މާފުށީ ކައުންސިލްގެ ސްކޮލަރޝިޕް: ދަރިވަރުންނާ ހަވާލުކުރައްވައިފި

މަތީ ތަޢުލީމާއި ތަމްރީނަށް މާފުށީ ކައުންސިލުން ދެއްވާ ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނާ ލިޔުން ހަވާލު ކުރައްވައިފިއެވެ.

މިކަން އޮތީ މިއަދު ހެނދުނު މާފުށީ ކައުންސިލްގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނާ ލިޔުން ޙަވާލުކޮށްދެއްވީ މާފުށީ ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމްޢޫނެވެ.

މާފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މަތީ ތަޢުލީމާއި ތަމްރީނަށް ސްކޮލަރޝިޕްގެ ފުރުޞަތު އެ ކައުންސިލުން ހުޅުވައިލެއްވުމުގެ ބޭނުމަކީ، ރަށުގެ މުސްތަގުބަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި، ޢިލްމާއި ހުނަރު އަދި ތަޢުލީމީ ގޮތުން ގާބިލް ޒުވާން ޖީލެއް ބިނާ ކުރުމެވެ.

މަތީ ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް މާފުށީ ކައުންސިލުން ކޮންމެ އަހަރަކު ވެސް 5 ސްކޮލަރޝިޕް ދެއްވައެވެ.  އެ ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި މީގެތެރެއިން 2 ފުރުސަތު ދެވެނީ މާފުށީ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ނޭޝަނަލް ޓޮޕް ޓެން އެވޯޑް ހާސިލުކުރާ ދަރިވަރުންގެތެރެއިން އެންމެ މޮޅު 2 ދަރިވަރަކަށެވެ. އެ ފަދަ ދަރިވަރަކު ނެތް ނަމަ، ސްކޫލު އެވޯޑް (ޓޮޕް އެޗީވަރ އެވޯޑް ސްކޫލު ލެވެލް) ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 2 ދަރިވަރަކަށެވެ. ބާކީ އަނެއް 3 ސްކޮލަރޝިޕް ފުރުސަތު، ދެވެނީ މާފުށީ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށް މާފުށީ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވީ، މި ސްކޮލަރޝިޕުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޮލެޖް ޔުނިވަރސިޓީތަކުން ޑިގްރީފެންވަރަށް ކިޔެވުމުގެ ފުރުޞަތުދެވޭނެ ކަމަށެވެ. މިގޮތުން ކޮލެޖަށް ދައްކަން ޖެހޭ ޓިއުޝަންފީގެ އިތުރުން، ކޮންމެ މަހަކު 3 ހާސް ރުފިޔާގެ ޕޮކެޓްމަނީ އެލަވަންސެއް ދެއްވާނެ ކަމަށާއި މި ގޮތުން މި ސްކޮލަރޝިޕަށް ޖުމުލަ 3 ލައްކަ ރުފިޔާ ކޮންމެ ދަރިވަރަކަށް ވެސް ދެއްވާނެ ކަމަށް މާފުށީ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!