ޤައުމީ ޓީމަށް ކުޅުމުގެ އުންމީދުގައި

އަރޫމާއަކީ މޮޅު ނެޓުބޯޅަ ކުޅުންތެރިއަކަށް ވެދާނެ ކަމަށް ޚުދު އޭނާ ވެސް ކުރިއަކުން ހިއެއް ނުކުރެއެވެ. ނަމަވެސް މީގެ ދެ އަހަރެއް ކުރީން ޖަލާލުއްދީން ސްކޫލުގައި އޮތް އިންޓަރ ހައުސް ނެޓުބޯޅަ މުބާރާތަށް ފަރިތަ ކުރަމުގެ ތެރެއިން އަރޫމާގެ ހިތް ނެޓުބޯޅައަށް ގޮސް ހުސްވިއެވެ. މި މުބަރާތް ކުޅެމުންދިޔަ އިރު ކޯޗާއި މުދައްރިސުންގެ ލޮލުގެ އަމާޒުފަތްގަނޑަކަށްވީ އަރޫމާއެވެ. އެފަހަރު ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް އަރޫމާގެ ހުނަރު މައިންބަފައިންނަށް ވެސް ފާހަގަވެ، އެކެޑަމީއަކަށް ވައްދާ ތަމްރީނުތައް ދޭންފެށިއެވެ.

މިދިޔަ ހަފުތާގައި ޖަލާލުއްދީނު ސްކޫލުގައި ނިމިދިޔަ "ސީނިއަރ އިންޓަރ ހައުސް ނެޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، އެއްވެސް މެޗަކުން ބަލިނުވެ، އެމަރަލްޑް ހައުސް ހޯދުމުގެ މައި ތަނބަކަށްވީ އަރޫމާއެވެ. އެ މުބާރާތުގައި ބެލުންތެރިން ހައިރާން ކުރުވަނިވި މޮޅު ކުޅުމެއް ދައްކާ އަނޫމާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

އަބަދު ވެސް، އުފާވެރި މޫނަކާ އެކު ފެންނަ އަރޫމާގެ އެކުވެރީން ސިފަކުރާ ގޮތުގައި އަރޫމާއަކީ، ހުރިހާ ކުދީންނާ ވެސް ގުޅޭ، ހިތްހެޔޮ، އޯގާތެރި، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކުރިއަށްދިއުމަށް ވަކި ދާއިރާއެއް އަދި ކަނޑައަޅައިފައި ނުވި ނަމަވެސް، ގައުމީ ޓީމަށް ކުޅުމާއި އޯލެވެލްގެ ގަދަ 10ގައި ހިމެނުމަކީ އަރޫމާ  ދެކަމުން އަންނަ ހުވަފެނެކެވެ. އެ އަމާޒަށް ވާސިލުވުމަށް އަރޫމާދަނީ ހިތްވަރާ އެކު މަސައްކަތް ކުރަމުންނެވެ.

ނެޓުބޯޅައިގައި އަރޫމާއަކީ އަރަމުން އަންނަ ތަރިއެކެވެ. ޖަލާލުއްދީނު ސްކޫލުން ވިދާލި މި ތަރި މާދަމާ ފެންނާނީ ގައުމީ ޓިމުންކަމަށް ބަލަމާ ހިނގާށެވެ.

އެހެން ކުދީންނަށް އަރޫނާ ދޭ ނަސޭހަތަކީ ޢަޒުމާ އެކު ކަންކަމާ ކުރިތި ލުމަށެވެ. މާޔޫސްނުވެ ކުރިއަށް ދިއުމަށެވެ. ގަޑިއަށް ޕްރެކްޓިސަށް ދިއުމަށާއި މުދައްރިސުންނާއި ކޯޗުންދެއްވާ އިރުޝާދު ރަނގަޅަށް އަޑުއަހާ އެގޮތަށް އަމަލު ކުރުމަށެވެ. އަނޫމާ ދެކޭ ގޮތުގައި ކާމިޔާބީގެ ތަޅުދަނޑިއަކީ އެއީއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!