ލިޔުނީ: މަރްޔަމް ބިންތި ޢަލީ މަމްދޫޙް. ގުރޭޑް 10ބީ. ހއ. އަތޮޅު މަދަރުސާ. ހއ. ހޯރަފުށި
ވިދުވަރެއްހާ ހަލުވިކޮށް ފަންނިއްޔާތުގެ ރޮނގުން މީސްތަކުން ތަފާތު ކުރިއެރުންތައް ހޯދަމުން އަންނަ، މި ފަންނިއްޔާތުގެ ޒަމާނުގައި ސޯޝަލް މީޑިޔާއަކީ ގިނަ ޒުވާނުންގެ އެންމެ ގާތް މިތުރެވެ. އޭގެ އެހީގައި ނޫކަށިފުރައިގެ ކުދިން އެ ކުދިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަމުންދެއެވެ. އެހެނަސް، ހިތާމައަކީ މިފަދަ މަންސަތައް ބޭނުންކުރުމުގައި މީހާ ވަޖިދުވާ ދަރަޖައަށް ގޮސް، ނާތަހުޒީބީ ވައްޓަފާޅިއެއް ގެންގުޅޭ ޒުވާނުންގެ އަދަދު އިތުރުވުމެވެ. އެހެންކަމުން، ސޯޝަލް މީޑިޔާއަކީ ޒުވާނުންނަށް އެދެވޭ އަދި ނޭދެވޭ އަސަރު ކުރާ އެއްޗެކެވެ.
ސޯޝަލް މީޑިޔާ ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުވާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މިގޮތުން، ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް ފަދަ މަންސަތަކަކީ ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފަޅި ސިކުންތެއްގެ ތެރޭގައި ޒުވާނުންނަށް ފޯރުކޮށްދޭ މައި މަރުކަޒުތަކެވެ. މީގެ އެހީގައި ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ އިރު، މަސައްކަތާއި ގުޅޭ ގޮތުން އެކި ހިސާބުތަކުގައި ޢަމަލުކުރާ ގޮތާއި އުކުޅުތައް ޒުވާނުންނަށް އެނގެއެވެ. މިނޫނަސް ދުނިޔޭގެ ކަންކޮޅުގައި ހިނގާ ކާރިސާތަކާއި ހިތާމަވެރިކަންކަމުގެ މައުލޫމާތު އެނގިފައިވުމުން، މަދަދުގެ އަތެއް ފޯރުކޮށްދޭން ޒުވާނުން ތިބެނީ ހޭވައްލާ ތައްޔާރަށެވެ. ހަމައެފަދައިން، ދުނިޔަވީ ބަލިމަޑުކަމާއި ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތައް ސޯޝަލް މީޑިޔާގައި އާންމުވުމުން، ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ފުރަތަމަ އަޅަނީ ވެސް ޒުވާނުންނެވެ. ވުމާއެކު، ސޯޝަލް މީޑިޔާގެ ސަބަބުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މުޖުތަމަޢުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށްދިނުމަށް ސޯޝަލް މީޑިޔާއަކީ އެފަދަ ދެވަނައެއް ނެތް، މޮޅު އީޖާދެކެވެ. މިގޮތުން، ވައިބާ ގުރޫޕުތަކާއި ވަޓްސްއަޕް ފަދަ ވިޔުގަތަކުގެ އެހީގައި ޒުވާނުންނަށް ރަށު ރައްޔިތުންނާއި ގުޅިގެން ތަފާތު ޙަރަކާތްތައް ހިންގުމަށާއި، ރަށުގެ ތަރައްޤީއަށް ކުރާނެ މަސައްކަތްތައް އިންތިޒާމު ކުރުމަށް ވާހަކަ ދެއްކޭނެއެވެ. ނަތީޖާއެއްގެ ގޮތުން އަހަރީ މުނާސަބަތުތަކުގައި އެންމެ ފޯރީގައި ހަރަކާތްތެރިވާ އެއްބަޔަކީ ޒުވާނުންނެވެ. ރަށުގައި ހިންގާ ސަގާފީ މަހާސަމާތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވަނީ ނޫކަށިފުރާގެ ކުދީންނެވެ. ހަމައެހެންމެ، ރަށަށް ކުރިމަތިވެފައި ހުންނަ މައްސަލަތައް ހައްލުކުރުމުގެ އެންމެ ކުރީ ސަފުން ފެންނަނީ ޅަފުރައިގެ ޢަޒުމް ވަރުގަދަ މޫނުތަކެވެ. މުޅީން ވެސް ސޯޝަލް މީޑިޔާގެ އެހީގައި އެޅިފައިވާ، ޒުވާނުންނާއި މުޅި މުޖުތަމަޢުއާއި ދެމެދުގައިވާ އެއްބައިވަންތަކަމުގެ ބިންގާ ގަދަފަދަކަމުގެ ނިޝާންތަކެވެ. އެހެންކަމުން، ސޯޝަލް މީޑިޔާ އަކީ މުޖުތަމަޢުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުވުމަށް އަގުހުރި މަންސައެކެވެ.

ސޯޝަލް މީޑިޔާއިން ޒުވާނުންނަށް އެދެވޭ އަސަރު ކުރި ނަމަވެސް ބައެއް ނޭދެވޭ އަސަރު ކުރާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެގޮތުން، ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ސިއްހީ ގޮތުން ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހުން ހިމެނެއެވެ. މިގޮތުން، ޒުވާނުން މިފަދަ މަންސަތަކަށް ދެލޯ ހަދިޔާކޮށްގެން އެސްފިޔަ ޖަހައި ނުލައި އިނުމުގެ ސަބަބުން ލޯ ހިކުމާއި ލޯ ހިރުވުމާއި މިނޫން ވެސް ފެނުމުގެ މައްސަލަތައް ދިމާވުން ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެއްޖެއެވެ. ހަމައެހެންމެ، ކަނދުރާއާއި މައިބަދައިގެ މައްސަލަތަކުގައި ކަށީގެ ޑަކުޓަރުންނަށް ދައްކާ ޒުވާނުންގެ އަދަދު މިހާރު މުސްކުޅިންނަށް ވުރެ ގިނަވެއްޖެއެވެ. މީގެއިތުރުން، އިސްކީރީނުން އެޅޭ ނޫއަލީގެ ސަބަބުން އިންތިހާއަށް ބޮލުގައި ރިއްސާ، ނޫކަށިފުރާ ކުދީންނަށް ދިރިއުޅުމުގެ އެހެން މަގުސަދުތައް ހާސިލުކުރުމަށް ހުރަސް އެޅިއްޖެއެވެ. އެންމެފަހުން ނަމުގައި 'މޮޅު' ސޯޝަލް މީޑިޔާ ޒުވާނުން ވައްޓައިލަނީ އަރައިނުގަނެވޭ ވަރުގެ ބަލީގެ އަނދަވަޅަކަށެވެ. ވީމާ، ސިއްހީ ގޮތުން ތަފާތު ފިއްތުންތަކާއި ކުރިމަތިކުރުވާ ސޯޝަލް މީޑިޔާ އަކީ ޒުވާނުންނަށް ގެއްލުން ހުރި، ނުރައްކާތެރި ވައިރަހެކެވެ.
ޒުވާނުންގެ ކިބައިގައި އަޚުލާޤީ ގޮތުން ނޭއްގާނީ ސިފަތައް އަށަގަތުމަކީ ސޯޝަލް މީޑިޔާގެ ސަބަބުން ކުރާ އަނެއް ނޭދެވޭ އަސަރެވެ. މިގޮތުން، ހަޑިހުތުރު ބަހުން މުޢާމަލާތްކުރުމާއި ޣީބަބުނުމާއި ދެބައޮޑުވުމަކީ މިއަދުގެ ގިނަ ޒުވާނުންގެ ކިބައިން ފެންނަ އަޚުލާޤު ދަށް ސިފަތަކެވެ. ސޯޝަލް މީޑިޔާގެ މަންސަތަކުގައި އެފަދަ ނާތަހުޒީބީ ގޮތްތަކަށް ވާހަކަދައްކައިގެން ފިތުނައިގެ ދަރަށް ޕެޓްރޯލް އަޅާ ހުޅު ރޯކުރުމުން ގިނަ ބައެއްގެ އަބުރު ކަތިލެވިގެން ދިއުމަކީ މިއަދު ފެންނަ ހިތާމަވެރި މަންޒަރުތަކެވެ. ހަމައެފަދައިން، އެކުދީން ތިމާގެ 'ގަޓު' ހުރި މިންވަރު އަންގައިދޭން އަޚުލާޤު ދަށް ޕޯސްޓްތައް ޢާންމުކޮށް، ޚިޔާލު ފާޅުކުރުމުގައި ބޭއަދަބީ އުސްލޫބެއް ގެންގުޅުމުގެ އާޚިރު ނަތީޖާއަކީ ދިވެހިންގެ އިޖުތިމާޢީ ފޭރާން ވީދި، ހަލާކުވެ، ހަސްނެތިގެން ދިއުމެވެ. އެހެންކަމުން، ސޯޝަލް މީޑިޔާގެ ސަބަބުން ޒުވާނުންގެ އަޚުލާޤު 'ސުމަކަށް' ވެއްޓުން އާންމުވާތީ މި މައްސަލަ ހައްލު ކުރާކަށް ނުވޭ ހެއްޔެވެ؟
ސޯޝަލް މީޑިޔާ ބޭނުންކުރުމަކީ ޒުވާނުންނަށް ތަފާތު އަސަރުތައް ކުރާނެ ކަމެކެވެ. މި މަންސަތަކުގައި ވަގުތު ހޭދަ ކުރުމުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުވެ، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރު ކުރެވެއެވެ. ހަމައެހެންމެ، ސޯޝަލް މީޑިޔާ އިން ނޫކަށިފުރާގެ ދުޅަހެޔޮކަން އަނދާ އަޅިޔަށް ހަދާލައެވެ. އެ ޒުވާނުންގެ ކިބައިގައިވީ ރިވެތި އަޚުލާޤީ ސިފަތައް ފަނޑުކޮށްލައެވެ. ވުމާއެކު، ސޯޝަލް މީޑިޔާ އަކީ ޒުވާނުންނަށް އެދެވޭ އަދި ނޭދެވޭ އަސަރު ކުރާ އެއްޗެއް ކަމުން، މިއީ އެއާއި މެދު ސަމާލުވުން މުހިންމު، ދެ މިޔަލީ ކަނޑިއެއް ފަދަ އެއްޗެކެވެ.
advertisment
advertisment
advertisment