އިވެންޓުތައް ފަދަ ކަންކަމުގެ ކުރީ ސަފުގައި މަސައްކަތްކުރާށެވެ. އޭރުން، ހިލޭ ސާބަހަށް މަސައްކަތްކުރުމަށް ހިތްޖެހި އެކަންކަމުގައި އުޅުމުގެ ޝައުޤުވެރިކަން އުފެދިގެންދާނެއެވެ.

ކިޔަވާ ކުއްޖެއްގެ ގޮތުގައި ހުރެ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނަކަށް ވުމަށް ތަފާތު މަސައްތައް ދަސްކުރާށެވެ. ތިމާގެ ފަރާތުން އަނެއްކާއަށް ފަސޭހައެއް ނުވަތަ އެހީއެއް ފޯރުކޮށްދިނުމަށް ފަހިވާނެ ފަދަ ހުނަރުތައް ދަސްކުރާށެވެ. އެއްޗެހި މަރާމާތު ކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް ދަސްކުރާށެވެ. ތިމާގެ ފަރާތުން މުޖުތަމައަށް ކަމެއް ބޭނުންވެއްޖެ ހިނދެއްގައި ދަސްކުރި ހުނަރުތަކުގެ ބޭނުންކުރާށެވެ އެއްވެސް، އަގެއް އުޖޫރައެއް ނެތި ތިމާއަށް ދަސްވެފައި ހުރި ކަމެއްގެ ބޭނުން އެހެން މީހުންނަށް ފޯރުކޮށްދޭށެވެ. ނަތީޖާއެއްގެ ގޮތުން، ތިމާއަކީ މުޖުތަމައުގައި ބޭނުންތެރި އެހެން މީހުންގެ ލޯބި ލިބިފައިވާ މީހަކަށް ވެވޭނެއެވެ.

ސްކޫލުގައި ތައުލީމު ހާސިލުކުރާ ދުވަސްވަރު ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މައިންބަފައިންގެ ހުއްދައާ އެކު، ހިލޭ ސާބަހަކަށް މަސައްކަތްކުރާ ޖަމިއްޔާއަކާ ގުޅޭށެވެ. ހުސްވަގުތު ލިބޭ މިންވަރަކުން ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާށެވެ. އެ ޖަމިއްޔާއަކުން މުޖުތަމައުގެ ލާބަޔާ މަންފާއަށް ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާއި ހަރަކާތްތައް ރާވާ ހިންގާ ގޮތްތައް ދަސްކުރާށެވެ. އަދި މީހުން ގޮވައިގެން ޖަމިއްޔާގެ އިސްވާރުން މަސައްކަތްކުރާ ގޮތްތަކާއި މަސްރޫޢުތައް ހިންގުމަށް މާލީ ތަނަވަސްކަން ހޯދުމަށް ކުރާ ކަންކަން ދެނެގަންނާށެވެ. މިގޮތަށް މަސައްކަތްކުރުމުން މުޖުތަމައަށް ލިބޭ މަންފާތަކާ މެދު ވިސްނާށެވެ. ނަތީޖާއަކަށް ވެގެންދާނީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގައި ގެންގުޅޭ ހުނަރުތަކާއި އުކުޅުތައް ދަސްވުމެވެ.

ކަމެއް ކޮށްދިނުމުން ތިމާއަށް އެކަމަކުން ލިބޭނެ ފައިދާއާއި މަންފާއަށް ނުވިސްނާ މުޖުތަމައުގެ ފައިދާއަށް މަސައްކަތްކުރާ ޒުވާނުން އުފެއްދުމަށް ސްކޫލު ދައުރުން ފެށިގެން ކިޔަވާ ކުދީން މިފަދަ ހަރަކާތްތަކުގައި ޝާމިލުވުން އިތުރުކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭށެވެ. މިގޮތުން، ކިޔަވާ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު ނިސްބަތްވާ މުޖުތަމައުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު އަމިއްލައަށް ހުނަރުތައް ދަސްކުރާށެވެ. އަދި ލިބޭ ހުސްވަގުތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހަރަކާތްތަކުގައި ބައިވެރިވާށެވެ. އޭރުން، ސްކޫލު ދައުރު ނިންމުމަށް ފަހު މުޖުތަމައަށް ނުކުންނަ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހު އުފެދޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޒުވާނުން އިތުރުވާނެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު

  1. ދަރިވަރުންގެ ފެންވަރުގައި ލިޔެފައިވާ ވަރަށް ރަނގަޅު ލިޔުމެއް!