ތަޢުލީމީ ވުޒާރާގެ ސްޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާޢީލް ސައުދުﷲ ހަމަޖައްސަވައިފިއެވެ.
މި މަގާމު ހަމަޖެހުމާ ގުޅިގެން ސައުދު ވަނީ މިއަދުން ފެށިގެން ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ.
އެޑިޔުކޭޝަން ސްޕްރިންޓެންޑެންޓްގެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އާންމު ކުރެއްވި އިޢުލާނުގައިވާ ގޮތުން، މި މަގާމަކީ ދާއިމީ މަގާމެއް ނަމަވެސް، މި މަގާމަށް މުވައްޒަފު އައްޔަނުކުރަނީ، 4 އަހަރުދުވަހުގެ މުއްދަތަށެވެ.

ސްޕްރިންޓެންޑެންޓްގެ މަގާމު ލިބިލެއްވި އިސްމާޢީލް ސައުދުﷲއަކީ މާސްޓަރ އޮފް އެޑިޔުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖުމަންޓް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެެވެ. އޭނާ ތަޢުލީމީ ދާއިރާގައި އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވީ 2005ވަނަ އަހަރު، އުފަން ރަށް ގއ. ގެމަނަފުށީ ސްކޫލުގައި ވަގުތީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ޓީޗިން ކޯސް ހައްދެވުމަށް ފަހު، ގެމަނަފުށީ ސްކޫލުގައި ޓީޗަރުކަމާއި އެލްޓީކަން ކުރައްވައިފައިވެއެވެ. އަދި 2014 ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަން އަދާކުރެއްވިއެވެ. އެއަށްފަހު ރެހެންދި ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދި ޣާޒީ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި، ފަހުން ލީޑިންޓީޗަރެއްގެ ގޮތުގައި ޚިދުމަތްކުރައްވައިފައިވެއެވެ. އަދި ޤުރްއާނާ ބެހޭ މަރުކަޒު ހިންގެވުމުގައި އިސްވެރިއެއްގެ ގޮތުގައި ވެސް ކުޑަ ދުވަސްކޮޅަކު ސައުދު މަސައްކަތްކުރެއްވިއެވެ. ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތްކުރައްވަން ސައުދު ފެއްޓެވީ 2019ގައެވެ. އެޑިޔުކޭޝަން ސްޕްރިންޓެންޑެންޓުގެ މަގާމު ސައުދަށް ލިބިލެއްވި އިރު ހުންނެވީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައެވެ.
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ތަޢުލީމީ ދާއިރާއާ ގުޅުން ހުރި ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދެވުމަށް، ސައުދު ވަނީ ރާއްޖޭގެ 100 ވަރަކަށް ސްކޫލަށް ޒިޔާރަތް ކުރައްވައިފައެވެ. މީގެ އިތުރުން ބައިނަލް އަޤުވާމީ ތަޖުރިބާތަކެއް ވެސް ސައުދުވަނީ ހޯއްދަވައިފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ސްކޫލު ހިމެނޭ ގޮތަށް 3 ގައުމެއްގެ 17 ސްކޫލަކަށް އޭނާ ޒިޔާރަތްކުރައްވައިފައިވެއެވެ. މީގެތެރޭގައި އެންމެ ހައިޓެކް ސްކޫލުތައް ވެސް ހިމެނެއެވެ.
advertisment
advertisment
advertisment