އެއީ، ޙަރަކާތްތެރި ހިންގުންތެރި ހުނަރުވެރި ގާބިލު ދަރިވަރެކެވެ. މޮޅު ހުށަހެޅުންތެރިއެކެވެ. ދަރިވަރުންނާ ގުޅޭ، ދަރިވަރުންނަށް އެހީތެރިވާ އަޚުލާޤު ރަނގަޅު ނަމޫނާ ދަރިވަރެކެވެ. މި ތަޢުރީފުން ހުނިޖަހައިލައިފައި ނެނގޭނެ މަދު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ހިރިޔާ ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ، އެ ސްކޫލުގެ ސްކޫލު ކެޕްޓަން ޔަޢީޝް އިބްރާހީމް މުޙައްމަދެވެ. ޔަޢީޝްއަކީ ނިއުމާ ޙުސެއިންއާއި އިބްރާހީމް މުޙައްމަދަށް ލިބުނު ތިން ކުދީންގެ ތެރެއިން ދެވަނަ ދަރިފުޅެވެ.
ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ނަޢީމާ ޔަޢީޝް، ސިފަކުރައްވަނީ ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ.
ޔަޢީޝްއަކީ ހުރިހާ ގޮތަކުންވެސް ނަމޫނާ ދަރިވަރެއް. ކިޔެވުން، އަޚުލާޤު، އިތުރު ޙަރަކާތް، އެހެންކުދީންނަށް އެހީވުން، ކަންކަމުގައި އިސްނެގުން، މިހެންގޮސް ކޮންމެ ކަމަކަށް ބެލި ނަމަވެސް އެއީ ހަމަ ނަމޫނާ ދަރިވަރެއް: ޕްރިންސިޕަލް ނަޢީމާ
ޔަޢީޝްގެ މަންމަ ބުނުއްވި ގޮތުގައި ފަށާތަޢުލީމުގެ މަރުހަލާގައި ވެސް، ސްކޫލުގެ ޓީޗަރުންގެ ލޮލުގައި ޔަޢީޝްއަޅައިގަތެވެ.
އަޅުގަނޑު ގާތުގައި ޓީޗަރުން ވެސް ސްކޫލުގެ އިސްބޭފުޅުން ވެސް ބުނުއްވާނެ. ޔަޢީޝްއަކީ ވަރަށް ގާބިލު ކުއްޖެކޭ. އެ ބޭފުޅުންގެ ފޮނި ހުވަފެނީ ދަރިވަރެކޭ ޔަޢީޝްއަކީ: ޔަޢީޝްގެ މަންމަ
ޔަޢީޝް ކިޔަދިން ގޮތުގައި ސްކޫލުގެ އެންމެ މަތީ ހަރުފަތަށް ދިއުމަށް ޔަޢީޝްގެ ހިތުގައި ވިންދު ޖެހުވި ކަމަކަށްވީ، އޭނާގެ ދޮންބެ، ހިރިޔާ ސްކޫލުގެ ކަރަންކާ ހައުސްގެ ގޭމުސް ކެޕްޓަނަކަށްވީ ދުވަހެވެ. އޭރު ޔައިޝް ކިޔަވަނީ ގްރޭޑް 6ގައެވެ. އެ ދުވަހު ސްކޫލުން އައިސް އެ ވާހަކަ ޔަޢީޝް އޭނާގެ މަންމައާއި ބައްޕައާ ހިއްސާ ކުރިއެވެ. އެ ދެމަފިރީން ޔަޢީޝްއަށް މަގުކޮށައިދެއްވައި މަގުދައްކައިދެއްވައި ހިތްވަރު ދެއްވިއެވެ. ނަތީޖާއަކަށްވީ ސްކޫލު ކެޕްޓަނަކަށްވުމަށް، ސްކޫލުގެ އިރުން ހުޅަނގަށް، އުތުރުން ދެކުނަށް، ތިރިން މައްޗަށް ޔަޢީޝްގެ ކަޅި ހިންގުމެވެ. ފޮޓޯއެއް ނެތި ވެސް، ޔަޢީޝްގެ ނަމަކީ ދަރިވަރުންނަށް "ފޮޓޯ"އަކަށް ހެދުމެވެ.
ސްކޫލު ކެޕްޓަންކަމަކީ އެތައް ހަރުފަތެއް ގިރާކޮށްގެން ކުންނަށް ވާސިލުވެވޭ ކަމެކެވެ. ކިޔެވުގެ ބައިން 40 އިންސައްތައެވެ. އިތުރު ޙަރަކާތްތަކުގެ ބައިން 30 އިންސައްތައެވެ. އަޚުލާޤުގެ ބަޔަށް 10 އިންސައްތައެވެ. ޙާޟިރީއަށް 5 އިންސައްތައެވެ. ދަރިވަރުންގެ ވޯޓުގެ ބަޔަށް 15 އިންސައްތައެވެ. މި ހުރިހާ ބަޔަކުން ވެސް ރަނގަޅު ނަތީޖާއެއް ހޯދައިގެން މެނުވީ ކެޕްޓަންކަމަށް ވާސިލު ނުވެވޭނެކަން ޔަޢީޝްއަށް ރަނގަޅަށް އެނގެއެވެ.

ގްރޭޑް 6ގައި ކިޔަވަމުން، ޔަޢީޝްގެ ކެޕްޓަންކަމުގެ އުންމީދީ ދަތުރު، މޯހިރަށް ބެލުމެއްނެތި ފެށިއެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމެވެ. ކަންކަމުގައި އިސްނަގައިގެން އުޅުމެވެ. ކިޔެވުމުން ރަނގަޅު ނަތީޖާ ހޯދުމެވެ. އަޚުލާޤު ރަނގަޅު، އެހެންކުދީންނާގުޅޭ، ނަމޫނާ ދަރިވަރެއްގެ އޮލަނބުން ކަޝިޔާރުނުވުމެވެ. އޭގެ ނަތީޖާ ކިތަންމެހައިވެސް ފޮންޏެވެ. ގްރޭޑް 9، ޔަޢީޝް ނިންމާލީ ކީހާޅެން ފަރިއްސަށްނުވެ، ސްކޫލުގެ ޑެޕިއުޓީ ސްކޫލު ކެޕްޓަންކަމުގެ މަޤާމު އަދާކުރުމާއެކުގައެވެ.
ޔަޢީޝްއަކީ ކިޔެވުމަށް މޮޅު، ސްކޫލުގެ އިތުރު ހަރަކާތްތަކަށް ހީވާގި ދަރިވަރެކެވެ. ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް، ޔަޢީޝްވަނީ ރަން ވަނަތައް ހޯދައިފައެވެ. ގިނަ މާއްދާތަކުން 90 އިން މަތި ހޯދާ މަދު ދަރިވަރުންގެ ތެރޭގައި ޔަޢީޝް ހިމެނެއެވެ. ކޮމަންވެލްތު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެ ބްރޯޒް މެޑެލް ހޯދިއެވެ. ކިޔެވުމުގެ އިތުރުން ކުޅިވަރުގައި ވެސް ޔަޢީސްއަކީ މޮޅު ތަރިއެކެވެ. އިންޓަރ ކްލާސް ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ގަދަ ފަސް ކުޅުންތެރީންގެ ތެރޭގައި ޔަޢީސް ހިމެނުނެވެ. ޔުނީފޯމު ޙަރަކާތްތަކުގެ ތެރެއިން ޔާޢީޝް ޝައުޤުވެރިވަނީ ސްކައުޓަށެވެ. އެއީ، ސީނިއަރ ޕެޓްރޯލް ލީޑަރެކެވެ. ހިރިޔާގެ ތާރީޚުގައި ސްކައުޓުގެ ގްރީން ކޯޑް އެންމެ ފުރަތަމަ ލިބުނު ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ޔަޢީޝްއެވެ.

ސްކޫލަށް ރީތިނަން ހޯދައިދެވޭތޯ، އަބަދުވެސް ޔަޢީޝް މަސައްކަތް ކުރެއެވެ. ކޮންމެ ޙަރަކާތެއްގައި ވިޔަސް ބައިވެރިވެ ރަން ވަނަ ސްކޫލަށް ގެނެވޭތޯ ބަލައެވެ. މިއަދު ސްކޫލުގެ ކެޕްޓަންކަމުގެ ބުރަ ޒިންމާއާ ހަވާލުވެގެން ވެސް، އޭނާގެ އުންމީދަކީ ދަރިވަރުންނަށް ގިނަ ހަރަކާތްތައް ހިންގައި ދިނުމެވެ. ތަޢުލީމީ ގޮތުންނާއި އެހެނިހެން ރޮނގުތަކުން ދަރިވަރުންގެ ހުނަރު ތަރައްގީ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ޔަޢީޝްގެ ދުވަހީ ތާވަލަށް ބަލާ އިރު ސްކޫލުގައި ވަރަށް ގިނަވަގުތު ހޭދަ ކުރެއެވެ. ސްކޫލު ކެޕްޓަނެއްގެ މަސްއޫލިއްޔަތު އަދާ ކުރަމުން ވެސް، އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކިޔަވާށެވެ. ހަމައެކަނި ކިޔެވުމަކަށް ނޫނެވެ. މަންމައާއި ބައްޕައަށް އަދި ކޮއްކޮއަށް އެހީތެރިވުމަކީ ވެސް ޔަޢީޝްގެ އުފަލެކެވެ. އެކަން ކުރުމަށް އޭނާ ވަގުތު ހުސްކުރެއެވެ. ތާވަލު ހަދައިގެންނެވެ. ޔަޢީޝްއަކީ ހުރިހާ ދަރިވަރުންނާ ވެސް ގުޅޭ، ދަރިވަރުންނަށް އެހީތެރިވާ ކުއްޖެކެވެ.
ދަރިވަރުންގެ ކުރިއެރުމަށް ވަރަށް އެހީތެރިވާނެ. ހުރިހާ ކުދީންގެ ޚިޔާލު ކަންކަމުގައި ހޯދާނެ. އަޚުލާޤުވަރަށް ރަނގަޅުވާނެ. ވަރަށް ހަރަކާތެރިވާނެ. ޙަޤީޤީ މާނައިގައި ޔަޢީޝްއަކީ ކެޕްޓަނެއް: ދަރިވަރު ހައިރުﷲ
ހުރިހާ ދަރިވަރުންނާ ގުޅޭ، ހިންގުންތެރި މި ދަރިވަރު މާދަމާއަށް ޓަކައި ދެކޭ، އެންމެ ކައިރީގައިވާ ހުވަފެނަކީ، ﷲގެ ހެޔޮރަޙުމަތްފުޅާ އެކު އޯލެވެލް ނަތީޖާއިން މުޅި ސްކޫލު ފަޚްރިވެރިވާ ފަދަ ރަން ވަނައެއް ހޯދުމެވެ. ހަމައެކަނި ޔަޢީޝްއެއް ނޫނެވެ. ހުރިހާ ދަރިވަރުން ޝާމިލުވާ ގޮތުގައެވެ.
advertisment
advertisment
advertisment