ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒާއިން، 2ވަނަ އީޒާން، 3ވަނަ ފާޒިލް

ޖަމާލުއްދީން ސްކޫލުގެ 2023-2024ގެ އެންމެ މޮޅު ދަރިވަރަކަށް ޙައްވާ ޒާއިން ޒަމީލް ހޮވިއްޖެއެވެ. ދެވަނަ ލިބިފައިވަނީ އީޒާން ޢަލީއަށެވެ. ތިންވަނަ ލިބުނީ އަޙްމަދު ފާޒިލް ފަޠުހުﷲއަށެވެ.

މި ނަތީޖާތައް، އިޢުލާނު ކުރީ ތާޖުއްދީން ސްކޫލުގައި މިރޭ އޮތް، ޖަމާލުއްދީނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައެވެ.

ޖަމާލުއްދީނު ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޙައްވާ ޒާއިން ޒަމީލް ވަނީ އޯލެވެލް އިމްތިޙާނުން ޓޮޕް ޓެންއިން 1ވަނަ ހޯދުމުގެ އިތުރުން، އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން 1ވަނަ ހޯދައިފައެވެ. ޒާއިން ފާހަގަ ކުރެވިފައި ވަނީ، އަޚުލާޤު ވަރަށް ރަނގަޅު ސްކޫލަށް ޤަވާޢިދުން ޙާޟިރުވާ ދަރިވަރެއްގެ ގޮތުގައެވެ. ޒާއިންގެ ލީޑަރޝިޕަށް ބަލާ އިރު، ނިމިދިޔަ ދިރާސީ އަހަރު ޖަމާލުއްދީނުގެ ސްކޫލުގެ ޑެޕިއުޓީ ސްކޫލު ކެޕްޓަންކަންކޮށްފައިވެއެވެ. ޒާއިންއަކީ ސްކޫލް ޕްރިފެކްޓް ނޫވިންދުގެ އެޑިޓޯރިއަލް ޓީމުގެ މެމްބަރެކެވެ. ގާރލް ގައިޑަށް ލޯބިކުރާ އެ ހަރަކާތުގައި ވެސް ފާހަގަ ކުރެވޭ ހުނަރުވެރި ދަރިވަރެކެވެ. އެތައް އިތުރު ޙަރަކާތެއްގައި ބައިވެރިވެ ޒާއިންވަނީ ރަންވަނަތައް ޙާޞިލުކޮށްފައެވެ.

ދެވަނައަށް ދިޔަ އީޒާން ޢަލީ ވަނީ އޯލެވެލް އިމްތިޙާނުން ޓޮޕް ޓެންގެ 1ވަނަ ހޯދައިފައެވެ. އަދި އެސް.އެސް.ސީ އިސްލާމް މާއްދާއިން 1ވަނަ ހޯދައިފައެވެ. އީޒާނަކި އަޚުލާޤު ވަރަށް ރަނގަޅު، ކިޔެވުމަށް ވަރަށް މަސައްކަތް ކުރާ، ޙަރަކާތްތެރި މޮޅު ދަރިވަރެކެވެ. ނިމިދިޔަ އަހަރުގެ ސްކޫލު ކެޕްޓަނަކީ ވެސް އީޒާނެވެ. ބަރާބަރަށް ސްކޫލަށް ޙާޟިރުވާ އީޒާނަކީ ސްކައުޓެކެވެ. އަދި ސްކޫލް ޕްރިފެކްޓް ނޫވިންދުގެ އެޑިޓޯރިއަލް ޓީމުގެ މެމްބަރެއް ވެސް މެއެވެ. އީޒާން ވަނީ އެތައް އިތުރު ޙަރަކާތެއްގައި ބައިވެރިވެ ރަންވަނަތައް ޙާޞިލުކޮށްފައެވެ.

ތިންވަނަ ހޯދި އަޙްމަދު ފާޒިލް ފަތުހުﷲ ވަނީ އޯލްވެލް އިމްތިޙާނުން ޓޮޕް ޓެންގެ ދެވަނަ ހޯދުމުގެ އިތުރުން އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދައިފައެވެ. ޤަވާޢިދުން ސްކޫލަށް ޙާޟިރުވާ މިދަރިވަރަކީ އަޚުލާޤު ވަރަށް ރަނގަޅު ސްކައުޓެކެވެ. ސްކައުޓެއްގެ އިތުރުން ފާޒިލްއަކީ ނިމިދިޔަ ދިރާސީ އަހަރު ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ސްކޫލު ކެޕްޓަން ވެސް މެއެވެ. އަދި މި ދަރިވަރަކީ ސްކޫލް ޕްރިފެކްޓް ނޫވިންދުގެ އެޑިޓޯރިއަލް ޓީމުގެ މެމްބަރެއް ވެސް މެއެވެ. ފާޒިލް ވަނީ އެތައް އިތުރު ޙަރަކާތެއްގައި ބައިވެރިވެ، ރަންވަނަތައް ޙާޞިލުކޮށްފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!