ނ. އަތޮޅު މަދަރުސާގެ މަދަހަ މުބާރާތް މިއަދު މެންދުރުފަހު ފަށައިފި

ނ. އަތޮޅު މަދަރުސާގެ މަދަހަ މުބާރާތް މިއަދު މެންދުރުފަހު ދޭ ޖެހި އިރު އެ ސްކޫލުގައި ފަށައިފިއެވެ.

އެ ސްކޫލުން މައުލޫމާތުދެއްވި ގޮތުގައި މި މުބާރާތް ކުރިއަށްދާނީ މިއަދާއި ހޮނިހުރު ދުވަހުއެވެ. ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށްވާތީ، އެ ދުވަހު މުބާރާތުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަވާނެ ކަމަށް ޕްރިންސިޕަލް ޢަބްދުﷲ ޢީސާ ވިދާޅުވިއެވެ.

ނ. އަތޮޅު މަދަރުސާއިން މަދަހަ މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދަރިވަރުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނުވެރިކަން ކުރިއަރުވުމުގެ އިތުރުން އެ ސްކޫލުގެ ދަރިވަރުންގެ މެދުގައި މަދަހައަށް ލޯބިޖެއްސުންކަމަށް ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ޢީސާ ވިދާޅުވިއެވެ. ޕްރިންސިޕަލް ވިދާޅުވީ މި ފަދަ މުބާރާތްތަކުގެ ސަބަބުން ދީނީ އަދި އަދަބިއްޔާތަށް ދަރިވަރުން ލޯބިޖެހުމާ އެކު އަމިއްލައަށް އިސްނެގުމާއި ކެރުންތެރިކަން ކުދީންގެ ކިބައިގައި އިތުރުވެ، ފަންނުވެރި ދަރީންތަކެއް އުފެދިގެންދާނެ ކަމަށް ދެކިލައްވާ ކަމަށެވެ.

ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މަދަހަ ހުށަހަޅަނީ. ފޮޓޯ: ނ. އޮތޮޅު މަދަރުސާ

ނ. އަތޮޅު މަދަރުސާގެ މަދަހަ މުބާރާތުގެ ޤަވާޢިދު އޮތް ގޮތުން އެ ސްކޫލުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް އަދި ބެލެނިވެރިއަކަށް ވެސް ބައިވެރިވެވެއެވެ. މި މުބާރާތުގައި ވަކިވަކި ދަރިވަރުންނަށާއި ގްރޫޕުކޮށް ވެސް މަދަހަ ހުށަހެޅެއެވެ. ގްރޫޕުކޮށް މަދަހަ ހުށަހަޅާ ނަމަ ކޮންމެ ކުލާހަކުން މަދުވެގެން 10 ދަރިވަރުން ބައިވެރިވާންޖެހެއެވެ. ގްރޫޕު މަދަހަ ބޭއްވެނީ 5 ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެއީ:

  • ކީސްޓޭޖް 4 (ގްރޭޑް 9 އަދި 10)
  • ކީސްޓޭޖް 3 (ގްރޭޑް 7 އަދި 8)
  • ކީސްޓޭޖް 2 (ގްރޭޑް 4 އަދި 6)
  • ކީސްޓޭޖް 1 (ގްރޭޑް 1 އަދި 3)
  • ފައުންޑޭޝަން (އެލްކޭޖީ – ޔޫކޭޖީ)

މި މުބާރާތުގައި 157 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އަދި ބެލެނިވެރީންގެ ތެރެއިން 88 ބެލެނިވެރިއަކު ވެސް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި ވަކިވަކި ދަރިވަރުންގެ ބައިން ކޮންމެ ގްރޭޑަކުން ވެސް އެންމެ މޮޅު 1ވަނަ 2ވަނަ 3ވަނަ ދަރިވަރު ހޮވާނެއެވެ. އަދި ގްރޫޕު މަދަހައިގެ ބައިން ކޮންމެ ކެޓަގަރީއަކުން 1ވަނަ 2ވަނަ 3ވަނަ، މުޅި މުބާރާތުން ގްރޫޕު މަދަހައިން 1ވަނަ 2ވަނަ 3ވަނަ، މުޅި މުބާރާތުގެ ބެލެނިވެރީންގެ ބައިން 1ވަނަ 2ވަނަ 3ވަނަ ހޮވައި، އިނާމު ދެވޭނެ ކަމަށް ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!