މ. އަތޮޅު މަދަރުސާގެ ތިމާވެށި ކުލަބު: ޒަމާނީ އުކުޅުތަކާ އެކު މެކުހަށް

ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލެއެވެ. އަހަރެމެންދިރިއުޅޭ ތަނެވެ. އެހެންކަމުން އެ ތަނުގެ ވެށީގެ ދިރުންތަކާ މެދު އަހަރެމެން އިހުމާލުވެގެން ނުވާނެއެވެ. އެ ވެށީގެ ދިރުންތަކަށް އަހަރެމެން އަހުލުވެރިވާން ޖެހޭނެއެވެ. އެ ވެށީގެ ދިރުންތަކަށް އަޅައިލައި، ހޭހަން ކުރާން ޖެހޭނެއެވެ. އެ ވެށީގެން ކޮންމެ ދިރުމެއްގެ މައުލޫމާތު އަހަރެމެން ހިތުދަސްވާން ޖެހޭނެއެވެ.

މ. އަތޮޅު މަދަރުސާގެ ތިމާވެށީގެ ކުލަބުގެ ދަރިވަރުން ވަނީ، މި ކަމުގައި ނަމޫނާ ދައްކައިފައެވެ. ޒަމާނީ އުކުޅުތަކުގެ އެހީގައި ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތެއް އެ ކުލަބުން، އިއްޔެ ވަނީ ފަށައިފައެވެ. އެ ކުލަބުން އިއްޔެ ފެށި ހަރަކާތަކީ ރަށުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތަކުގައި ޓެގުކޮށް ލޭބަލް ކުރުމެވެ. މި ހަރަކާތަކީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެ ކުލަބުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

އިއްޔެ ފެށި މި ހަރަކާތުގައި މ. އަތޮޅު މަދަރުސާގެ ގޯތި ތެރޭގައި ހުރި ތަފާތު 9 ގަހެއް ވަނީ ޓެގުކޮށްފައެވެ. މި ގަސްތައް ޓެގުކޮށްފައިވާ އިރު، ގަހާ ބެހޭ އާއްމު މައުލޫމާތުގެ އިތުރުން، ގަހާ ބެހޭ އިތުރު ތަފުސީލު ފޯރުކޮށްދިނުމަށް ކިއުއާރު ކޯޑެއް ހިމަނައިފައިވެއެވެ.

މ. އަތޮޅު މަދަރުސާއިން މައުލޫމާތުދެއްވި ގޮތުގައި މި ފަދަ ހަރަކާތެއް ފެށުމުގެ ބޭނުމަކީ ދަރިވަރުންގެ ހިތުގައި ގަސްގަހާގެއްސަށް ލޯބި ޖެއްސުމާއި ތިމާގެ ވަށައިގެންވާ ވެށީގައި ހުންނަ ގަސްގަހާގެހީގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

މ.  އަތޮޅު މަދަރުސާގެ ތިމާވެށީގެ ކުލަބުން ގެންދަނީ، ތަފާތުގިނަ ހަރަކާތްތައް ހިންގަމުންނެވެ. މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުލަބުގެ އެތައް ހަރަކާތެއް ފެންނާނެ ކަމަށް އެ ކުލަބުން މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ގަސް ޓެގު ކުރުމުގެ ދެވަނަ ހަރަކާތް ދެވަނަ ޓާމުގައި ކުރިއަށް ގެންދާނެ ކަމަށާއި މިބުރުގައި އޮންނާނީ ރަށުތެރޭގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ޓެގު ކުރުން ކަމަށް އެ ކުލަބުން މައުލޫމާތު ދެއްވިއެވެ.

އަޅުގަނޑުމެންގެ ވެށީގައި ހުރި މި ފަދަ ދުވަސްވީ ގަސްގަހުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަދި އެ ގަހުގެ ތާރީޚު، އެ ގަސް އަޅުގަނޑުމެންނަށް މުހިންމުވަނީ ކިހިނެއް، ކޮންގޮތަކުންކަން، އެބަ އެނގެންޖެހޭ. އަޅުގަނޑުމެންގެ ވެށިގެ ދިރުންތަކަށް ލޯބިކުރާ ބަޔަކަށް އެބަ ވާންޖެހޭ: ކުލަބުގެ ރައީސް ޒީޝާން

މ. އަތޮޅު މަދަރުސާއިން މައުލޫމާތު ދެއްވި ގޮތުގައި ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހު ފަތަން ދަސްކޮށްދިނުމުގެ ހަރަކާތަކާއި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް، ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ތިމާވެށީގެ ކުލަބުގެ ފަރާތުން ދަރިވަރުން ޝާމިލުވާ ގޮތަށް ކޮންމެ ހަފުތާއަކު ވެސް، އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވެއެވެ.

މ. އަތޮޅު މަދަރުސާގެ ތިމާވެށީގެ ކުލަބަކީ ވަރަށް ޙަރަކާތްތެރި ކުލަބެކެވެ. އެ ކުލަބުގެ ފަރާތުން ގެންދަނީ ފެނުގައި ގަސްއިންދުމުގެ ޕްރޮގްރާމުގެ ދަށުން ލެޓިއުސް ވެސް ހައްދަމުންނެވެ. އެ ކުލަބުން ހައްދަމުންގެންދާ ލެޓިއުސް ކަނޑައިގެން ތިންފަހަރެއްގެ މަތިން ވަނީ ވިއްކައިފައެވެ. އިއްޔެއަކީ އެކުލަބުން 4 ވަނަ ބުރުގެ ލެޓިއުސް ކަނޑައި ވިއްކި ދުވަހެކެވެ.

ޝައުޤުވެރިކަމާ އެކު ދަރިވަރުން ކުރާ މި މަސައްކަތުގައި ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޕްރިންސިޕަލް ޢަލީ ނައީމް ވިދާޅުވިއެވެ. މިކަން ފާހަގަ ކުރައްވައި މި އެންމެހައި ފަރާތްތަކަށް ޕްރިންސިޕަލް ޢަލީ ނައީމް ޝުކުރުއަދާ ކުރެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!