ފަސްމަންޒަރު ނުވަތަ ބެކްގްރައުންޑް

މަޒުމޫނެއްގެ ފެށުމުގައި މައިގަނޑު 3 ބައެއް ހިމެނެއެވެ. އެއީ ހޫކު ޖުމުލައާއި، މައުޟޫގެ ފަސްމަންޒަރާއި ތީސީސް ސްޓޭޓްމަންޓެވެ. ބައެއް ފަހަރު ތީސީސްއަށްފަހު އޯވަރ ވިއު ވެސް ގެނެސްދީފައި ހުރެއެވެ. ސާނަވީ ދަރިވަރުންގެ ލިޔުންތަކުގައި އޯވަރ ވިއު ގެނައުމަކީ އާންމު ކަމެއް ނޫނެވެ.

ފެށުމުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހޫކު ޖުމުލައާ ބެހޭ މަޢުލޫމާތު މީގެ ކުރީން ވާނީ ގެނެސްދެވިފައެވެ. މިފަހަރު މި ބަލައިލަނީ ފަސްމަންޒަރުގެ މައްޗަށެވެ.

ފަސްމަންޒަރަކީ ލިޔުމުގެ ފެށުން ނުވަތަ ތަޢާރަފުގައި، ކިޔުންތެރިޔާއަށް މައުޟޫޢު ތަޞައްވުރު ކޮށްދިނުމަށް ގެނެސްދޭ ކުރު މަޢުލޫމާތުކޮޅަކަށް ކިޔާ ނަމަކެވެ. މި މަޢުލޫމާތުކޮޅުގެ ބޭނުމަކީ މައުޟޫޢު ނުވަތަ މައްސަލައިގެ މުހިންމުކަން އަންގައި ދިނުމެވެ.

ފަސްމަންޒަރުގެ މަޢުލޫމާތު ތަފާތު ގޮތް ގޮތަށް ގެނެސްދެވިދާނެއެވެ. މި ލިޔުމުގައި ބަޔާންކޮށްދީފައި އެ ވަނީ ފަސްމަންޒަރު ގެނެސްދެވިދާނެ 5 ގޮތެކެވެ.

1. މަފްހޫމް ނުވަތަ ކޮންސެޕްޓު ބުނެދިނުން

ސުރުޚީގައި މާނަ ނޭނގިދާނެ ފަދަ މުހިންމު ފަންނީ ލަފުޒއެއް، ނުވަތަ ކޮންސެޕްޓެއް ހިމެނޭ ނަމަ އެ ލަފުޒު ނުވަތަ ކޮންސެޕްޓް މާނަކުރާ ގޮތް ބުނެދިނުން

  • ސުރުޚީ: "ބިދޭސީ މަސައްކަތްތެރީން މި ގައުމުން މަދުކުރާން ޖެހެއެވެ."
  • ކޮންސެޕްޓް: ބިދޭސީ މަސައްކަތްތެރީންނަކީ ކޮބައިކަން މާނަކޮށްދިނުން

"އާމްދަނީ ހޯދުމުގެ ބޭނުމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ، ދިވެހިރައްޔިތުކަން ނެތް، ކޮންމެ މީހަކީ ބިދޭސީ މަސައްކަތްތެރިއެކެވެ. މި ފަދަ މަސައްކަތްތެރީން ރާއްޖޭގައި ވަރަށް ގިނަކަން ފާހަގަ ކުރެވެއެވެ. މިއީ، ގައުމަށް ވަންނަ ބޭރުފައިސާ ގައުމުން ބޭރަށް ދާނެ ކަމެކެވެ."

 

2. ތާރީޚުން މިސާލު ނަގައިގެން ބުނެދިނުން

ކިޔުންތެރިޔާއަށް މައުޟޫޢު ތަޞައްވުރުކޮށް ދިނުމުގެ ގޮތުން އެކަމުގެ އަސްލު އައި ގޮތް، ނުވަތަ ފުރޮޅެމުން ބަދަލުވަމުން އައި ގޮތް ބުނެދިނުން

  • ސުރުޚީ: "ބިދޭސީ މަސައްކަތްތެރީން މި ގައުމުން މަދުކުރާން ޖެހެއެވެ."

"ނުވަދިހައިގެ އަހަރުތަކުގެ ކުރީން، ބިދޭސީ މަސައްކަތްތެރީންނަކީ ދިވެހީން ދަންނަ ބައެއް ނޫނެވެ. ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް ތަޢާރަފުވާން ފެށީ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އެ މީހުން ބެހި މަސައްކަތުގެ ބާރުވެރިކަން ދިވެހީންގެ އަތުން ނިގުޅައިގެންފިއެވެ. މިއަދު ދިވެހީންނަށް ކައިބޮއި ހެދޭން ވެސް އޮތީ އެމީހުން ދިން އެއްޗެކެވެ."

 

3. ތަފާސް ހިސާބުން ބުނެދިނުން

މައުޟޫޢުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުންނާއި އިތުބާރު ކުރުވުމުގެ ގޮތުން ފެކްޓް-ބޭސްޑް، ތަފާސް ހިސާބުން ބުނެދިނުން

  • ސުރުޚީ: "ބިދޭސީ މަސައްކަތްތެރީން މި ގައުމުން މަދުކުރާން ޖެހެއެވެ."

"އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވީ 9 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވީ 44،317އެވެ. މި މުއްދަތުގެ ތެރޭގައި 88،634 ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވެފައިވެއެވެ. ފިހާރައަކަށް ވަނަސް، ހޮޓަލަކަށް ވަނަސް، މާރުކޭޓަކަށް ދިޔަޔަސް އެ ތަންތަނުން ވެސް ފެންނަނީ ދިވެހީންގެ ބަދަލުގައި ބިދޭސީ މަސައްކަތްތެރީންނެވެ."

 

4. މައްސަލައިގެ މުހިންމުކަން ބުނެދިނުން

މައުޟޫގައި އޮތް މައްސަލައަކީ ނުވަތަ ކަމަކީ އިންސާފު ކުރުމަށް މުހިންމު ނުވަތަ އަގު ހުރި މައްސަލައެއް ނުވަތަ ކަމެއްކަން ބުނެދިނުން

  • ސުރުޚީ: "ބިދޭސީ މަސައްކަތްތެރީން މި ގައުމުން މަދުކުރާން ޖެހެއެވެ."

"މިއަދު މިގައުމުގައި ދިވެހީންގެ މައްޗަށް ބަސްބުނަނީ ބިދޭސީ މަސައްކަތްތެރީންނެވެ. ގައުމުގައި ހިނގާ މީހުންމެރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި ޖަރީމާތަކުގެ އަޑީގައި ވެސް ތިބެނީ އެ މީހުންނެވެ. ދިވެހީންގެ ކަނދުރާތައް ބިދޭސީ މަސައްކަތްތެރީން ހިތުހުރި ގޮތަކަށް ކޮށައި މަށާން ދޫކޮށްލުމުގެ ނަތީޖާއަކަށް ވީ މި ގައުމުގެ މިނިވަންކަމާއި ސިއާދަތަށް އޮތް ބޮޑު ނުރައްކަލަކަށް ބިދޭސީ މަސައްކަތެރީން ވުމެވެ."

 

5. ބަހުސްކުރާ ލިޔުމުގައި ތަފާތު ޚިޔާލު/ތައް ކުރުކޮށް ގެނެސް ދިނުން

  • ސުރުޚީ: "ބިދޭސީ މަސައްކަތްތެރީން މި ގައުމުން މަދުކުރާން ޖެހެއެވެ."

"ބިދޭސީ މަސައްކަތްތެރީން އިތުރުވުމަކީ ގައުމުގެ ތަރައްގީއަށް ހަލުވި ކަމެއް އަންނާނެ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަނެއް ބަޔަކު ދެކެނީ މިކަމުގެ ސަބަބުން، އިޖުތިމާއީ އިޤުތިޞާދީ މައްސަލަތައް ގައުމުގައި އިތުރުވެ ގައުމަށް  ލިބޭނީ ގެއްލުން ކަމަށެވެ."

 

މަތީގައި ގެނެސްދީފައި އެ ވަނީ ފަސްމަންޒަރު ގެނެސްދެވިދާނެ 5 ގޮތެކެއެވެ. ފަސްމަންޒަރު ލިޔާ އިރު މަތީގައި ވާ ކޮންމެ ވެސް، އެއް ގޮތެއް އިޚްތިޔާރު ކޮށްގެން އެ ގޮތަކަށް ލިޔުމަކީ އެދެވިގެންވާ ގޮތެވެ. ފަސްމަންޒަރުގެ ދިގު ކުރުމިން ބިނާވެފައި އޮންނަނީ ލިޔާ މައުޟޫއެއްގެ މައްޗަށެވެ. ކަމުގެ ތަޖުތިބާކާރުން ބޮޑަށް ބޮޑަށް އިރުޝާދު ދެއްވައިފައި ހުންނާތީ ފެންނަނީ ފަސްމަންޒަރު ދެތިން ޖުމްލައިން ބުނެދިނުމަށެވެ. މިއަށް ވުރެ ކުރު ނުކުރުމަށާއި އަދި ދިގު ނުކުރުމަށް އެ ބޭފުޅުން އިރުޝާދު ދެއްވައިފައި ހުރެއެވެ. މި ގޮތަށް އިރުޝާދު ދެއްވަނީ ފަސްމަންޒަރު މާ ބޮޑަށް ދިގު ވެއްޖެ ނަމަ ބޭކާރު ވާހަކަ ދެއްކިދާނެތީއެވެ. ހަމައެހެންމެ ފަސްމަންޒަރު މާ ކުރު ވެއްޖެ ނަމަ، ބުނާ އުޅޭ ވާހަކައަކީ ކޮބައިކަން ކިޔުންތެރިޔާއަށް ނޭނގި އޮޅުންބޮޅުން ވެދާނެތީއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!