"އޯވާރ ކޮންފިޑެންޓް" ކުދިންނާ ޑީލްކުރެވިދާނެ ދެތިން ގޮތެއް

އިހަކަށް ދުވަހު ޔޫޓިއުބު ޝޯޓްސްއަކުން ފެނުނު ކުރު ވީޑިއޯއެކެވެ. މުދައްރިސު ކުލާހުގައި ކުރާ ހުރިހާ ސުވާލަކަށް އެއްކުއްޖަކު ޖަވާބު ދެނީއެވެ. އަތް މައްޗަށް ނަގައި ހުއްދަ ހޯދުމަށްފަހު ޖަވާބު ދިނުމަށް ބުނުމުން ވެސް އެ ދަރިވަރު ވަރަށް ފަޚުރުވެރިކަމާ އެކު ބުނެއެވެ. އަހަރެންނަށް އެނގެންޏާ ޖަވާބު ނުދޭންވީ ކީއްވެ ހެއްޔެވެ؟ އެ ދަރިވަރުގެ "އެޓިޓިއުޑް" ހުރީ އެހެން ކުދިންނަކީ އެއްވެސް އެއްޗެއް ނޭނގޭ މާ ދަށްފަންތީގެ ކުދިންކަމުގައި ދައްކައި ތިމާގެ މޮޅުކަން ދައްކާ ބީދައިންނެވެ. އޭނާގެ ބެލެނެވެރިޔާ ވެސް ހަމަ އެފަދައެވެ. މިފަދަ ދަރިވަރުންނާ "ޑީލް" ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

މި ވީޑިއޯ، އެއްފެނި އެ ކަން ސިކުނޑިން ނުދަނީސް، ދިމާވި އެކުވެރި އަކު ކިޔައިދިން ވާހަކައެވެ. ތިންމަންނާއާ އެކު އުޅޭ އެހެން މުދައްރިސަކު އޭނާގެ ކުލާހުގައި އުޅޭ ކުއްޖަކާ ދިމާއަށް މާ ހިތުގައި ޖެހޭހެން ބައެއް އެއްޗެއްހި ބުނާތީ ބެލެނެވެރި އަކު އޭނާ ގާތުގައި ކުރި ޝަކުވާއެއްގެ ވާހަކައެވެ. އެ ދަރިވަރާ ދިމާއަށް މުދައްރިސު ބުނިކަމަށް ވަނީ "މާ އޯވަރ ސްމާޓު" ވެގެން އުޅޭ ވާހަކައެވެ. އެއްވެސް ކަހަލަ އުޅުމެއް ނުހުންނަ ވާހަކައެވެ. ފޮނި ދައްކަން އުޅޭ ވާހަކައެވެ. ނުވިތާކަށް ކޮޅަށް ހުންނަ ގޮތް އަދި އިށީދެގެން އިންނަ ގޮތާއި މުދައްރިސު ބެހި ހިތުގައި ޖެހޭ ހެން ކޮމެންޓް ކުރާ ވާހަކައެވެ. ބެލެނިވެރިޔާ ގާތު ކުއްޖާ މި ޝަކުވާ ކުރުމުން ބެލެނެވެރިޔާ މިކަމާ ގުޅިގެން ހަދާނެ ގޮތް ނޭނގި އޭނާގެ ލަފަޔަށް އެހިކަމަށާއި ބެލެނެވެރިޔާ އެންމެ ބިރު ގަންނަނީ އެއްޗެއް ބުނާތަނުން އޭނާގެ ދަރިފުޅާ މެދު މުދައްރިސު ނުރުހި ތަފާތުކޮށް ބާކީ ކޮށްފާނެތީ ކަމަށް ބުނި ވާހަކައެވެ.

ކަންވީ ގޮތް ސާފުކުރި އިރު، މިވީ ގޮތަކީ މި ކުއްޖަކު ކުލާހުގައި ގޮނޑީގައި ވެސް އިންނަނީކީ ނޫނެވެ. އޮންނަނީއެވެ. ފާޑަކަށް ދެމިގެން ކަހަލަ ގޮތަކަށެވެ. އެހެންކުދިންގެ ކުރިމަތީގައި ދެޖީބަށް އަތް ޖަހައިގެން ނިކަން ބޮޑު މީހަކަށް ހެދިގެން އުޅޭ އިރު، އަދި ވީ 11 އަހަރެވެ. ލިޔެފައި ހުންނަ އެއްޗެހި އޮޅުންބޮޅުންގަނޑެންހެން އަކުރުވަކިނުކޮށް ލިޔާ އިރު ޓެސްޓެއް އަޔަސް މާކަ ޝައުޤުވެރިކަމާ އެކު އެކަން ކުރާތަނެއް ނުފެނެއެވެ. އެހެނަސް ބޭނުންވަނީ އެންމެ މަތިން މާކްސް ހޯދާށެވެ. އެއީ ރަނގަޅަށް މަސައްކަތްކޮށްފި ނަމަ، ރަނގަޅު ނަތީޖާ ހޯދޭނެ މޮޅު ކުއްޖެކެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ނިކަން ކުޅަދާނަ ކުއްޖެކެވެ. މިއީ މި އުމުރުގައި އާދަޔާ ޚިލާފަށް ހުނަރުވެރި މޮޅެތި ކުދިންގެ ކިބައިން ބައެއް ފަހަރު ފެންނަ ކަންކަމެވެ.

ކުދިންގެ ކިބައިގައި ހުންނަ މިފަދަ ކަންކަން ރަނގަޅުކުރުމަށް މުދައްރިސުން ބޭނުންވުމުން އެ ދަރިވަރުންގެ އަޚްލާޤާއި އުޅުމާއި ގުޅުން ރަނގަޅު ކުރުމަށް ނަސޭހަތްދީ ގޮތް ފާޑުކިޔާ ދުނިޔަވީ މިސާލުދައްކާ ހަދައެވެ. އެއީ އަބަދުވެސް މުދައްރިސުން ކުރާ ކަމެކެވެ. ނަމަވެސް ފުރާވަރު އުމުރުފުރައިގެ ކުދިންނަށް ނަސޭހަތް ދިނުމުގައި ބައެއްކަހަލަ އުކުޅުތައް ބޭނުން ނުކޮށްފި ނަމަ މުދައްރިސުގެ ރަނގަޅު ނިޔަތާ މެދު ސުވާލު އުފައްދައި ގިނަފަހަރު ނުރުހުމުގެ އިނގިލި ދިއްކުރެވޭތަން އަތުވެދާނެއެވެ.

ތިރީގައި އެ ވަނީ ފުރާވަރު އުމުރުގެ ކުދިންނާ މުޢާމަލާތް ކުރުމުގައި ސަމާލުކަން ދެވިދާނެ ބައެއް ކަންކަމެވެ. 

  1. ކުދިންނާ ދިމާއަށް "އޯވަރ ކޮންފިޑެންޓް" ވީމާ ވީގޮތޭ ނުބުނާށެވެ! ނޫނީ "ފަރުވާ ކުޑަވީމަ" ވީ ގޮތޭ ވެސް ނުބުނާށެވެ! މިހެން ބުނުމުން ކުދިން ނިކަން ފޫހިވާގޮތްވެއެވެ. އަދި އުންމީދު ގެއްލެއެވެ. އޭނގެ ބަދަލުގައި ދަރިވަރު މަސައްކަތް ނުކުރާ ނަމަ އަދި "ކުޑަކުޑަކޮށް އިތުރަށް މަސައްކަތް ކޮށްލިނަމަ، މާ މަތިން މާކްސްލިބުނީސް" ނުވަތަ "ވަރަށް މޮޅުކުއްޖެއްކަން ބުނުމަށް ފަހު ދަށްކޮށް ލިބުނީ ކީއްވެކަން ކުއްޖާ ގާތުގައި އަހާށެވެ! މޮޅެތިކުދިން ވެސް ބައެއް ފަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެކަން ހަނދާންކޮށްދޭށެވެ!
  2. ކުލާހުގައި އުޅޭ ކުދިންގެ ތެރެއިން އަޚްލާޤީ އެއްވެސް މައްސަލައެއް ހުރި ކުއްޖަކު ފާހަގަކުރެވޭ ނަމަ އެކުއްޖާ އެހެން އެ އުޅޭ ސަބަބު ދެނެގަނެވޭތޯ މަސައްކަތްކުރާށެވެ! ބައެއް ކުދިން އެހެން އުޅެނީ ސިއްހީ މައްސަލައަކާހުރެ ކަމަށް ވެދާނެއެވެ. ނުވަތަ ގޭތެރެއިން ލިބެން ބޭނުންވާ ސަމާލުކަމާއި ލޯބި ނުލިބޭތީ ކަމަށް ވެސް، ވެދާނެއެވެ.
  3. ކޮންމެ ހަފުތާއަކު ވެސް ކޮންމެވެސް އެއް ގަނޑި ފެށުމުގެ ހަރަކާތެއްގެ ގޮތުން އަޚްލާޤީ ރީތި ސިފަތަކާ ގުޅޭ 5-10 އަށްވުރެ ދިގު ނޫން ވަގުތުކޮޅެއް ހޭދަކުރާށެވެ! މިއީ ކުލާހުގައި ދިމާވާކަންކަމާއި އަދި އެ އުމުރު ފުރައިގެ ކުދިންގެ ތެރޭގައި ދިމާވާ ކަންކަމާ ގުޅޭ މަޝްވަރާ ގަޑީގެ ގޮތުގައި ހެދިދާނެއެވެ. މިސާލަކަށް:
      • ގޮނޑީގައި ރީތިކޮށް ނުއިނދެވޭ ނަމަ، ގޮނޑީގައި އިށީދެގެން އިންނަ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެއެވެ. މިގޮތުން މުދައްރިސު ގޮނޑީގައި "ލޭޒީ" ކޮށް އޮތުމުން ދަރިވަރުންނަށް އިޙްސާސުކުރެވޭ ގޮތާއި އެހެން މީހުން ދެކޭނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެއެވެ. ވަކި ކުއްޖަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަމެއްގެގޮތުގައި އިޙްސާސް ނުވާހެން މި ހަރަކާތް ކުރިއަށް ގެންދެވިދާނެއެވެ. މި އުމުރުގެ ކުދިން މިކަހަލަ ކަންކަމުން ދަސްކުރާ މިންވަރު އިތުރުކަން ދިރާސާތަކުން ވެސް ފާހަގަކުރެވިފައިވެއެވެ.
      • ޔުނީފޯމުގައި ހުންނައިރު ޢަމަލު ރަނގަޅަށް ނުބެހެއްޓޭ ނަމަ، މުދައްރިސަށް ފާހަގަކުރެވޭ ކަންކަމާގުޅޭ ތަސްވީރުތައް މިސާލަކަށް ބޯ ދިގުކޮށްފައި ހުރި ފިރިހެން ކުއްޖެއްގެ ފޮޓޯ، ގައިން ވަސްދުވާ ކުއްޖެއްގެ ފޮޓޯ، ޖީބަށް އަތްޖަހައިގެން ބޫޓުގެ އެއްބަޔަށް އަރައިގެން ހުރި ކުއްޖެއްގެ ފޮޓޯ، ކުލާހަށް ގެނެސް ކުލާހުގެ ބޯޑުގައި ހިއްޕާށެވެ. އެއަށްފަހު އެ ފޮޓޯތަކާ ގުޅޭ ކުޑަ ގްރޫޕް މަޝްވަރާއެއް ގެންދާށެވެ. 2-3 މިނެޓުގެއެވެ. އެއަށް ފަހު ކުދިން ދެކޭ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރާށެވެ. އަދި މުދައްރިސަށް ފެންނަ ގޮތް ވެސް ބުނެދޭށެވެ. މަޖާޒީކޮށް ގެންދިއުމުން ކުދިން ބަލައިގަންނާނެއެވެ.
  1. އެއްވެސް ގޮތަކަށް "ކަލޭ" މިލަފުޒު ބޭނުން ނުކުރުރާށެވެ! މިއީ ދަރިވަރުންނަށް އެއްވެސް އިޙްތިރާމެއް ނުކުރާކަން ދަރިވަރުންނަށް އިޙްސާސްކުރުވާ ކަމެއްކަމަށް މި އުމުރުގެ ގިނަކުދިން ޤަބޫލުކުރެއެވެ.
  2. ވިސްނުމާއި ފިކުރުކުރުމަކީ ހުރިހާ ކުދިންނަށް އެއްވަރަށް ލިބޭ ކަންކަންނޫންކަން މުދައްރިސު ޤަބޫލުކުރުމާ އެކު ކިޔެވުމުގައި އެހެން ކުދިންނާ އަރާ ހަމަނުކުރެވޭ ކުދިންނާ މުޢާމަލާތްކުރުމުގައި އަބަދު ވެސް "ވަން އެޓަ ޓައިމް" ކޮންސެޕްޓް ބޭނުންކުރާށެވެ. އަދި އަބަދު ވެސް ކުއްޖާ ހާސިލްކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އިތުރަށް މަޑުމަޑުން ކުރިއަށްދާން ބާރުއަޅާށެވެ. ހަދާނުގައި ބަހައްޓަންވީ އުނގެނުމުގައި ދަތިކަމެއް ހުއްޓަސް މާދަމާ މި ކުއްޖާއަކީ މުޖުތަމަޢުގައި އުޅޭވޭ އަދި މުޖުތަމަޢުއަށް ބޭނުންތެރި ކުއްޖަކަށް ހެދިދާނެކަމެވެ.
  3. އާދަޔާޚިލާފަށް ކުއްޖާގެ އުޅުން ގޯސް ނަމަ، އެ ކުދިންނާ މުޢާމަލާތް ކުރުމުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރާށެވެ. އަޅައިލުމާއި ލޯބި ލިބުމުން ކުދިންގެ ސިކުޑިތަކާއި ކުޅެލެވޭނެއެވެ. ނުރުހުމާއި ހަރުކަށިކަމާއި މަލާމާތުގެ ބަދަލުގައި އެކުވެރިކަމާއި މަޖާ "ފަން" ގޮތްގޮތް އިޚްތިޔާރުކުރާށެވެ.

މިކަމުގައި ވެސް، އަޅުގަނޑުގެ ތަޖުރިބާއިން ކަމެއް ހިއްސާކޮށްލާނަމެވެ. އަޅުގަނޑު އުޅުނީ ގްރޭޑް 9 ގައެވެ. ސްކޫލުގެ ތެރޭގައި ހިނގެނީ ބޫޓް ދަމަމުންނެވެ. ގަސްތުގައެއް ނޫނެވެ. އެހެން ހިނގެނީ ކީއްވެކަމެއް ނޭނގެއެވެ. މިހެން ހިނގައިފައި ފެން ބޯން ދަނިކޮށް އެހެން ކުލާހެއްގައި ކިޔަވައިދޭން ހުރި އަޅުގަނޑުގެ ދިވެހި މުދައްރިސަށް މިތަން ފެނި އަޅުގަނޑަށް ގޮވާ ގެންގޮސްފިއެވެ. ދެން މުދައްރިސުގެ ދެފައި ދަމައި ކުލާހުގައި ހިނގައިފައި އިވެނީ ކޮން އަޑެއްތޯއާއި ފެނުނީ ކޮންއެއްޗެއްތޯ ސުވާލު ކުރެއްވިއެވެ. ދެން އަޅުގަނޑަށް ހެވުނީއެވެ. އެކުލާހުގައި ތިބި އެކުވެރިން ވެސް ހީ ހެދިއެވެ. ދެން ބުނުއްވިއެވެ. އެމް.އީ.އެސް އަންހެން ކުދިން ދެފައި ދަމަމުން ހިނގަނީ ކީއްވެކަން މުދައްރިސަކަށް ނުވިސްނެއެވެ. ނަމަވެސް އަޅުގަނޑަށް އެވީ ގޮތް އެނގި ހިނގާ އިރު އެކަމާ ވިސްނެއެވެ. އަދި ވީ ވަރަކުން ނަފްސުވެސް އިސްލާހުކުރީމެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!