އުނގެނުމުގެ މާހައުލު، އުނގެނުމަށް ފަހިވާ ގޮތަށް ފަރުމާ ކުރުމަކީ ނަތީޖާއަށް އޭގެ ހެޔޮ އަސަރު ކުރާ މަކެއް: ޑރ. ޢަބްދުއްލަޠީފް

އުނގެނުމުގެ މާހައުލު،  އުނގެނުމަަށް ފަހިވާ ގޮތަށް ފަރުމާ ކުރުމަކީ ނަތީޖާއަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެއް ކަމަށް، ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023-2024ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގެނުމަށް ފަހި މާހައުލެއް ފަރުމާކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ޑރ. ލަޠީފު ވިދާޅުވީ، އެ ފަދަ މާހައުލެއް އޮންނާންވީ ހަމައެކަނި ސްކޫލުގައި ނޫންކަމަށެވެ. ގޭތެރޭގައި ވެސް، އެފަދަ ފަހި މާހައުލެއް އޮތުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޑރ. ލަޠީފު ވިދާޅުވީ މި ފަދަ ފަހި މާހައުލުގެ ސަބަބުން ކިޔެވުމަށް ފަސޭހަވެ، ދަރިވަރުންގެ ޝައުޤު ކިޔެވުމަށް އިތުރުވާކަން ދިރާސާތަކުން ފާހަގަކުރެވިފައި ވާ ކަމަށެވެ. އެހެންކަމުން ދުނިޔެއަށް އަންނަމުން މިދާ ބަދަލުތަކާ އެކު ދަރިވަރުންގެ އުނގެނުމަށް ފަހި މާހައުލެއް ސްކޫލާއި ގޭގައި ވެސް ފަހިވެފައި އޮތުމުގެ މުހިންމުކަން ދިރާސާތަކުގެ އަލީގައި ޑރ. ލަތީފު ބަޔާން ކޮށްދެއްވިއެވެ.

އުނގެނުމުގެ މާހައުލަށް ގެނެވޭ ކުޑަ ބަދަލެއްގެ ސަބަބުން ވެސް، އޭގެ އަސަރު ކޮށްފާނެ. އެހެންވީމާ އުނގެނުމަށް ފަހި މާހައުލެއް ފަރުމާ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. މިކަން ކުރެވޭނީ ސްކޫލް، މުދައްރިސުން، ދަރިވަރުން، ބެލެނިވެރީން، މުޖުތަމަޢުގެ ހިއްސާދާރުންގެ ބައިވެރިވުން ލިބިގެން: ޑރ. ލަޠީފް

ޑރ. ލަޠީފު ވިދާޅުވީ، އުނގެނުމަށް ފަހި މާހައުލެއް ގާއިމުވުމުން އޭގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަމަށެވެ. ދަރިވަރުންގެ ކިޔެވުމަށް ފަސޭހަތައް ލިބިގެން ދާ އިރު، އުނގަންނައި ދިނުމަށް ވެސް، ބޮޑެތި ފަސޭހަތަކެއް ލިބޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ކުރާ ހެޔޮ އަސަރުތައް ދިރާސާތަކުގެ އަލީގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!