ދަރުމަވަންތަ ސްކޫލުގެ ކެޕްޓަން އީނާލް: "އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ މާދަމާއަށް ދިއްލޭ ވޮށެއް"



އަބަދު ވެސް، އެހެންކުދީންނަށް ނަމޫނާއެއްގެ ގޮތުގައި ފެނުމަށް މަސައްކަތްކުރަމުން އަންނަ އައްޑޫ ސިޓީ ހިތަދޫ ސްނޯވބޯލް، ޢާއިޝަތު އީނާލް ޢަލީ ޝަރީފަކީ އައްޑޫ ސިޓީ ހިތަދޫ އޭނާޒް ފާޠިމަތު ނެލްފާއާއި ސްނޯވބޯލް، ޢަލީ ޝަރީފަށް ލިބިލެއްވި 4 ކުދީންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. 2009ވަނަ އަހަރު އޭޕްރީލު މަހުގެ 15ވަނަ ދުވަހު އުފަންވި އީނާލަކީ، ކިޔެވުމަށް މޮޅު، އެހެންކުދީންނަށް އަޅައިލާ، ރިވެތި އަޚުލާޤެއްގެވެރި ދަރިވަރެކެވެ. މިއަދު އީނާލަކީ ދަރުމަވަންތަ ސްކޫލުގެ ކެޕްޓަން ވެސް މެއެވެ.

އީނާލަކީ ކިޔެވުމަށް އަބަދު ވެސް ވަރަށް މަސައްކަތްކުރާ ގްރޭޑް 7 އިން ފެށިގެން އޮނަރ ލިސްޓެޑް އެވޯޑް ޙާޞިލް ކުރަމުން އަންނަ ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން އިތުރު ޙަރަކާތްތަކުގައި ވެސް އީނާލަކީ ފާހަގަ ކުރެވޭ ދަރިވަރެކެވެ. ސްކޫލުގައި ބާއްވާ ޤުރްއާން މުބާރާތްތަކާއި، އަދަބީ މުބާރާތްތަކުގައި (ދިވެހި/އިންގްލިޝް) އީނާލް ބައިވެރިވެ ރަންވަނަތައް ވެސް ހޯދައެވެ.

ކިޔެވުމާއި އަދަބީ ޙަރަކާތްތަކުގެ އިތުރުން ކުޅިވަރު ހަރަކާތްތަކަށް ވެސް އީނާލް ޝައުޤުވެރިވެއެވެ. މިގޮތުން ހޭންޑްބޯލް މުބާރާތުގައި ބައިވެރިވެ، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދިއެވެ. އަދި އީނާލްގެ ޓީމު، ޗެމްޕިއަންކަން ހޯދުމުގައި ވެސް އީނާލް މުހިންމު ދައުރެއް އަދާކުރިއެވެ.

ކުޅިވަރުތަކުގެ ތެރެއިން އީނާލް އެންމެ ޝައުޤުވެރިވަނީ ހޭންޑް ބޯލްއާއި ނެޓުބޯޅަ ކުޅުމަށެވެ. އިންޓަރ ސްކޫލް ހޭންޑްބޯލް އަދި ނެޓުބޯލް މުބާރާތުގައި ދަރުމަވަންތަ ސްކޫލް ތަމްސީލު ކުރި ޓީމުގައި އީނާލް ހިމެނެއެވެ. އަދި މި މުބާރާތުގައި ކުޅެ ޕްލެއަރ އޮފް ދަ މެޗުގެ ޝަރަފް އީނާލް ހޯދައިފައިވެއެވެ.

ތަފާތު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް އީނާލް ނުހަނު ގަޔާވާ ކަމެކެވެ. އީނާލް ޤަބޫލު ކުރާ ގޮތުގައި އެއީ، ދުނިޔެއަށް ލޯ ހުޅުވައިދޭ ކަމެކެވެ. އެފަދަ ކަންކަމުގައި ބައިވެރިވުމުން އެތައް ގޮތަކުން ފައިދާކުރާކަން އީނާލަށް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެހެންވެ ނެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި، ދިރާގާއި ވުމަށް އިން ޓްކް އިން އިންތިޒާމުކޮށްގެން ބޭއްވި "ގާރލާސް އިން ޑާޓާ" ޕްރޮގްރާމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރިގެން ބޭއްވެވި ހެވިކަމާއި ކުޅިވަރު ޙަރަކާތްތަކާއި، ވޯލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑްސް އެން ގާރލް ސްކައުޓް އިން ބޭއްވި ގްލޯބަލް ޕްރޮގްރާމް، "ސްޓޮޕް ދަ ވައޮލެންސް އެޑޮލޮސެންޓްސް އެންޑް ޔޫތް ވޮއިސް ފޯ ޖެންޑާ އީކުއަލިޓީ" ގައި އީނާލް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން 2024ވަނަ އަހަރު ސިލޯނުގައި ބޭއްވި އިންޓަރނޭޝަނަލް ގާރލް ގައިޑް ކޭމްޕުގައި ވެސް އީނާލް ބައިވެރިވެފައިވެއެވެ.

ސްކޫލު ކެޕްޓަންކަމާ ހަމައަށް އައުމުގެ ކުރީން އީނާލް ވަނީ ސްކޫލުގެ ބިޒްނަސް ކުލަބުގައި ސެކްރެޓަރީ ކަމުގައެ މަގާމާއި، ބިޒްނަސް ކުލަބުގެ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.

އީނާލްގެ ހިތުގައި ސްކޫލު ކެޕްޓަނަކަށްވުމުގެ ޝައުޤު އުފެދުނީ، ޖޫނިއަރ ލީޑަރުން ހޮވި އިރު، އީނާލަށް ވެސް އެ ފުރުޞަތު ލިބުނު ހިސާބުންނެވެ. އެހާ ހިސާބުން ޓީޗަރުންގެ އިރުޝާދުގެ ދަށުން އެކަމަށް މަސައްކަތް ކުރާންފެށިކަމަށް  އީނާލް ކިޔައިދިނެވެ.

އީނާލްއަކީ އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ ކުއްޖަކަށްވުމާއި، އެހެންކުދީންނަށް ފިލާވަޅުތައް ބުނެދިނުމުގައި ވެސް އެހީތެރިވާ ދަރިވަރަކަށްވުމުގެ އިތުރުން އެސެމްބްލީތަކުގައި ޤުރްއާންކިޔަވާން އެރުމާއި، ސްކޫލުގެ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ ކުއްޖަކަށްވުމުން، ހުރިހާ ދަރިވަރުންނަށް ވެސް، އީނާލްވީ ވަރަށް ފަރިތަ މޫނަކަށެވެ. ނަތީޖާއަކަށްވީ ނުހަނު ނިޔާމައިގައި ދަތުރުކޮށް ކެޕްޓަން ކަމަށް ވާސިލުވެވުމެވެ.

އީނާލުގެ މަންމަ އީނާލު ސިފަކުރަނީ، ކިޔަވަން ވަރަށް މަސައްކަތްކުރާ، އެހެންކުދީންނަށް ވަރަށް އަޅައިލައި، ވަރަށް ބަސްއަހާ، ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައެވެ. އީނާލްގެ މަންމަ އީނާލްއާ ބެހޭ ގޮތުން އިތުރަށް ހާމަކޮށްދިން "ސިއްރަކީ" އެއީ ވަރަށް ކައްކާ ހިތްވާ، އަދި ވަރަށް މީރުކޮށްކައްކާ ކުއްޖެއްކަމެވެ.

އީނާލްގެ މުދައްރިސުން، އީނާލް ސިފަކުރައްވަނީ ވަރަށް އަޚުލާޤު ރަނގަޅު، ކިޔަމަންތެރި، ޙަރަކާތްތެރި ދަރިވަރެއްގެ ގޮތުގައެވެ.

އީނާލަކީ އެހެން ދަރިވަރުންނަށް ރޯލްމޮޑެއްލެއް. ހުރިހާ ގޮތަކުން ބެލި ނަމަވެސް އެއީ ހަމަ ނަމޫނާ ދަރިވަރެއް: ޓީޗަރެއް

ހުރިހާ ދަރިވަރުންނާ ވެސް ގުޅޭ އީނާލްގެ ވިސްނުން ހުރީ، އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. ކިޔަވަމުން، އިތުރު ޙަރަކާތްތަކުގައި ބައިވެރިވަމުން، ސްކޫލު ކެޕްޓަންކަމުގެ ޒިންމާ ނަގަމުން، މި ހުރިހާ ކަމަކަށް ވެސް، ދުވަހީ ތާވަލުން ވަގުތު ހުސްކޮށްފައިވަނީ ވިސްނުންތެރިކަމާ އެކުގައެވެ. އީނާލް ކިޔައިދިން ގޮތުގައި، ކޮންމެ ދުވަހެއްގެ ވެސް ފިލާވަޅުތައް ނިދުމުގެ ކުރީން މުޠާލިއާ ކުރެއެވެ. ނޭނގޭ ބައިތައް، ފަތިހު ތެދުވެ އަލުން ކިޔައި ސިކުނޑިއަށް ނެގޭތޯ ބަލައެވެ. އަދި މުދައްރިސުންގާތު އަހައިގެން އޮޅުން ފިލުވައެވެ. ފަހުން ކުރާން އެއްވެސް ކަމެއް، ބެހެއްޓުމަކީ އީނާލް ޤަބޫލުކުރާ ހަމައެއް ނޫނެވެ.

އީނާލް ޤަބޫލުކުރާ ގޮތުގައި އިތުރު ޙަރަކާތްތަކަކީ ކިޔެވުމަށް އޮތް ހުރަހެއް ނޫނެވެ. އެއީ މުސްތަޤުބަލަށް ކޮށައި ސާފުކުރެވޭ އަލިމަގެކެވެ. އެއީ މާދަމާއަށް ޓަކައި ދިއްލޭ ވޮށެކެވެ. އެކަން އީނާލް އެގެންދަނީ ސާބިތުކޮށްދެމުންނެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!