މުލަކު ސްކޫލުގެ ބަޠަލުންގެ ކާނިވާ: ހިތުގެ އެންމެ ހިމަ ނާރާ ކުޅެލައިފި

މިދިޔަ ބުރާސްފަތި ދުވަހަކީ މުލަކު ސްކޫލުގެ ދަރިވަރުންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ޚާއްޞަކޮށް ކީ ސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. އެ ދުވަހު ހަވީރު ކުރިއަށްދިޔަ ބަޠަލުންގެ ކާނިވަލަށްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ކާނިވަލުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުރި ގޮތާއި ދެވުނު މަޢުލޫމާތުގެ ފުރިހަކަމާއި، މަޢުލޫމާތުތައް ހުށަހަޅައިދެވުނު ގޮތުން، ކާނިވަލަށްދިޔަ ބެލުންތެރީންގެ ލޭ ކައްކުވައި، ހިތާއި ފިތާ ކުޅެލިއެވެ.

މ. މުލަކު ސްކޫލުން، މި ކާނިވާ އިންތިޒާމު ކުރީ، ދިވެހި މާއްދާއާއި، ގައުމިއްޔަތު މާއްދާއާއި، އިޖުތިމާޢީ ޢިލްމު މާއްދާގެ، އައުޓުކަމްތައް ހާސިލުވާ ގޮތަށް ކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއްވިއެވެ. މިކާނިވަލުގައި ދިވެހި ގައުމުގެ އެކިއެކި ބަޠަލުންނާއި އަދީބުންނާ ބޭހޭ މަޢުލޫމާތު، ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް ދިނީ ދަރިވަރުންނެވެ.

"މުދައްރިސުން، ދަރިވަރުންނަށް މަގުދައްކައިދިނީ. ހުރިހާ ކަމެއް ވެސް ކުރީ ދަރިވަރުން. އެކުދިންގެ ހުނަރު ފެންނާނީ. : ލީޑިންގ ޓީޗަރ

ކީ ސްޓޭޖު 2ގެ ލީޑިންގ ޓީޗަރ ޢާއިޝަތު ރަޝީދާ މަޢުލޫމާތު ދެއްވި ގޮތުގައި ކާނިވަލުގެ ކަންކަމާއި ކޭމާއި ކުދިން ތައްޔާރުކޮށް ދިނުމުގައި ބެލެނިވެރީންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ކާމިޔާބު ކާނިވަލަކަށް މި ކާނިވާ ވުމުގެ ސިއްރަކީ ބެލެނިވެރީންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުކަން ޢާއިޝަތު ރަޝީދާ ފާހަގަ ކުރެއްވިއެވެ.

ބަޠަލުންގެ ކާނިވާ ކުރިއަށްދިޔައީ، މުލަކު، ޗާނދަނީ މަގުގެ އުތުރުކޮޅު ނިމޭ ހިސާބުގައެވެ. އެ ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ޖަގަހަތައް ހުރީ ދިވެހިވަންތަ ގޮތަކަށެވެ. ދަރިވަރުން އަޅައިގެން ތިބީ ދިވެހިވަންތަ ހެދުމެވެ. ކޮންމެ ޖަގަހައެއްގެ ބޭރުގައި ޖަގަހަ ނިސްބަތްވާ ބަޠަލުގެ ނަން ޖަހައިފައި އޮތެވެ.

ޗާނދަނީ މަގުން އަތިރިމައްޗަށް އަންނަ އިރު ފުރަތަމަ ބައްދަލުވަނީ އުސްތާޛުލް ޖީލު މުޙައްމަދު ޖަމީލާއެވެ. ދެން އިބްރަހީމް ޝިހާބާއެވެ. އޭގެފަހުން މުޙައްމަދު ތަކުރުފާނާއެވެ. ދެން ދޮންބަންޑާރައިންނާއެވެ. އެއަށްފަހު އިބްރާހީމް ނާސިރާއެވެ. ނާސިރާ ޖެހިގެން ޢަލީ ރަސްގެފާނެވެ. އެއަށްފަހު ނައިބުތުއްތުއެވެ. އެންމެ އަތިރިއަށް ޝަހީދު ޙުސެއިން އާދަމެވެ.

ޗާނދަނީމަގު އަތިރިމައްޗަށް ނިމޭ ހިސާބުގައި ހުރީ އިސްޓޭޖެވެ. ދަރިވަރުންގެ ތަފާތު ހަރަކާތްތަކާއި ހުށަހެޅުންތައް ކުރިއަށްދިޔައީ މި އިސްޓޭޖުގައެވެ.

ބަޠަލުންގެ ކާނިވަލުން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ ދަރިވަރުންގެ ހިތްތަކުގައި މިކަމަށް އޮތް ލޯތްބެވެ. މިކަން ކުރުމަށް ދަރިވަރުން ޝައުޤުވެރިވީ މިންވަރެވެ. އެކަމަށް ޓަކައި އެ ކުދީން ކުރި މަސައްކަތެވެ. ހޯދި މަޢުލޫމާތެވެ. ވީ ތައްޔާރީއެވެ. ދެއްކި ހުނަރެވެ. އެކުދީންގެ މިހުނަރުން ހިތްތައް ގުޑުވާ ފިތްތަކާ ކުޅެލައިފިއެވެ. ނިތްތައް އަލިކޮށްލައިފިއެވެ. މިއީ ސާބަސް ދޭން ޖެހޭ ތަޢުރީފު ޙައްޤު މަސައްކަތެކެވެ.

ބަޠަލުންގެ ކާނިވަލުގެ މަލާފަތް، ބައިވެރިން ގޮވައިގެން ދިޔައީ މާޒީއަށެވެ. ކާބަފައިގެންގެ ޒަމާނަށެވެ. އެ މަލާފަތުން ދިވެހި ރަހަތައް ލިބުނެވެ. ބަތާއި ދޮންކޭލެވެ. ކުޅި ރޮށިގަނޑާއި ކަނަމަދު ރޮށިގަނޑެވެ. ބިސްކަނޑެވެ. ހަނޑުލު ބޮޑިބަތާއި ރޯސްކުރި ކުކުޅާއި ހަނާކުރި ކުކުޅެވެ. ހިކިމަހު ރިހައާއި ރޯމަހު ރިހައެވެ. ލުބޯހުތު ފަންޏާއި މިނޫން ތަފާތު ފަނިތަކެވެ. އެކި ކޭންތަކުގައި އެކިއެކި ބާވަތްތަކެވެ. އެކަމަކު އެއް ރަހައެކެވެ. އެއް އަސަރެކެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!